ޕޯޓުތައް ތޮއްޖެހުން: ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

މޯލްޑިވްސް ސްޓޭޓް ޝިޕިން ގެ ކާގޯ ވެސަލް އެއް--

މި ސަރަހައްދުގެ ޕޯޓުތަކުގައި މުދާ އުފުލާ ބޯޓުތައް ތޮއްޖެހުމުގެ ސަބަބުން ދުނިޔޭގެ އެއް ތަނުން އަނެއް ތަނަށް މުދާ ފޯރުކޮށްދިނުމުގެ ސަޕްލައި ޗެއިނަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ. މި ސަރަހައްދުގެ ޕޯޓުތަކުގައި ކާގޯ ބޯޓުތައް ތޮއްޖެހުމުގެ މައްސަލަ، އިރުދެކުނު އޭޝިއާ ސަރަހައްދަށް ފެތުރި، ރާއްޖެއާ ހަމައަށް ވެސް ގެއްލުން ފޯރަފާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ.

މި މައްސަލަ ފެށުނު އެއް ސަބަބަކީ، ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑު ކުރާނެ ކަމަށް މިދިޔަ މަހުގެ 14ގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރެއްވުމެވެ. އެއާއެކު، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ކުރިން މުދާ ފޮނުވުމަށް، ޗައިނާގެ ވިޔަފާރިވެރިން ވަނީ އަވަސްވެގަނެފައެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުއެޅުމުގެ ކުރިން ޗައިނާއިން ގިނަ މުދާތައް އެއްފަހަރާ އެކްސްޕޯޓު ކުރުމުގެ ސަބަބުން މުޅި ސަރަހައްދު ހިމެނޭހެން ތައިލޭންޑު، މެލޭޝިއާ އަދި ސިންގަޕޫރުގެ ޕޯޓުތައް ވެސް ތޮއްޖެހެއެވެ.

މިކަމުގެ ސަބަބުން ފާއިތުވި ދެ މަސް ތެރޭގައި ކޮންޓެއިނަރުގެ އަގުތައް ވަނީ 88 އިންސައްތަ ބޮޑުވެފައެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ތައިލެންޑުން ފްރައިޓް ފޯވާޑިންގައި މަސައްކަތް ކުރައްވައި އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި، ޗައިނާއިން ކުރިން 2000 ޑޮލަރަށް ލިބޭ 20 ފޫޓުގެ ކޮންޓެއިނަރެއް މިހާރު ހުރީ 5000 ޑޮލަރަށް ކަމަށެވެ. ހަމަ އެގޮތަށް މެލޭޝިއާގައި ވެސް 3000 ޑޮލަރަށް ލިބެން ހުރި ކޮންޓެއިނަރުތަކުގެ އަގު އިތުރު 1000 ޑޮލަރު އުފުލިފައިވާ ކަމަށް އޭނާ މައުލޫމާތު ދެއްވައެވެ.

"ތައިލޭންޑުގައި ކުރިން މިހުރީ 3200 އަށާއި 3350 އަށާއި، އެދޭތެރޭގަ. ހުއްޓާ މިހާރު މިކޮޅުން ވެސް މި ބަދަލުވީ 4300 އާއި 4500 އާ ދޭތެރެއަށް މި ބަދަލުވީ ކޮންޓެއިންރުގެ ފްރައިޓް ރޭޓުތައް. ބަދަލުވީމަ މީން އަންނާނެ ކަންނޭންގެ ވަރަށް ބޮޑު އިމްޕެކްޓެއް،" އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ތައިލެންޑުން މާލެ ގެންނަ ކާގޯ އާންމުކޮށް ގެންދަނީ ކޮލަމްބޯ މެދުވެރިކޮށް ކަމަށެވެ. އެހެން ނަމަވެސް ބައެއް އެއްޗެހި މެލޭޝިއާ މެދުވެރިކޮށްދާ ކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

