ޔޫއެފާ ނޭޝަންސް ލީގް: ސްވިޒަލެންޑު އަތުން ސްޕެއިން ބަލިވެއްޖެ

ސްޕެއިންއާއި ސްވިޒަލެންޑު ބައްދަލުކުރި މެޗުގެ ތެރެއިން ---

ޔޫއެފާ ނޭޝަންސް ލީީގުގައި ސްވިޒަލެންޑު އަތުން ސްޕެއިން ބަލުވެއްޖެއެވެ.

ސްޕެއިންގެ ލަ ރޯމާރެޑާ ސްޓޭޑިއަމްގައި ރޭ ސްޕެއިންއާ ދެކޮޅަށް ސްވިޒަލެންޑް ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ސްޕެއިންގެ ފުރަތަމަ 11 ގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި 19 އަހަރުގެ ޕެޑްރީ ގޮންޒާލޭޒްއާއި، 18 އަހަރުގެ ޕަބްލޯ ގަވީ އާއި، 21 އަހަރުގެ އެރިކް ގާސިއާގެ އިތުރުން 22 އަހަރުގެ ފެރާން ޓޮރެސް ހިމެނެއެވެ.

ރޭގެ މެޗު ފަށައިގެން ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ބްރީލް އެމްބޯލޯ ސްޕެއިންގެ ޕައު ޓޮރެސް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ ވަނީ ސްޕެއިންގެ ކީޕަރު އުނައި ސިމޮން ދިފާއުކޮށްފައެވެ.

ރޭގެ މެޗުގައި ސްވިޒަލެންޑަށް ގޯލް ހުޅުވާލަ ދިނީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު މެނުއެލް އަކަންޖީއެވެ. އެ ގޯލަކީ ރުބެން ވާގާސް ނަގައިދިން ކޯނަރަކުން އަކަންޖީ ޖެހި ގޯލެކެވެ.

އެ ނަތީޖާއާއެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ސްޕެއިންވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މާކޯ އެސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައިގެން އެ ގޯލު ޖަހައިފައި ވަނީ ޖޯޑީ އަލްބާއެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން ސްވިޒަލެންޑުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު އަލުން ނަގައިފައެވެ. އެ ގޯލަކީ ވާގަސް ނެގި ކޯނަރު އަކަންޖީ ގައިގައި ޖެހިފައި ދިޔަ ބޯޅަ އެމްބޯލޯ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖެހި ގޯލެކެވެ.

އެ ނަތީޖާއާއެކު ސްޕެއިން ވަނީ ނޭޝަންސް ލީގު އޭގެ ގްރޫޕް ދޭއްގެ ދެވަނައަށް ވެއްޓިފައެވެ. އެ ޓީމު ދެވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. މެޗުން މޮޅުވި ސްވިޒަލެންޑު ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި ޕޯޗުގަލް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކުއެއެވެ.

comment ކޮމެންޓް