ކަނޑުވި މީހާ ފަރުވާއަށް ގެނައިއިރު ވެސް އޮތީ މަރުވެފައި: އައިޖީއެމްއެޗް

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ބުދަ ދުވަހު އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، އިއްޔެ ބަންޑުން ޖަހާލި ބޯޓުން ކަނޑުވި މީހުންގެ ތެރެއިން އައިޖީއެމްއެޗަށް ފަރުވާ ދޭން ގެންދިޔަ މީހާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ރޭ ހަތެއް ޖަހާކަންހާއިރު އެ ހޮސްޕިޓަލަށް ގެންދިޔަ 59 އަހަރުގެ އެ ބިދޭސީ މީހާ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.

އެ ބޯޓް ބަންޑުން ޖަހާލިއިރު އޭގައި ހަތް މީހުން ތިބިއިރު އެ މީހާއަކީ ގެއްލުނު މީހެކެވެ. އޭނާ ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ސިފައިންނަށެވެ.

އެ ބޯޓުގައި ދެން ތިބި ހަ މީހުން ވަނީ އެ ސަރަހައްދުން ދަތުރު ކުރި ރާއްޖޭގެ އެހެން ބޯޓަކަށް ނަގައިފައެވެ. އެ ހަ މީހުން ރޭ މާލެ ގެނެސްފައިވާއިރު އެ މީހުންގެ ހާލު ރަނގަޅު ކަމަށް ސިފައިން ބުންޏެވެ.

އެ ބޯޓު ބަންޑުން ޖަހައިލީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރަށެވެ.

comment ކޮމެންޓް