"ގިނައިން މި ގެންދަނީ ހަމަ ބެންކޮކް، ކޮލަންބޯ، މާލެ މި ރޫޓުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަމަ އެ މައްސަލައާ ހުރެ ކޮލަމްބޯ ޕޯޓު ވެސް ވަރަށް ބޮޑަށް ތޮއްޖެހުނު ކަމަށެވެ. އަދި މި ވިޔަފާރިއަށް އައި ބަދަލާއެކު، ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓު ކުރަން ބޭނުންވާ މުދާތައް ގެންދިއުމަށް ހުރިހާ ތަނެއްގައި ހުރި އަގުހެޔޮކޮށް ދަތުރުކުރާ ވަރަށް ގިނަ ބޯޓުތައް އެކޮޅަށް ޑައިވާޓު ކުރި ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑުބާއީ ފިޔަވާ ހުރިހާ ތަނަކުވެސް ފްރައިޓް ރޭޓު 1000 ޑޮލަރު އެވްރެޖުކޮށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މެލޭޝިއާ، ސިންގަޕޫރު އަދި ޗައިނާގައިވެސް އަގުތަށް ބޮޑުވެފައިވާ ކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

މިކަން މިގޮތަށް ކުރުމުގެ ސަބަބުން ކޮންޓެއިންރު އުފުލާނެ ބޯޓުގެ ދަތިކަން ވެސް މި ސަރަހައްދުގެ ހުރިހާ ތަނަކުން ތަހައްމަލު ކުރަން ޖެހޭ ކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގެ ސަބަބުން މިހާރު ޑިމާންޑާއި ސަޕްލައި އެއްވެސް ވަރަކަށް ދިމާނުވާ ކަމަށެވެ.

އާންމުކޮށް ޗައިނާއިން އެމެރިކާއަށް މުދާ ބަރުކޮށްގެން ދަތުރުކުރާ ބޯޓުތައް ބޭނުން ކުރާ ރޫޓަކީ 'ސްޓްރެއިޓް އޮފް މަލާކާ'ގެ ރޫޓެވެ. މި ބޯޓުތައް ބަނދަރު ކުރަނީ ސިންގަޕޫރުގައި ކަމުން ފާއިތުވި ހަފުތާތަކުގައި ބަނދަރު ކުރާ ބޯޓުތައް އިތުރުވެ، ސިންގަޕޫރުގެ ބަނދަރުގައި ތޮއްޖެހެން ފެށީއެވެ.

ސިންގަޕޫރުގެ ސެންޓްރަލް ނިއުސް އޭޝިއާ (ސީއެންއޭ)އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ އޭޕްރިލް މަހު 600 ބޯޓު ސިންގަޕޫރުގައި ބަނދަރުކޮށްފައިވާއިރު، މިދިޔަ މަހު އެކަނި 1000 ބޯޓު ސިންގަޕޫރުގައި ބަނދަރު ކޮށްފައިވެއެވެ.

ސީއެންއޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިންގަޕޫރު ޕޯޓުގައި ކުރިން އެއް ދުވަސް ނުވަތަ ދެ ދުވަހުގެ ތެރޭގައި ބަނދަރުކުރެވޭ ނަމަވެސް މިހާރު އެ މުއްދަތު ވަނީ އެވަރެޖުކޮށް ހަތް ދުވަހަށް އިތުރުވެފައެވެ.

ރާއްޖޭގައި އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސް، ރާއްޖޭގެ އާ ޝިޕިން ލައިން އިފްތިތާހްކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިކަމުގެ ސަބަބުން ބޯޓުތަކުގެ ދަތުރަށް ނަގާ މުއްދަތު ވެސް އިތުރުވެ، އެކްސްޕޯޓާއި އިމްޕޯޓަށް ލަސްތަކެއް ދިމާވެ، މުދަލުގެ އަގު އުފުލުން އެކަށީގެންވާ ކަމަށް، މެލޭޝިއާގެ އާރުއެޗްބީ ބޭންކުގެ އެކްޓިން ގުރޫޕް ޗީފް އިކޮނޮމިސްޓް ބާނަބަސް ގާންއާ ހަވާލާދީ ސީއެންއޭގައިވެއެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

ރާއްޖެއަކީ ވަރަށް މަދުން އެކްސްޕޯޓު ކުރި ނަމަވެސް އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާ ވެފައި އޮންނަ ގައުމެކެވެ. މިދިޔަ އޭޕްރިލް މަހު އެކަނި ވެސް ރާއްޖެއަށް ތެޔޮ ހިމެނޭ ގޮތަށް 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅައިބަލާއިރު ހަ ޕަސެންޓު އިތުރު އަދަދެކެވެ.

