ބޮޑު ތަކުރުފާނަކީ ދިވެހިރާއްޖޭގެ ދާއިމީ ކޮމާންޑާ އިން ޗީފް: ރައީސް

އަލްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް، ސިރީސަވާދީއްތަ މަހާރަދުން، ނުވަތަ ބޮޑު ތަކުރުފާނަކީ ދިވެހިރާއްޖޭގެ ދާއިމީ ކޮމާންޑާ އިން ޗީފް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ ގައުމީ ދުވަހުގެ އުފަލަކީ ހުރިހާ ދިވެހިންގެ އުފަލެއް ކަމަށެވެ. އެހެން ނަމަވެސް ގައުމީ ދުވަސް ޒީނަތްތެރިވެ، ޝަރަފްވެރިވެ ތަކުރާރުވާ ސަބަބަކީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ އެންމެހާ އޮފިސަރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަލާމަތީ ޚިދުމަތްތަކުގެ އޮފިސަރުން މިސާލު ނަގަން ޖެހޭ ޝަހްސިއްޔަތަކީ ބޮޑު ތަކުރުފާނު ކަމަށެވެ. އަދި ބޮޑު ތަކުރުފާނަކީ ސަލާމަތީ ބާރުތަކުގެ ދާއިމީ ކޮމާންޑާ އިން ޗީފް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ މުނާސަބާއާއި ގުޅިގެން ހއ. އުތީމުގައި ރަސްމީ ބޭއްވި ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

"އެއީ ދިވެހިރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ، އިސްތިގްލާލްގެ އަބަދީ ރަމްޒު. މާތްވެގެންވާ އިސްލާމްދީނާ، ދިވެހި ރައްޔިތުންނާ، ދިވެހި ގައުމުގެ ހިމާޔަތުގައިވާ ހަގީގީ އެކަތައިގެ ފާރަކީ، ތިޔަ ބަދަހި ސަފުތައް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޮޑުތަކުރުފާނަކީ އުތީމުގެ އުނގުން އުފަންކުރި، އެންމެ އަގުހުރި ދިވެހި ޖައުހަރު ކަމަށެވެ. ރަށަކުން ނުވަތަ އަތޮޅަކުން، ގައުމަކަށް ދޭނެ އެންމެ ބޮޑު ހަދިޔާ ރާއްޖެއަށް ދިނީ އުތީމުގެ ފަސްގަނޑުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ބޮޑުތަކުރުފާނޭ ބުނުމުން ސިފަވެފައި އޮންނަނީ އެއީ ހަރު އުމުރުގެ ވަރަށް ދޮށީ ބޭފުޅެއްކަމުގަ ނަމަވެސް ހަގީގަތަކީ އޭރުއެއީ އުމުރުން ހަގު، ޒުވާން ބޭފުޅެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވެފައިވާ ޕޯޗްގީޒުން ދެއްކި ގަދައަށް ރައްދު ދެވޭނެ ކަނޑުގެ ބާރަކީ ދިވެހިންކަން، ބޮޑުތަކުރުފާނު ދެނެވަޑައިގަތް ކަމަށެވެ.

"ވަކަރުގެ އާރު ވަތަށްވާ ގޮތަށް ދިވެހިން ކުރި ކިއްސަރު ވަޑާމުގެ ދިމާ އިދިކޮޅަށް ކަޅުއޮއްފުންމި ބަނދެ ނިންމީ ވަކަރުފުށް ބޭރަށް. ބޭނުމަކީ ދުވެލިބާރު ކުރުން. އެއީ އާދައިގެ ވިސްނުމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމިއްޔަތަށް ފުރާނައެޅި ދިރުން ލިބުނީ ދިވެހިންގެ ސަބަބުން ކަމަށެވެ. ދިވެހިންގެ އުޅުމާއި ގުޅުމާ، އިސްކުރާ ކަންކަމާ ފަސްކުރާ ކަންކަމުގައި ހުންނަ ތަރުތީބަކީ ގައުމިއްޔަތުގެ ތަރުތީބު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް--- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ކާބަފައިން އެކީ އެއްހަމައެއްގައި އުފުލާ ގެނެސް ހަވާލު ކުރި ޒިންމާއަކީ މިގައުމާ ދިވެހި ގައުމިއްޔަތުކަން ފާހަގަކުރެއްވާ ރައީސް ވިދާޅުވީ ބޭނުންވާ އެއްޗެއް، ބޭރުން އެތެރެ ކުރި ނަމަވެސް ގައުމިއްޔަތަކީ އިމްޕޯޓް ކުރެވޭ އެއްޗެއް ނޫން ކަމަށެވެ.

"ކާބަފައިން އަޅުގަނޑުމެންނާ ހަވާލު ކުރި ޒިންމާއަކީ މިގައުމާ ދިވެހި ގައުމިއްޔަތު. ދުނިޔެއާ އާޚިރަތުގެ ފަލާހާ، ނަޖާތު ކަމުގައިވި މާތްވެގެންވާ އިސްލާމް ދީން. އަޅުގަނޑުމެންގެ ބަހާ، އަދަބިއްޔާތާ، ތާރީޚާ، އާދަކާދައާ ސަޤާފަތް. ދިވެހިންގެ އަދަބު އަޚުލާގާ ސުލޫކު ގައުމިއްޔަތުގާ ޝާމިލްވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ އަސްލާއި ނަސްލުން އެއްބައެއް ކަމަށެވެ. އަދި މި ގައުމަކީ އިސްލާމްދީނުގެ ހިދާޔަތުގައި އެންމެން ފިދާވާ ގައުމެއް ކަމަށެވެ. ދިވެހިންނަކީ އެކަކަށް ޖެހޭ ބޮޑު ކަމެއްގައި އަނެއްކުން ހިއްސާވާ ގައުމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހިންނަކީ އެއް ބަދިގޭގެ ތެލީގެ ފުލުގައި އުނދުޅިން ޖެހޭ އަޑު އިވިއްޖެނަމަ އަނެއް ބަދިގެއިން ކާތަކެތި ގެނެސްދޭ ބައެއް ކަމަށެވެ.

ގައުމިއްޔަތަކީ އެތެރޭގައި އުފެދި ހެދި ބޮޑުވެ ޒަމާން ތަކަކުން އާރުލާ އަޚްލާގާ ރިވެތި އުޅުމާ ސުލޫކް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ގައުމިއްޔަތު ކަމަށެވެ.

"ގައުމިއްޔަތަކީ ގައުމުދެކެ ވާ ލޯބި. ވަށައިގެންވާ މާހައުލުގައިވާ، ކޮންމެ އެއްޗަކާ، ދިރުމަކަށްޓަކާ ހިތުގާ އޮންނަ ކުލުނު. އެޒަމާން، އެޒަމާނުގެ ގޮތުގާ ފާއިތުވެ މިޒަމާން އައިއިރުވެސް ދިވެހިންގެ "ދިވެހިއްޔަތަށް" ދުނިޔެ އެބަ ހެކިވޭ،" ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިން ރާއްޖެއަންނާން ފެށިތާ މިއީ 50 ވަނަ އަހަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޯގާތެރި، ހިތްހެޔޮ ބަޔަކަށް ދިވެހިން ނުވިނަމަ ދުނިޔޭގެ އެންމެ މަގްބޫލު ޓޫރިސްޓް މަންޒިލަކަށް ރާއްޖެއަށް ނުވެވުނީސް ކަމަށެވެ.

ގައުމީ ދުވަހުގެ މުނާސަބާއާއި ގުޅިގެން ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ ބޮޑު ތަކުރުފާނު ކުރައްސަވައި ދެއްވި ގައުމިއްޔަތުގެ ޗާޓުން ދައްކަނީ މެހެމާނުންނަށް ކަމޭ ހިތާ އިހުތިރާމްކޮށް އޯގާތެރިވުން ކަމަށެވެ. ރާއްޖެއަށް ލާބަ ހުރި ކޮންމެ ކަމެއްގައި އެތަކުރުފާނު އިސްކުރެއްވި ޚާރިޖީ ސިޔާސަތަކީ ގައުމިއްޔަތުގެ ބައެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިދެންނެވި ގައުމިއްޔަތުގެ ސިފަތައް ދެމެހެއްޓުމަކީ މިނިވަންކަން ދެމެހެއްޓުމުގެ އެއް އަސާސް. ބަވަނަ ވަމުންދާ ދުނިޔެއެއްގައި ސަފުންބާކީވެ ފުސްމޫނުދައްކާ އެކަހެރިވެގެން އުޅުމަކީ މިނިވަންކަމާއި އަމިއްލަވަންތަ ކަމަށް އޮތް ގޮންޖެހުމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިއަދު ފެންނަމުންދާ އިޖުތިމާއީ ބޮޑެތި ހުރިހާ މައްސަލަތަކެއްގެ ފެށުން ގުޅެނީ ގައުމިއްޔަތުގެ ސިފަތަކާ އޮތްގުޅުން ކުޑަވުމާ ކަމަށެވެ. އަދި ބޮޑުތަކުރުފާނު އަމާންކުރެއްވި ކަނޑުތައް ނާމާން ކުރާ މަސްތުވާތަކެއްޗާއި އެތަކެތީގެ ވިޔަފާރިއަށް މަގުފަހި ކުރުމަކީ ދިވެހި ގައުމިއްޔަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ އިސްލާމް ދީނުގެ މަތިވެރިކަމާއި އެ ދީނުގެ ސައްހަ އަގީދާއަކީ ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު ކަމަށެވެ. ޓެރަރިޒަމަކީ ދިވެހިން ދަންނަ ކަމެއް ނޫން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ލާމެހިފައިވާ ދުނިޔޭގައި އެހެން އިންސާނުންނާ އެކު މުއާމަލާތު ކުރެވި ސުލްހަ މަސަލަސްކަމާއެކު އުފަލުގާ ދިރިއުޅުމަކީ ދިވެހިން އެދޭ ގޮތް ކަމަށެވެ.

ރައީސް ވިދާޅުވީ ގައުމިއްޔަތަކީ ތަފާތެއް ނެތި، އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާ އެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. ކުޑައެއް ބޮޑެއްނެތި ރާއްޖޭގެ ހުރިހާ ރަށަކަށް ޖަޒީރާ، ފަސޭހަ ދިރިއުޅުން ކަށަވަރުކޮށް ދިނުމަކީ އިހު އޮތް ދިވެހި ގައުމިއްޔަތު އަލުން އަނބުރާ ދިރުވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ މުނާސަބާއާއި ގުޅިގެން ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

"ސިއްހަތާއި ތައުލީމާއި އާމްދަނީއަށް ވާސިލުވެވޭނެ، އަވަސް އަދި ފަސޭހަ މަގުތައް ކޮށާ އަލިކުރުމަށް ފަށާފައިވާ މި މަސައްކަތް، ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫން. މިކަމުގާ ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ތާއީދާ އެއްބާރު ލެއްވުން އަޅުގަނޑު ބޭނުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ފުރަތަމަ އެނގެން ޖެހެނީ އަމިއްލަ ތާރީޚު ކަމަށެވެ. ރައީސް ވިދާޅުވީ އުތީމު ގަނޑުވަރު ނޫނީ ދިވެހި ގައުމިއްޔަތު ދައްކުވައިދޭ އާސާރެއް، ހަނދާނެއް އަދި ތާރީޚީ ބިނާއެއް މިހާރު ނެތް ކަމަށް ބުނެވިދާނެ ކަމަށެވެ.

"ކަޅުވަކަރު މިސްކިތް އަތުޖެހިފާ އެވަނީ ކުރި ވަރަށް ބުރަ މަސައްކަތުން. ސަލްޓަން ޕާކްގާ ހުރި އުސްގެކޮޅު އޮތީ އެލިސްޓަށް އަރާފަ. މާލޭގައި ހުރި ތާރީޚީ ބިނާތައް މާލެތެރޭގައި ގިނަވެ ބިކަވެ އެގޮތް މިގޮތްވެގެން ދިޔަ،" އެމަނިކުފާން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީޚާއި ސަގާފަތް ދިރުވައި އާލާކޮށް ދެމެހެއްޓުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދަކަށް ވާއިރު މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ތާރީޚީ އާސާރުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ރާއްޖެއަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

ބައިނަލްއަގުވާމީ ދުނިޔެއާ އެއްސަފުގައި ރާއްޖެ ފައިހަމަ ކުރަންޖެހޭ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަދުގެ ކުޑަކުދިންގެ ވިސްނުމާއި އުންމީދާ ބޭނުންތަށް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އެހެންނަމަވެސް ހަމަ މަގުގާ އިންސާނަކަށް ހުރެވެނީ އޭނާއަށް ލިބޭ އިލްމަކާ ހުނަރަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ދަރިންނަށް އެކަށޭނަ ރަނގަޅު ސިއްހަތާ، ފުރިހަމަ ތައުލީމެއް ހޯދޭނެ ފުރުސަތު ފަހިކުރުމަކީ ގައުމަށްޓަކާ ކުރާކަމެއް. އެކުދިންގެ ގާބިލްކަމާ ޒިންމާދާރު ކަމުން މެނުވީ މާދަމާގެ ދިވެހިރާއްޖެ ބާއްޖަވެރިއެއް ނުވާނެ." ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމަށްޓަކާ ރައްޔިތަކަށް ކުރެވޭނެ އެންމެ ހެޔޮކަމަކީ ރަނގަޅު ދަރިއެއް ތަރުބިއްޔަތުކޮށް ނެރުން ކަމަށެވެ. އުތީމުގައި މިއަދު ބޭއްވި އެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވާހަކަދައްކަވާފައެވެ.

comment ކޮމެންޓް