ނަންބަރު ބޯޑް ބަދަލު ކުރަން ޖެހުން ޑރ. މުޢިއްޒު ސިފަ ކުރެއްވީ ތަކުލީފެއް ގޮތަށް

ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕާކިން އޭރިއާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަވައިދާ ހިލާފަށް ނަންބަރު ބޯޑް ހުންނަ ވެހިކަލްތަކާމެދު މާދަމާ ފިޔަވަޅު އަޅަން ފަށާއިރު އެކަމަކީ ރައްޔިތުންނަށް ޖައްސާ ތަކުލީފެއް ކަމަށް، މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ފަހަކަށް އައިސް ހަދައިފައި ހުންނަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދާ ހިލާފަށް ކަމަށް، މިދިޔަ ހޯމަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ.

އެކަން އިސްލާހު ކުރުމަށް އެންގުމަށް ފަހު ފުލުހުން ބުނީ ނަންބަރު ބޯޑްތައް ގަވައިދާ ހިލާފަށް ހުންނަނަމަ މާދަމާއިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.

https://sun.mv/168683

އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާ މޭޔަރު މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޒުވާނުންނާއި ޢާއްމު ރައްޔިތުންނަށް ޖެހޭ އިތުރު ތަކުލީފެއް ކަމަށެވެ.

"ނަންބަރު ބޯޑު ހުންނަންވާނީ ގަވާއިދާއި އެއްގޮތަށް، ނަމަވެސް ރައްޔިތުންގެ އަތާ އަނގަޔާ ދިމާނުވާ ހާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ، ތަރުތީބު އޮޅިފައިވާ ސިޔާސަތެއް، ކޮންމެ ކަމަކަށްވެސް މުނާސަބު ވަގުތަކާއި ހާލަތެއް އޮންނާނެ." މުއިއްޒު ވިދާޅުވިއެވެ.

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ގަވާއިދުގައިވާ ގޮތުން އިންޖީނުލީ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީކުރުމަށް ފަހު އެ އުޅަނދުގައި ހަރުކުރުމަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާ، ނުވަތަ ރަޖިސްޓްރާ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް ގަވާއިދުގައި ފާހަގަކޮށްފައިވާ ގޮތަށް ހަރުކުރުމަށް ފަހުއެވެ.

ހަމައެއާއެކު ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ "އޭރިއަލް ބޯލްޑް" ފޮންޓުން ކަމަށްވާއިރު ނަންބަރު ބޯޑުގެ އަކުރުތަކުގެ ސައިޒު ހުންނަންވާނެ ގޮތް ވެސް ކުރެހުމާ އެކު އެ ގަވާއިދުގައި ހިމަނާފައިވެއެވެ.

ނަންބަރު ބޯޑު ހަރުކުރުމަށް ޖަަހައިފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ ވެސް މަނާކަމެކެވެ.

ހަމައެއާއެކު ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެއްގެ ގޮތުގައި އެ ގަވައިދުގައިވެއެވެ.

އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.

ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ހުންނަން ވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ.

ކޮންސިއުލާ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަން ވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި ކަމަށް ވާއިރު އެ ނޫން އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަން ވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ.

އެ ނޫން ކުލަތަކާއި ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.

comment ކޮމެންޓް