ހއ. އުތީމުގެ ހުޅަނގު ފަރާތުގައި އޮންނަ ދޫނި ތުނޑި ހިމާޔަތް ކޮށްދިނުމަށް އެ ރަށު ކައުންސިލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި މިއަދު އެދިއްޖެއެވެ.
ގައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ރައީސް ޞާލިޙަކީ ދިވެހި ތާރީޚާއި ތަރިކަ ހިމާޔަތް ކުރަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
ހާއްސަކޮށް ބޮޑުތަކުރުފާނާ ގުޅުންހުރި ތަރިކަ ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް ރައީސް ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަބްދުﷲ ވިދާޅުވީ ބޮޑުތަކުރުފާނުގެ ޒުވާން ދުވަސްވަރު މަޅިފަތި ޖައްސަވައިގެން ދޫނި ހިއްޕެވި އުތީމުގެ ދޫނި ތުނޑި މިހާރު ގިރާ، އެއްކޮށް ނެތިގޮސްފައިވާ ކަމަށެވެ.
"މިކަމާ އަޅުގަނޑު ނޫނަސް ތިޔަ ހުރިހާ ބޭފުޅުން ވެސް ދެރަވެ ހިތާމަ ކުރާނެ. ވީމާ މި މަތިވެރި ތަރިކަ އަލުން ވުޖޫދަށް ގެނެސްދެއްވާ ހިމާޔަތްކޮށްދެއްވުމަށް މަނިކުފާނު އަރިހުގައި މި ދަންނަވަނީ ވަރަށް އާދޭހާއެކު އަދި ފުން އުންމީދާއެކު،" އަބްދުﷲ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު ގައުމު ތިމާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ އެހުމުގެ ބަދަލުގައި ތިމާއަށް ގައުމަށްޓައި ކޮށްދެވޭނީ ކޮން ޚިދުމަތެއްތޯ ބެލުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިލައްވާ ކަމަށެވެ.
ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ މަދަދުވެރިންގެ ގައުމީ ޖިހާދުން ވެސް ލިބިދޭ ފިލާވަޅަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ބޮޑުތަކުރުފާން އެއްވެސް އަމިއްލަ އެދުންފުޅެއް ނެތި އެ ދެއްކެވި ނަމޫނާއިން އިބުރަތް ހާސިލުކޮށް، އުތީމުގެ ރައްޔިތުން އަބަދުމެ ތިބޭނީ ގައުމަށް ދިމާވެދާނެ އެންމެހާ ނުރައްކާތަކުން ގައުމު ސަލާމަތް ކުރުމަށްޓަކައި ކަމަރު ބަނދެލާ، އަތުކުރި އޮޅާލައިގެން. އެ ޔަގީންކަން އަޅުގަނޑު އަރުވަން،" އަބްދުﷲ ވިދާޅުވިއެވެ.
މިއަދު އުތީމުގައި ބޭއްވި ޖަލްސާގައި ރައީސްގެ ދެކަނބަލުންނާއި، ބައެއް ވަޒީރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.