ސްޕެއިންގެ ސްކޮޑު އިއުލާނުކޮށްފި، ޔަމާލް ހިމެނުނުއިރު ރެއާލްގެ އެއްވެސް ކުޅުންތެރިއަކު ނެތް

ސްޕެއިންގެ ޒުވާން ފޯވަޑް ލަމީން ޔަމާލް އާއި ކޯޗު ޑެލަ ފުއެންޓޭ -- ފޮޓޯ/ ފްރާންސް24

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް އެކުލަވައިލި ސްޕެއިންގެ ގައުމީ ޓީމުގެ ސްކޮޑުގައި އަނިޔާގައި ހުރި ޒުވާން ފޯވާޑް ލަމީން ޔަމާލް ހިމެނުނުއިރު، ރެއާލް މެޑްރިޑަށް ކުޅޭ އެއްވެސް ކުޅުންތެރިޔަކު ނުހިމެނުމުން ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

މިއީ ސްޕެއިންގެ ވޯލްޑް ކަޕް ތާރީޚުގައި ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކު ސްކޮޑުގައި ނުހިމެނުނު ފުރަތަމަ ފަހަރެވެ.

ރެއާލްގެ ކުޅުންތެރިއަކު ހިމަނާފައި ނުވާއިރު، މިއީ އަބަދުވެސް އެ ގައުމުގެ ސްކޮޑަށް ކުޅުންތެރިން ނެގުމުގައި އޮންނަ ތަފާތުކުރުމެކެވެ. އެގޮތުން އަބަދުވެސް ރެއާލް އާ މެދު މި ތަފާތުކުރުންތައް އޮންނަ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރެއާލްގެ އެއްވެސް ކުޅުންތެރިޔަކު ސްޕެއިންގެ ސްކޮޑުގައި ހިމެނިފައި ނުވާއިރު، މިވަގުތު ވެސް އަނިޔާގައި ހުރި ލަމީން ޔަމާލު ވަނީ ހިމަނާފައެވެ.

މިކަމާ ގުޅިގެން ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ލުއިސް ޑި ލަ ފުއެންޓޭއަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

އުމުރުން 18 އަހަރުގެ ޔަމާލްއަށް އަނިޔާވީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ބާސެލޯނާއަށް ކުޅެމުން ދަނިކޮށް އޭނާގެ ވާތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. މި އަނިޔާގެ ސަބަބުން އޭނާއަށް ސީޒަނުގެ ފަހުބައިގެ ލީގު މެޗުތައް ގެއްލުނު ނަމަވެސް، ކޯޗު ލުއިސް ޑެލަ ފުއެންޓޭ ވަނީ އޭނާއަށް އިތުބާރުކޮށް 26 ކުޅުންތެރިންގެ ސްކޮޑުން ފުރުސަތު ދީފައެވެ.

ނަމަވެސް ރެއާލް މެޑްރިޑްގެ ޑިފެންޑަރުން ކަމަށްވާ ޑީން ހުއިސެން އާއި ޑެނީ ކަވަހާލްއަށް ސްކޮޑުން ޖާގައެއް ނުލިބެއެވެ.

ރެއާލް މެޑްރިޑްގެ ކުޅުންތެރިން ނުހިމެނުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކޯޗު ޑެލަ ފުއެންޓޭ ބުނީ، އޭނާ ކުޅުންތެރިން ނެގުމުގައި ވަކި ކްލަބަކަށް އިސްކަން ނުދޭކަމަށާއި ސަޕޯޓަރެއްގެ ހުންނަ ފަދަ ވަކި ފަރާތަކަށް ޖެހުމުގެ ވިސްނުމެއް އޭނާގެ ނެތްކަމަށެވެ.

އަދި އޭނާ ބަލަނީ މުޅި ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް ވެސް ބުންޏެވެ. ކޯޗު އިތުރަށް ބުނީ ބޭނުންވަނީ ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަކީ ގައުމު ތަމްސީލުކުރުމަށް ފަޚުރުވެރިވާ ބަޔަކަށް ވުން ކަމަށެވެ.

މިފަހަރުގެ ސްކޮޑުގައި އިނގިރޭސި ޕްރިމިއާ ލީގަށް ކުޅޭ 7 ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި އާސެނަލްގެ ޑޭވިޑް ރާޔާ، މާޓިން ޒުބިމެންޑީ އަދި މިކޭލް މެރީނޯ ހިމެނެއެވެ. މީގެ އިތުރުން މެންޗެސްޓާ ސިޓީގެ ރޮޑްރީ އާއި ޓޮޓެންހަމްގެ ޕެޑްރޯ ޕޯރޯ ވެސް ސްކޮޑުގައި ހިމެނެއެވެ. އަދި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑަށް މޮޅު ކުޅުމެއް ދެއްކި އެރިކް ގާސިއާ އާއި މާކް ޕުބިލްއަށް ވަނީ އަލަށް ފުރުސަތު ދީފައެވެ.

