ރަށު ބަހުރުވައިން ޚުތުބާ ކީ އިމާމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

އައްޑޫ ބަހުން ހުކުރު ޚުތުބާ ކިޔައިގެން ސަސްޕެންޑު ކުރި، މުހައްމަދު ރަޝީދު -- ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ސިޓީ މީދޫ މިސްކިތެއްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ދޭއްވީ ހުކުރު ދުވަހު، ހުކުރު ނަމާދު ކުރެއްވި މުޙައްމަދު ރަޝީދަށް ދޫކޮށްފައިވާ އިމާމުވެ ހުކުރު ނަމާދާއި، އީދު ނަމާދާއި، ކޭތަ ނަމާދު ކުރުމުގެ ހުއްދަ، ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މުޙައްމަދު ރަޝީދަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އޭނާ އެދުވަހު ޚުތުބާ ކިޔާފައިވަނީ "ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، އީދު ނަމާދާއި، ކޭތަ ނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު"ގެ ނުވަ ވަނަ މާއްދާގެ (ނ)އާ ޚިލާފަށް ކަމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ވުމާއެކު އިމާމުވެ ހުކުރު ނަމާދާއި، އީދު ނަމާދާއި، ކޭތަ ނަމާދު ކުރުން އޭނައާ ހަވާލު ކުރުން ހުއްޓާލުމަށް މިނިސްޓްރީން އަންގާފައިވާ ކަމަށް ވެސް ސިޓީގައިވެއެވެ. އަދި އެ މިނިސްޓްރީން މުޙައްމަދު ރަޝީދަށް ނަސޭހަތްތެރިވާނެ ކަމަށް އަންގާފައިވާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން ބުނީ އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރާނެ ކަމަށް ވެސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އެ އިމާމު ސަސްޕެންޑު ކޮށްފައިވާއިރު އޭނާ ބުނީ އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާ ކީ މިސްކިތުގައި ތިބި މީހުންގެ ތެރޭގައި މާލޭ ބަހުރުވަ ނޭނގޭ ބިދޭސީންނާއި އުމުރުން ދުވަސްވީ މީހުން ތިބުމުން ކަމަށެވެ.

މުހައްމަދު ގަބޫލު ކުރާގޮތުގައި ޚުތުބާ ކިޔާއިރު އިސްކަން ދޭންވީ އެންމެ ގިނަ މީހުންނަށް ފަސޭހައިން ފަހުމުވާ ގޮތަށް ކިޔުމަށެވެ. އެރަށު މިސްކިތްތަކަށް ގިނައިން އަރަނީ ބިދޭސީންނާއި އުމުރުން ދުވަސްވީ މީހުން ކަމަށާއި އެ މީހުންނަށް ފަހުމު ވަނީ އައްޑޫ ބަހުރުވައިން ވާހަކަ ދެއްކުމުން ކަމަށް ދިފާއުގައި ވާހަކަ ދައްކަމުން މުހައްމަދު ބުންޏެވެ.

އެ މައްސަލައިގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މުދިމު ސަސްޕެންޑު ކުރީ އައްޑޫ ބަހުރުވައިން ޚުތުބާ ކިޔައިގެން ނޫން ކަމަށެވެ. ނަމަވެސް ޚުތުބާ ކިޔުމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ތުހުމަތު މުހައްމަދު ދޮގުކުރެއެވެ. އޭނާ ބުނީ ޚުތުބާގެ ބަހުރުވަ ފިޔަވާ އިތުރު އެއްޗެއް ބަދަލު ނުކުރާ ކަމަށެވެ.

comment ކޮމެންޓް