އެމްޕީއެލް ތެލުގެ ވައްކަން އަށް މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ: ޝާހިދު

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ތެޔޮ ފޯރުކޮށްދިނުމުގެ ތެރެއިން ކުރި ވައްކަމުގެ އަގު އަށް މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެފްއެސްއެމުން އެމްޕީއެލަށް ތެޔޮ ފޯރުކޮށްދިނުމުގެ ތެރެއިން 2018 ވަނަ އަހަރުގެ ތެރޭގައި ތެޔޮ ސަޕްލައިކުރުމުގައި ބޮޑެތި ވައްކަންތަކެއް ހިނގާފައިވާކަން ފާހަގަކުރެވޭކަމަށް މީގެކުރިން އެމްޕީއެލުން ވަނީ ހާމަކޮށްފައެވެ. މި ވައްކަންތައް ކޮށްފައިވަނީ، އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ގުޅިގެންނެވެ.

"މި ބާވަތުގެ ކަންކަން މި ހިނގާ ގޮތަކީ އެފްއެސްއެމުން ގަންނަ ތެޔޮ އެމްޕީއެލަށް ޑެލިވާ ކުރާއިރު، އެ ޑެލިވާ ކުރަންޖެހޭ އަދަދަށް ވުރެ މަދުން ޑެލިވާކޮށްފައި، އެފްއެސްއެމް މުވައްޒަފުން ބައުޒަރުގައި ބާކީ ހުންނަ ބައި ގެންގޮސް ވިއްކާލަނީ،" ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވީ، ކުންފުނީގެ އެތެރޭގެ ތަހްގީގުތަކުން މިހާތަނަށް ކަށަވަރުވެފައިވާގޮތުން ތެލުގެ ވައްކަންތައް ފެށިފައިވަނީ 2018 ވަނަ އަހަރުން ފެށިގެން ކަމަށެވެ. މިކަން އެމްޕީއެލްއަށް ޔަޤީންވީ އެއީ އެކުންފުނިން ހެދި ތެޔޮ ބޭނުންކުރާ އަދަދު އަންގައިދޭ ރިޕޯޓަކުންނެވެ.

"ތެޔޮ ސަޕްލައިކުރުމުގައި މައްސަލަތަކެއް އުޅޭކަމަށް އަޅުގަނޑުމެންނަށް ފާހަގަ މިކުރެވުނީ ކޮވިޑް ތެރޭގައި ކުންފުނީގެ އޮޕަރޭޝަންތައް ދަށްވި ނަމަވެސް ތެޔޮ ބޭނުންކުރާވަރު އެ އިންނަ ވަރެއްގައި އިންނަކަން ފާހަގަކުރެވުމުން. އެކަން ފާހަގަކުރެވުމުން އަޅުގަނޑުމެން މި ކަންތައްތައް މި ބަލަންފެށީ،" އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ.

އެމްޕީއެލުން ހިންގި އެތެރޭގެ ތަހުޤީޤުގެ އިތުރުން ކުރި މިނިވަން އޮޑިޓުގެ ރިޕޯޓުން އެނގުނުގޮތުގައި ތެލުގެ މި ވައްކަމުގެ ސަބަބުން 2020 ވަނަ އަހަރު އެކަނިވެސް އެކުންފުންޏަށް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވިއެވެ. މި މައްސަލަ ވަރަށް ޚާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލުން ވަނީ ތެލުގެ ވައްކަމުގައި ބައިވެރިވިކަމަށް ފާހަގަކުރެވުނު މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ފިޔަވަޅު އަޅާފައެވެ. މިގޮތުން މިހާރު އެމްޕީއެލްގެ އެއްވެސް ދިމާލެއްގައި އެކަމުގައި ބައިވެރިވި އެއްވެސް މުވައްޒަފަކު ނުހުންނާނެކަމަށް އެމްޕީއެލުން ބުނެއެވެ. ފެންމަތިވި ތެލުގެ ވައްކަމާ ގުޅިގެން އެމްޕީއެލްއިން ވަނީ މުދާ ގަތުމުގައި އެކުންފުނިން ގެންގުޅެމުން އައި އުސޫލުތައްވެސް ހަރުދަނާކޮށްފައެވެ.

comment ކޮމެންޓް