ދުވަސްތައް ފާހަގަކުރަން ބެލެނިވެރިން ލައްވާ ހޭދަތައް ކުރަން ތަރުހީބެއް ނުދެން: މިނިސްޓްރީ

އިސްކަންދަރު ސްކޫލްގެ ކްލާސް ރޫމްގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން

އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ބެލެނިވެރިން މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާ ހޯދުމާއި، ބެލެނިވެރިން ލައްވާ ބޮޑެތި ހޭދަތައް ކުރުމަކީ އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސިޓީއެއްގައި ބުނީ އެކަން އެގޮތަށް ކުރުމުގެ ސަބަބުން ބެލެނިވެރިންގެ ފަރާތުން ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ ސްކޫލުތަކުން އެކިއެކި މުނާސަބާތަކާ ގުޅުވައިގެން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ބޮޑެތި ހޭދަތައް ކުރަމުންދާ ކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ކުރާ ހޭދަތަކަށް ބޭނުންވާ ފައިސާ، ސްކޫލުގެ ޕީޓީއޭ މެދުވެރިކޮށް އަދި އެކިއެކި ފަރާތްތަކުގެ ހިލޭ އެހީއާއި ސްޕޮންސާގެ ގޮތުގައި ހޯދާކަން ފާހަގަކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްކޫލުތަކުގައި ރާވާ ހިންގާ ކޮންމެ ހަރަކާތަކީ އެކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާ ގޮތަށް ހިންގާ ހަރަކާތްތަކަށް ހެދުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ބެލެނިވެރިން ދަރިވަރުންނަށްޓަކައި ކުރާ ކޮންމެ ހޭދައަކީ އެކަމުގެ ސީދާ އަސަރު ދަރިވަރުންނަށް ކުރާ ކަމަކަށް ހެދުމަށް މިނިސްޓްރީން ބާރުއަޅާ ކަމަށް ސިޓީގައިވެއެވެ. މީގެ އިތުރުން ހޭދަތައް ކުރުމުގައި އިގްތިސާދު ކުރުމަށް ދަރިވަރުން އަދި ބެލެނިވެރިންނަށް ބާރުއަޅައި، ހިތްވަރުދޭންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ މުޅި ދުނިޔެ އިގްތިސާދީ ބަނަ ވިލާގަނޑެއްގެ ތެރޭގައި އޮތް މިފަދަ ދުވަސްވަރެއްގައި ޚަރަދު ކުޑަކުރުމަށާއި އިސްރާފު ކުރުން މަދު ކުރުމަށް ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެކަމަށް ހިތްވަރު ދިނުމުގައި ތައުލީމީ ނިޒާމުގެ ތެރެއިން ނަމޫނާ ދެއްކިދާނެ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

"އެހެންކަމުން ދުވަސްތައް ފާހަގަކުރުމަށް އަގުބޮޑު ހަދިޔާތައް ބަދަލުކުރުމާއި އެކިއެކި ހަފުލާތައް ބޭއްވުމަށް ބޮޑެތި ހޭދަތައް ނުކުރުމަކީ މިނިސްޓްރީގެ އިލްތިމާސެއް،" މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ އެގޮތަށް ކުރެވޭ ކަންކަމުގެ ސަބަބުން އެއް ކްލާހެއްގައި ކިޔަވާ ދަރިވަރުންގެ މެދުގައި އަޅާކިޔުމާއި ސްކޫލުތެރޭގައި ދަރިވަރުން ދަރަޖަކުރެވި ލޭބަލް ކުރުމަށް މަގުފަހިވާ ކަމަށެވެ. އަދި އޭގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ތައުލީމީ ނިޒާމާމެދު ދެކޭގޮތް ބަދަލުވެ، ނުރަނގަޅު ތަސައްވުރެއް އުފެދުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް