ޔޫއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް ބަލިކުރުމަށްފަހު ސްޕެއިންއިން ސެމީގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
ރޭ ޕޯޗުގަލްގެ އަމިއްލަ ގައުމުގައި އެ ޓީމު ސްޕެއިން އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.
އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ޕޯޗުގަލްގެ ރޫބެން ނެވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން ފޮނުވާލި އެ ބާރު ހަމާލާގެ ހުރަހަކަށްވި ރޭގެ މެޗުގައި މޮޅަށް ކުޅުނު ސްޕެއިންގެ ކީޕަރު އުނައި ސިމޮންއެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ވެސް ޕޯޗުގަލްއަށް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބިފައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާތެރޭގައި ހުރެ ޑިއޭގޯ ޖޮޓާ ފޮނުވާލި ބާރު ހަމަލާ ވެސް ދިފާއުކުރީ ސިމޮންއެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި ސްޕެއިންއާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ނޭޝަންސް ލީގް
މެޗުގައި ފެނުނު ހަމައެކަނި ގޯލު ފެނިފައިވަނީ މެޗުގެ 88 ވަނަ މިނެޓުގައެވެ. ޒުވާން ކުޅުންތެރިއާ ނިކޯ ވިލިއަމްސް ތަނަވަސްކުރި ފުރުސަތެއްގެ ބޭނުންހިފައިގެން އެ ގޯލު ޖެހީ އަލްވާރޯ މޮރާޓާއެވެ.
އެ މެޗުން މޮޅުވެ ސްޕެއިން ސެމީއަށް ދިޔައީ ލީގް އޭގެ ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމު އެއްވަނައިގައި އޮތީ 11 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 10 ޕޮއިންޓާއެކު ޕޯޗުގަލް އޮތްއިރު ތިން ވަނައިގައި ސްވިޒަލެންޑް އޮތީ ނުވަ ޕޮއިންޓު ލިބިގެންނެވެ. އަދި ހަތަރު ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތީ ޗެކް ރިޕަބްލިކެވެ.
ޔޫއެފާ ނޭޝަންސް ލީގުގެ ސެމީގެ ޖާގަތައް ލިބިފައިވަނީ ކްރޯޝިއާއަށާއި، އިޓަލީއަށާއި، ނެދަލެންޑްސްގެ އިތުރުން ސްޕެއިނަށެވެ. އެ މުބާރާތުގެ ސެމީގެ މެޗުތައް ކުޅޭނީ އަންނަ އަހަރުގެ ޖޫންމަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހުގައެވެ.