ހެއްކާބެހޭ ބިލުގައި ގައުމީ ސަލާމަތް މާނަކޮށްފައި އޮތްގޮތާމެދު އެމްޖޭއޭގެ ކަންބޮޑުވުން

ހެއްކާ ބެހޭ ބިލްގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން އިހްތިޖާޖު ކުރުމަށް ނޫސްވެރިން ބޭއްވި އެއްވުމެއްގެ ތެރެއިން --- ސަން ފޮޓޯ

މަސްދަރު ހާމަކުރަން މަޖުބޫރުވާ ހެއްކަބެހޭ ގާނޫނުގައި ހުރި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް މި ހަފުތާތެރޭ އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ އިސްލާހުގައި ގައުމީ ސަލާމަތް މާނަކޮށްފައި އޮތްގޮތާމެދު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޖޭއޭއިން މިއަދު ބުނީ އެ ޖަމްއިއްޔާއިން އަބަދުވެސް ވަކާލާތުކުރީ އެ ބިލުން "ގައުމީ ސަލާމަތް" އެ ލަފުޒު އުނިކުރުމަށްކަމަށެވެ. ސަބަބަކީ ސީދާ ގައުމީ ސަލާމަތުގެ ކުށް މަނާކުރާ ގާނޫނެއް މި ވަގުތު ރާއްޖޭގައި ނެތަތީއާއި އެއީ ވަރަށް ފުޅާ މާނައެއް އޮންނަ ލަފުޒަކަށް ވެފައި އެ ލަފުޒުގެ މާނަ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮތުމުންކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ މަސްދަރު ހާމަކުރަންޖެހޭނީ ބަޔަކަށް ނުވަތަ ތަނަކަށް ނުވަތަ މީހެއްގެ ފުރާނައަށް ކުއްލި ނުރައްކަލެއް ނުވަތަ ބޮޑު ގެއްލުމެއް ކުރިމަތި ވެދާނެފަދަ ހާލަތެއްގައި އެކަނި ކަމަށް އެ ޖަމްއިއްޔާއިން ގަބޫލުކުރާކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކުރާ ކުށްތަކުގައި މަސްދަރު ހާމަކުރުން ލާޒިމްކުރެވޭނެ ގޮތް އެ މާއްދާގައި އޮތުމުން ގައުމީ ސަލާމަތައް ނުރައްކާވާނޭފަދަ ހާލަތްތައް އޭގެތެރޭގައި ޝާމިލް ވާކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.

"އެހެންކަމުން ގައުމީ ސަލާމަތް ހިމަނައިގެން އެ ގާނޫނު އިސްލާހުކުރަން މި ޖަމިއްޔާއިން ދެކޮޅުހަދާކަމުގައި މި ޖަމިއްޔާއިން ދެންނެވީމެވެ،" އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭއިން ވަނީ ގާނޫނަށް ބަދަލުގެންނަން އެ ޖަމްއިއްޔާއިން އެދޭ ގޮތް ހުށަހަޅާފައެވެ. އެގޮތުން އެ ޖަމްއިއްޔާއިން އެދުނީ "ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމް ކުށްކުށާއި، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތަކާ އެހެން ގާނޫނުތަކުގައި ވެސް ކަނޑައަޅާފައިވާ މި ބާވަތުގެ ޖިނާއީ ކުށްތައް" މިފަދައިން އިބާރާތް ބަދަލުކޮށްދިނުމަށެވެ.

މި ހަފުތާތެރޭ ހެއްކާބެހޭ ގާނޫނަށް ހުށަހަޅަން ނިންމާފައިވާ އިސްލާހުގައި ވަނީ ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިޞްތިޤްލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ ޢަމަލުތައް އެކުލެވޭ ކުށްތައްކަމަށެވެ.

އަދި ޓެރަރިޒަމުގެ ކުށްތަކަކީ ދައުލަތައް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުން، އާންމުންނަށް ބިރުދެއްކުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުން، ގާނޫނާ ޚިލާފަށް ސިޔާސީ، ދީނީ ނުވަތަ ވަކި ފިކުރެއް ކުރިއެރުވުން ކަމަށެވެ.

ހެއްކާ ބެހޭ ގާނޫނު ރައީސް ތަސްދީގު ކުރެއްވީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. އެ ގާނޫނު ތަސްދީގު ކުރެއްވީ މީޑިއާތަކުގެ ގިނަ ނޫސްވެރިން މަސްދަރު ހާމަކުރުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށް އެ ޕެޓިޝަން ރައީސް އޮފީހަށް ވެސް ހުށަހަޅާފައިވަނިކޮށެވެ.

އޭގެ ކުރިން ރައްޔިތުން މަޖިލީހުން މަސްދަރު ހާމަކުރާ ގޮތަށް ހެއްކާ ބެހޭ ބިލް ފާސްކުރަން ތާވަލުކޮށްފައި އޮތް ދުވަހު ނޫސްވެރިން ވަނީ މަޖިލިސް ކުރާގެ ސަރަޙައްދަށް އެއްވެ މުޒާހަރާވެސް ކޮށްފައެވެ.

މީގެ އިތުރުން، ނޫސްވެރިން އަންނަނީ އެ ބިލު އެގޮތަށް އޮތުމުން އެކި ގޮތްގޮތަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް