ޕާލޭ އެއާ ޕްލެޖްގައި ޕިކް މޯލްޑިވްސް އާއި ޕާލޭ މޯލްޑިވްސް އިން ސޮއިކޮށްފި

ރާއްޖޭގައި ޕާލޭ އެއާ ސްޓްރެޓަޖީ ހިންގުމުގެ ހަރަކާތުގައި އެއްބާރުލައި ކަށަވެތިވުމުގެ ލިޔުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސެއިން

ދުނިޔޭގެ ތިމާވެށީގެ ޖަމްއިއްޔާ، 'ޕާލޭ ފޯ ދި އޯޝަންސް'ގެ ދަށުން ރާއްޖޭގައި ޕާލޭ އެއާ ސްޓްރެޓަޖީ ހިންގުމުގެ ހަރަކާތުގައި އެއްބާރުލައި ކަށަވެތިވުމުގެ ލިޔުމުގައި ޕިކްމޯލްޑިވްސް އާއި ޕާލޭ މޯލްޑިވްސް މިއަދު ސޮއި ކޮށްފިއެވެ.

ޕާލޭ މޯލްޑިވްސް އިން ރާއްޖޭގައި ހިންގާ އެއާ ސްޓްރެޓަޖީ ހަރަކާތަކީ ޕްލާސްޓިކާ ދުރުހެލިވުމަށް އަދި އުކާލާ ޕްލާސްޓިކް ރާއްޖޭގެ ކަނޑުވެށި ތަޣައްޔަރު ވެގެން ދިޔަނުދީ އޮބަހައްޓާ، އައު ބޭނުންތަކަށާއި ރައްކާތެރިކޮށް ޕްލާސްޓިކް ނައްތާލުމަށް ހިންގާ ހަރަކާތެއް ކަމަށް ޕާލޭ އިން ބުންޏެވެ.

އެ ހަރަކާތަކީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވާގިވެރިވެ، މާލެއާއި އަތޮޅުތަކުގައި އެކި ސްކޫލްތަކާއި ކައުންސިލްތަކުގެ އިތުރުން ރިޒޯޓްތަކާއި ކެފޭ، ގެސްޓްހައުސްތަކާއެކު 2015 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ހަރަކާތެކެވެ.

މިއަދު ޕާލޭ މޯލްޑިވްސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާލޭ އެއާޕްލެޖްގައި ޕިކް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ބްރޭންޑްގެ ފައުންޑާ ރިއާޔަތު ޢަބްދުލްމަޖީދެވެ. ޕާލޭ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ޖަމްއިއްޔާގެ ފައުންޑަރެއް ކަމަށްވާ، ކުރީގެ ޕްލޭނިންގް މިނިސްޓަރު ހަމްދޫން އަބްދުﷲ ހަމީދެވެ.

ޕިކް މޯލްޑިވްސް އަކީ ރާއްޖޭގެ ފަތުރުވެރިކަން ރާއްޖޭން ބޭރުގައި އިޝްތިހާރުކުރުމުގެ ދާއިރާގައި 2017 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވާ ބްރޭންޑެކެވެ. އެ ބްރޭންޑުގެ ދަށުން ތައްޔާރުކޮށް ނެރޭ، 'ޕިކްމޯލްޑިވްސް' ފޮޓޯ ފޮތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ޝައުގުވެރިވާ ބޭރުގެ މަޝްހޫރު ފަރާތްތަކުގެ މެދުގައި މަގުބޫލު ފޮތެކެވެ.

ޕާލޭ މޯލްޑިވްސް އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލު އަހަރަށް ޚާއްސަ ކުރެވިގެން ފަރުމާ ކުރެވިފައިވާ، ފޮތުގައި އެ ޖަމްއިއްޔާގެ މައުލޫމާތާއި އެއާ ސްޓްރެޓަޖީގެ މައުލޫމާތު ހިމެނޭނެ ކަމަށެވެ.

ރާއްޖޭގެ ތިމާވެށި ތާޒާކަމާއެކު ދެމެހެއްޓުމަށް ޕިކް މޯލްޑިވްސް އިން ވެސް ބާރު އަޅަމުން އަންނައިރު، ޕާލޭ އެއާ ސްޓްރެޓަޖީ ކުރިއެރުވުމުގައި އެއްބާރުލައި، އެހީތެރިވުމަކީ ދެފަރާތަށްވެސް އިތުރު ހިތްވަރެއް ލިބޭ މުހިއްމު ކަމެއް ކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ.

ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރަށް ޚާއްސަކުރެވިގެން އަލަށް ނެރޭ ޕިކް މޯލްޑިވްސްގެ ތިން ވަނަ ފޮޓޯ ފޮތް ރަސްމީކޮށް ނެރެން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ލަންޑަނުގައި ބާއްވާ 'ލަގްޒަރީ ޓްރެވަލް ފެއާ' ގައެވެ.

އެ އެގްޒިބިޝަންގައި ޕިކްމޯލްޑިވްސްގައި އެ ބްރޭންޑަށް ޚާއްސަ ސްޓޭންޑެއް ހުންނާނެއެވެ. އެ ފެއާގައި މި އަހަރު ރާއްޖެ ތަމްސީލުކުރާނެ ހަމައެކަނި ސްޓޭންޑަކީ ޕިކްމޯލްޑިވްސްގެ ސްޓޭންޑް ކަން ޕާލޭ އިން ފާހަގަކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް