ހެރިޓޭޖުން، ބޮޑުތަކުރުފާނުގެ ޒިޔާރަތް ސާފުކުރުމުގެ ސިލްސިލާއެއް ފައްޓައިފި

މިއަދު ފެއްޓި ބޮޑުތަކުރުފާނުގެ ޒިޔާރަތް ސާފު ކުރުމުގެ މަސައްކަތުގެ ތެރެއިން ސްކައުޓް ދަރިވަރުންނަށް ބޭއްވި މައުލޫމާތު ދެނީ -- ފޮޓޯ/ ހެރިޓޭޖް

ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި މާލޭ ބިހުރޯޒް ކަމަނާ މިސްކިމިތުގެ ގޯތި ތެރޭގައި ހުރި ބޮޑުތަކުރުފާނުގެ ޒިޔާރަތް ސާފު ކުރުމުގެ ސިލްސިލާ މަސައްކަތްތަކެއް ހެރިޓޭޖް މިނިސްޓްރީން މިއަދު ފައްޓައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ މުވައްޒަފުންނާއި ނެޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގެ ސްކައުޓް ދަރިވަރުން ގުޅިގެން މިއަދު ފެއްޓި މި މަސައްކަތް އެއްކޮށް ނިމެންދެން ކޮންމެ ހަފުތާއަކު އެއްދުވަހު ކުރާނެއެވެ.

ބޮޑުތަކުރުފާނުގެ ޒިޔާރަތް ސާފު ކުރުމުގެ ސިލްސިލާގެ ތެރެއިން މިއަދު ކުރިއަށް ގެންދިޔައީ އެތަން ސާފު ކުރުމުގެ މަސައްކަތެވެ. އޭގެ އިތުރުން ޒިޔާރަތުގެ ބޭރު ފާރުގައި ކުލަލުމުގެ މަސައްކަތް ވެސް މިއަދު ވަނީ ފައްޓާފައެވެ.

ގައުމީ ދުވަހާއި ގުޅިގެން ބޮޑުތަކުރުފާނުގެ ޒިޔާރަތް ސާފު ކުރުމުގެ މަސައްކަތް ހެރިޓޭޖުން ފެއްޓުން -- ފޮޓޯ/ ހެރިޓޭޖް މިނިސްޓްރީ

މި މަސައްކަތާބެހޭ ގޮތުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ތޯރިގް، "ސަން"އަށް ވިދާޅުވީ އެ މަސައްކަތުގައި 10 ވަރަކަށް ސްކައުޓް ކުދިން ބައިވެރިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެންމެން ގުޅިގެން ކޮންމެ ހަފުތާއަކު އެއްދުވަހު، މަސައްކަތް ކުރެވިއްޖެ ނަމަ، އެ ކުދިންގެ ކުރިއެރުމަށް ހޯދަންޖެހޭ ބެޖުތަކާއި އެހެނިހެން ބައެއް އެއްޗެހި ފުރިހަމަ ވުމަށް ވެސް މަގުފަހިވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންނާ އެކުގައި ކޮންމެ ހަފުތާއަކު އެ މަސައްކަތް ކުރީމައި އެ ކުދިންގެ ކުރިއެރުމަށް ހަދަން ޖެހޭ ބެޖް ތަކާއި ހޯދަން ބޭނުން އެހެން ބައެއް އެއްޗެހި ފުރިހަމަ ވުމަށް މަގުފަހިވެގެން ދާނެ. މި ބަލަނީ މަހެއް ނުވަތަ ދޮޅުމަހެއް ތެރޭގައި އެތަނުގައި ހުރި ބައެއް މަސައްކަތްތައް އެކުދިންނާއެކު އަޅުގަނޑުމެންނަށް ކޮށް ނިންމާލެވޭނެ ކަމަށް،" ތޯރިގް ވިދާޅުވިއެވެ.

ގައުމީ ދުވަހާއި ގުޅިގެން ބޮޑުތަކުރުފާނުގެ ޒިޔާރަތް ސާފު ކުރުމުގެ މަސައްކަތުގެ ތެރެއިން އަހްމަދިއްޔާ ސުކޫލްގެ ސްކައުޓް ކުދިންނަށް މައުލޫމާތު ދެނީ -- ފޮޓޯ/ ހެރިޓޭޖް

ތޯރިގް ވިދާޅުވީ މި ހަރަކާތުގައި ޒިޔާރަތް ސާފު ކުރުމުގެ މަސައްކަތުގެ އިތުރުން ދަރިވަރުންނަށް ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމުގައި ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

މި މަސައްކަތުގެ އިތުރުން ބޮޑުތަކުރުފާނު ޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ ޕްރޮޖެކްޓެއް ވެސް ވަރަށް އަވަހަށް ފައްޓާނެ ކަން ފާހަގަ ކުރައްވައި ތޯރިގް ވިދާޅުވީ އެ މަސައްކަތް ކުރާނީ މުހްޔުއްދީން ސުކޫލުގެ ސްކައުޓުން ބައިވެރިކޮށްގެން ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާއިރު ދަރިވަރުންނަށް އަމާޒު ކޮށްގެން ޓްރެއިނިންތަކެއް ހިންގާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ.

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލްއަޢުޡަމް ނުވަތަ ބޮޑު ތަކުރުފާނު ރަސްކަން ކުރެއްވީ 11 އަހަރާއި ހަ މަސްދުވަހެވެ. އަވަހާރަވީ އެކެއް ރަމަޟާން 993 ގައެވެ. އެއީ 18 އޮގަސްޓް 1585 ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތި ތެރޭގައެވެ.

މުޙައްމަދުތަކުރުފާނަކީ 1573ގަައި ޕޯޗުގީޒުން ނުވަތަ އަޅުވެތިކަމާއި އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވި ގައުމީ ބަޠަލެވެ.

comment ކޮމެންޓް