ފްރައިޓް ފޯވާޑިންގައި މަސައްކަތް ކުރައްވައި ފަރާތުން ވިދާޅުވީ ގޮތުގައި މި ކަމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަނަށް ވެސް ނޭދެވޭ އަސަރު ކުރާނެއެވެ. އެގޮތުން ރާއްޖެއަށް ގެންނަ މުދަލުގެ އަގު ބޮޑުވެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މުއްދަތުގައި އެކްސްޕޯޓް ވަނީ 22 ޕަސެންޓް ދަށްވެފައެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު އެކްސްޕޯޓް ކުރީ 151 މިލިއަން ރުފިޔާގެ މުދާ ކަމަށްވާއިރު މާޗު މަހު ބޭރުކުރީ 124 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ ކުރީ އަހަރާ އަޅައިބަލާއިރު 64 ޕަސެންޓުގެ ދަށްވުމެކެވެ.

އެހެންނަމަވެސް ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާ ވެފައި އޮންނަ ޤައުމަކަށް ވާތީ ބޮޑަށް އެކްސްޕޯޓަށް ވުރެ އިމްޕޯޓަށް އަސަރު ކުރުމުގެ ސަބަބުން ރައްޔިތުންނަށް އޭގެ ގެއްލުން ވެދާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

"އެކްސްޕޯޓަށް ހިޔެއްނުވޭ އެހާ ބޮޑު އިމްޕެކްޓެއް އައިސްފާނެ ހެން، އެއީ އެކްސްޕޯޓަށް ރާއްޖެއަކުން ނުދާނެ ބޯޓެއް ފުރެންދެން ވެސް އެއްވެސް އެއްޗެއް. ދިޔަސް މިދަނީ ހުސް ކޮންޓެއިނާ، ރާއްޖެއިންދާ ބޯޓު ފަހަރުން މިގެންދަނީ. އެއްވެސް އެއްޗެއްލައިގެން ލޯޑު ކޮށްގެން ގެންދާ އެއްޗެއް ގޮތުގައި ނުގެންދާނެ، ރާއްޖެއަށް އިންވާ ކޮންޓެއިނާތައް، އެކި ތަންތަނަށް ޑައިވާޓް ކުރުމަށް ގެންދާ ކޮންޓެއިނާ ތަކެއް އެކަނި ދާނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިމްޕޯޓަށް ދިމާވާ މި މައްސަލައިގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ދެ ގޮތެއް އެބައޮތް ކަމަށެވެ. އެގޮތުން އެއް ގޮތަކީ މިހާރު އަގުބޮޑުކޮށް ގެންދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަނެއް ގޮތަކީ ފްރެއިޓަށްވާ ގޮތެއް ބަލައިލަން މަޑުކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރަހައްދުގެ ޕޯޓުތަކަށް ދިމާވެފައިވާ މައްސަލައާ ގުޅޭ ގޮތުން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން މިހާތަނަށް ބަހެއް ލިބިފައި ނުވި ނަމަވެސް ކަސްޓަމްސްއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އެކްސްޕޯޓު އެހާ ބޮޑަށް ދަށްވުމުގެ ސަބަބުތަކުގެ ތެރޭގައި، މި ސަރަހައްދުގެ ސަޕްލައި ޗެއިންއަށް ކޮށްފައިވާ އަސަރު ހިމެނެއެވެ.

މުދާ ސަޕްލައި ކުރުމުގެ ވިއުގައަށް ބުރޫ އެރުމުގެ ސަބަބުން ގައުމުތަކަށް ވަގުތުން އޭގެ އެ އަސަރު ނުކޮށްފާނެއެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ވެސް ހިމެނޭހެން، މުޅި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވެއެވެ.

comment ކޮމެންޓް