ހުޅުމާލެ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ވެސް އަޒުހާން ފެނުނު

ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދާ މުހައްމަދު އަޒުހާން --- ފޮޓޯ/ ފުލުހުން

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދާ ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އުމުރުން 27 އަހަރުގެ އަޒުހާނާ ގުޅޭގޮތުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މިހާތަނަށް ބެލި ސީސީޓީވީ ފްޓޭޖްތަކަށް ބަލާއިރު، އޭނާ އެންމެފަހުން ފެނިފައި ވަނީ، ފޭސް އެކެއްގެ ރެޑްބުލް ދަނޑު ހިމެނޭ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އަޒުހާން ވަނީ ހުޅުމާލޭ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސްއިން ކާރެއްގައި ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރަށްގޮސްފައިކަން އެނގިފައިވާ ކަމަށެވެ.

އެ ޓަވަރަށް އެރުމަށްފަހު އަޒުހާން ވަނީ ފަތިހު 04:53 ހާއިރު އެ ޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއެއްގައި ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސް ސަރަހައްދަށް އަނބުރާ ގޮސްފައި ކަމަށް އެ ބަޔާނުގައިވެއެވެ. އެގޮތުން އެ ދެ ކާރުގެ ޑްރައިވަރުން ހޯދިފައިވާއިރު އެންމެފަހުން އަޒުހާން އުޅުނީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުގައިކަމަށްވެސް ފުލުހުން ބުނެއެވެ.

އަޒްހާން ވައިގެމަގުން ރާއްޖޭގެ އެއްވެސް އަތޮޅަކަށް އަދި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިނުވާކަމަށް މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

އަޒްހާން ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 19:00ހާއިރުއެވެ. އޭނާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް