ޗެލްސީގެ ލެޖެންޑް އޮބި މިކޭލް ރިޓަޔާކޮށްފި

އޮބި މިކޭލް ޗެލްސީ ޖޯޒީގައި--- ފޮޓޯ/ގެޓީ އިމޭޖް

ޗެލްސީގެ ލެޖެންޑް، ނައިޖީރިއާގެ ގައުމީޓީމުގެ ކުރީގެ ޑިފެންސިވް މިޑްފީލްޑަރު އޮބި މިކޭލް ރިޓަޔަކޮށްފިއެވެ.

އުމުރުން 35 އަހަރުގެ މިކޭލް ފުޓްބޯޅައިން ރިޓަޔަކުރިކަން ހާމަކުރަމުން އޭނާގެ އިންސްޓަގްރާމުގައި އާއްމުކުރި މެސެޖެއްގައި ބުނީ، ހުރިހާ ރަނގަޅުކަމަކަށް ނިމުން އަންނަ ފަދައިން އޭނާގެ ފުޓްބޯޅަ ކެރިއަރަށްވެސް ނިމުން އައިސްފައިވާކަމަށެވެ. މިކޭލް ބުނީ އޭނާގެ 20 އަހަރުގެ ފުޓްބޯޅަ ކެރިއަރާމެދު ހިތްހަމަ ޖެހޭކަމަށާއި، ހަރުދަނާ މީހެއްގެ ގޮތުގައި ވެގެންދިޔަކަމަށެވެ.

މިކޭލް ފުޓްބޯޅައިން ރިޓަޔާކުރުމުގެ ކުރިން އޭނާ ކުޅެފައިވަނީ ކުވޭތުގެ ކުވޭތް ސްޕޯޓްސްއަށެވެ.

މިކޭލް އެންމެ ފާހަގަކުރެވިގެންދިޔައީ ޗެލްސީއަށް ކުޅުނު އިރުއެވެ. ޗެލްސީއާ 2006 ވަނަ އަހަރު ގުޅުމަށްފަހު އެ ކުލަބާއެކު ހޭދަކުރި 11 އަހަރު ދުވަހުގެ ތެރޭގައި މިކޭލް ވަނީ އެ ކުލަބަށް 249 މެޗު ކުޅެދީފައެވެ. ޗެލްސީއާއެކު މިކޭލް ވަނީ 11 ޓްރޮފީ ހޯދާފައެވެ. އޭނާ ވަނީ ޗެލްސީއާއެކު ޗެމްޕިއަންސްލީގް، ޔޫރޮޕާލީގް ހޯދާފައެވެ. މީގެ އިތުރުން ޕްރިމިއާ ލީގް ދެ ފަހަރު، އެފްއޭކަޕް ތިން ފަހަރު ހޯދާފައިވެއެވެ.

މީގެ އިތުރުން މިކޭލް ވަނީ ނައިޖީރިއާގެ ޓީމާއެކުވެސް ކާމިޔާބީތައް ހޯދާފައެވެ.

މިކޭލްގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ވަނީ، ޗެލްސީގެ އިތުރުން ޗައިނާގެ ޓިއާންޖިން، އިންގްލެންޑްގެ މިޑްލްސްބަރޯ އާއި ސްޓޯކްސިޓީއަށްވެސް ކުޅެފައެވެ.

އޮބި މިކޭލްގެ ފުޓްބޯޅަ ކެރިއަރުގައި ދިމާވި އެންމެ ހިތްދަތި ދުވަހަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ނައިޖީރިއާ އާއި އާޖެންޓީނާ ބައްދަލުކުރި މެޗުން ބަލިވި ދުވަހެވެ.

އޭނާ ބުނީ، އެދުވަހުގެ މެޗުކުޅެން ދަނޑަށް އެރިއިރު އޭނާގެ ބައްޕަ ރަހީނުކޮށްފައިވާކަމަށާއި، އޭރު އެއްވެސް މީހަކު ކައިރި އެވާހަކަ ނުބުނާކަމަށެވެ. މިކޭލްގެ ބައްޕަ ރަހީނުކުރި މީހުން ފައިސާއަށް ޑިމާންޑްކޮށްފައިވާއިރު، ފުލުހުން ވަނީ އޭނާގެ ބައްޕަ ސަލާމަތްކޮށްފައެވެ.

comment ކޮމެންޓް