ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ، ރަންޔޫބީލްގެ މުނާސަބަތުގައި، އެ ދާއިރާއަށް އެކި ގޮތްގޮތުން ޚިދުމަތްކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް، ހަނދާނީ ފިލާ އަރުވައިފިއެވެ.

ރޭ ކްރޮސްރޯޑްސްގަައި ބޭއްވި މި ހަފްލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން، ނާއިބު ރައީސް ފައިސަލް ނަސީމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވިއެވެ.

މިރޭގެ ހަފްލާގައި އަގުވަޒަންކުރި ފަރާތްތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގާއި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި، އެ ދާއިރާއަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދީފައިވާ ޝަޚްސިއްޔަތުތައް ހިމެނެއެވެ. މީގެ އިތުރުން، އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ކުންފުނިތަކާއި، ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިވާ ސަރުކާރުގެ އިދާރާތައް އަދި، ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އަގުވެސް ވަނީ ވަޒަންކޮށްފައެވެ.

މި ހަފްލާގައި ވަނީ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފެށުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުންގެ ޝުއޫރުފާޅުކުރައްވާފައެވެ.

އެގޮތުން، ފަތުރުވެރިކަމުގެ އެއް ބާނީ، ޗަމްޕާ ޙުސައިން އަފީފް ވިދާޅުވީ ދިވެހިރާއްޖެ ދުނިޔޭގެ އެއްވަނަ މަންޒިލަށްވުމަށް ކުރި މަސައްކަތަށްވުރެ ގިނަ މަސައްކަތް އެ މަގާމުގައި ދެމި ހުރުމަށް ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން، އިންޑަސްޓަރީގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން އެކަމަށް މަސައްކަތް ކުރުމަށް ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

މުޙައްމަދު އުމަރު މަނިކުގެ ވާހަކަައިގައި ވަނީ މި ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރާ ފަރާތްތަކުގެ އަގު އެހެން އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް، ވަޒަންކުރާކަމަށް ވިދާޅުވެފައެވެ.

"މިރޭ އަޅުގަނޑުމެންނަށް އެނގިއްޖެ މިއީ އަޅުގަނޑުމެން ޕްރައުޑްވާން ޖެހޭ އިންޑަސްޓްރީއެއްކަން. ސަރުކާރުން ވެސް މިކަން ބަލައިގެންފިކަން" އޭނާ ވިދާޅުވިއެވެ.

މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވަނީ ރާއްޖޭގައި ފާއިތުވި ހުރިހާ ސަރުކާރުތަކުން ވެސް ފަތުރުވެރިކަމުގެ ދާއިރާއަށް އެހާ ބޮޑަށް އިންޓަފެއާ ނުކުރައްވާ، ކުރިއަށްދާން ފުރުސަތު ދެއްވީތީ ޝުކުރުއަދާކުރައްވާފައެވެ.

އަދި މިހާރުގެ ސަރުކާރުން ފަތުރުވެރިކަމާ ބެހޭ ކަންކަމުގައި ދާއިރާގެ އިސްފަރާތްތަކާ މަޝްވަރާކުރައްވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ގިނަ ހަރަކާތްތަކެއް މި ހަފުތާއާއި، އަންނަ ހަފުތާއަށް ވަނީ ރޭވިފައެވެ.

comment ކޮމެންޓް