ސްޕެއިންގެ 26 ކުޅުންތެރިންގެ ވޯލްޑް ކަޕް ސްކޮޑް

ގޯލްކީޕަރުން: އުނާއި ސިމޯން (އެތުލެޓިކް ބިލްބާއޯ)، ޑޭވިޑް ރާޔާ (އާސެނަލް)، ޖޯން ގާސިއާ (ބާސެލޯނާ).

ޑިފެންޑަރުން: މާކޯސް ލޮރެންޓޭ (އެތުލެޓިކޯ މެޑްރިޑް)، މާކް ޕުބިލް (އެތުލެޓިކޯ މެޑްރިޑް)، ޕެޑްރޯ ޕޯރޯ (ޓޮޓެންހަމް)، އައިމެރިކް ލަޕޯޓް (އެތުލެޓިކް ބިލްބާއޯ)، އެރިކް ގާސިއާ (ބާސެލޯނާ)، ޕާއު ކުބާސީ (ބާސެލޯނާ)، މާކް ކުކުރެއްލާ (ޗެލްސީ)، އަލެހަންދްރޯ ގްރިމާލްޑޯ (ބަޔާ ލެވަކޫސަން).

މިޑްފީލްޑަރުން: ރޮޑްރީ (މެންޗެސްޓަރ ސިޓީ)، މާޓިން ޒުބިމެންޑީ (އާސެނަލް)، މިކޭލް މެރީނޯ (އާސެނަލް)، ޕެޑްރީ (ބާސެލޯނާ)، ގަވީ (ބާސެލޯނާ)، ފަބިއަން ރޫއިޒް (ޕީ.އެސް.ޖީ)، އެލެކްސް ބައޭނާ (އެތުލެޓިކޯ މެޑްރިޑް).

ފޯވާޑުން: ޔެރެމީ ޕީނޯ (ކްރިސްޓަލް ޕެލަސް)، ވިކްޓަރ މުނޯޒް (އޮސަސޫނާ)، މިކޭލް އޮޔަރޒަބަލް (ރެއާލް ސޮސިއެޑާޑް)، ފެރާން ޓޮރޭޒް (ބާސެލޯނާ)، ލަމީން ޔަމާލް (ބާސެލޯނާ)، ޑެނީ އޮލްމޯ (ބާސެލޯނާ)، ނިކޯ ވިލިއަމްސް (އެތުލެޓިކް ބިލްބާއޯ)، ބޯހާ އިގްލެސިއަސް (ސެލްޓާ ވީގޯ).

ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ ވޯލްޑް ކަޕްގައި ސްޕެއިން ހިމެނެނީ ގްރޫޕް އެޗްގައެވެ. މި ގްރޫޕްގައި ސްޕެއިން ފުރަތަމަ މެޗުގައި ޖޫން 15 ގައި ކޭޕް ވާޑްއާ ދެކޮޅަށް ނުކުންނައިރު، ދެން ބައްދަލުކުރާނީ ސައުދީ އަރަބިއްޔާ އަދި އުރުގުއާއީއާއެވެ. ކޯޗު ޑެލަ ފުއެންޓޭ ބުނީ ޓީމުގެ ތައްޔާރީތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، ފުރަތަމަ މެޗަށް ހުރިހާ ކުޅުންތެރިން ފިޓްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ އެކުލަވައިލި 26 ކުޅުންތެރިންގެ ސްކޮޑުގައި، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ވަނީ ހިމަނާފައެވެ. ނަމަވެސް، މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ސްޕެއިންގެ ސްކޮޑުން ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކަށް ފުރުސަތު ނުލިބުނު ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން ކޯޗަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ކޯޗު ބުނެފައިވަނީ ކުޅުންތެރިން ނެގުމުގައި ވަކި ކުލަބަކަށް ތަފާތުކުރުން ގެންގުޅެފައި ނުވާނެ ކަމަށާއި، އިސްކަންދިނީ މުޅި ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަމަށެވެ.

  • ސްޕެއިންގެ ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކު ގައުމީ ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.
  • އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އުމުރުން 18 އަހަރުގެ ފޯވާޑް ލަމީން ޔަމާލްއަށް ވަނީ ސްކޮޑުން ފުރުސަތު ދީފައެވެ.
  • އިނގިރޭސި ޕްރިމިއާ ލީގަށް ކުޅޭ 7 ކުޅުންތެރިއަކު މިފަހަރުގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެއެވެ.
  • ސްޕެއިން ލައްވާލާފައިވަނީ ކޭޕް ވާޑް، ސައުދީ އަރަބިއްޔާ އަދި އުރުގުއާއީއާއެކު ގްރޫޕް އެޗްގައެވެ.
  • ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ބުނެފައިވަނީ ކުޅުންތެރިން ނަގާފައިވަނީ ގައުމަށް އެންމެ ފައިދާހުރި ގޮތަށް ބަލައިގެން ކަމަށެވެ.
comment ކޮމެންޓް