އަޒުހާން ހޯދުމަށް ކުރާ މަސައްކަތް މިހާރަށްވުރެ ރަނގަޅަށް ގެންދަން އެމްއާރުއެމުން ގޮވައިލައިފި

ގެއްލިގެން ހޯދަމުން އަންނަ މުޙައްމަދު އަޒުހާން --

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން އަންނަ ހ. ބޮނޑިކަނދޮޅުގޭ، މުޙައްމަދު އަޒުހާން، 27، އަދިވެސް ހޯދިފައިނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ފުރިހަމަކޮށް ކުރިއަށް ގެންގޮސްދިނުމަށް މޯލްޑިވްސް ރިފޯމް މޫމެންޓް، (އެމްއާރުއެމް) އިން ގޮވައިލައިފިއެވެ.

އަޒްހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 20ވަނަ ދުވަހުގެ ރޭ 7:00ހާއިރުއެވެ.

އަޒްހާން ގެއްލުނުތާ 10 ވަރަކަށް ދުވަސް ފާއިތުވެފައިވާއިރު ފުލުހުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ.

އަޒްހާން، ހޯދަން ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެކަށީގެންވާ ކުރިއެރުން ލިބިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްއާރުއެމުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އަޒްހާން ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ފުރިހަމަކޮށް ކުރިއަށް ގެންގޮސްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލާފައެވެ.

"އަޒްހާން ނުފެނި ފާއިތުވަމުންދާ ކޮންމެ ދުވަހަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމުގައިވާތީ އޭނާ ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ފުރިހަމަކޮށް ކުރިއަށް ގެންގޮސްދެއްވުމަށް މިޕާޓީގެ ފަރާތުން ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ،" އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނެފައިވަނީ އަޒުހާން ހޯދުމަށް މިހާތަނަށް ބެލި ސީސީޓީވީ ފްޓޭޖްތަކަށް ބަލާއިރު، އޭނާ އެންމެފަހުން ފެނިފައި ވަނީ، ފޭސް އެކެއްގެ ރެޑްބުލް ދަނޑު ހިމެނޭ ސަރަހައްދުން ކަމަށެވެ.

އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އޭނާ އަރައިފައިވާ ކަން ފާހަގަވެފައިވާ ކަމަށާއި އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އަޒުހާން ވަނީ ހުޅުމާލޭ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސްއިން ކާރެއްގައި ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރަށް ގޮސްފައިކަން އެނގިފައިވާ ކަމަށެވެ.

އެ ޓަވަރަށް އެރުމަށްފަހު އަޒުހާން ވަނީ ފަތިހު 04:53 ހާއިރު އެ ޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއެއްގައި ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސް ސަރަހައްދަށް އަނބުރާ ގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދެ ކާރުގެ ޑްރައިވަރުން ހޯދިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަޒްހާން ވައިގެމަގުން ރާއްޖޭގެ އެއްވެސް އަތޮޅަކަށް އަދި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިނުވާކަމަށް މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

comment ކޮމެންޓް