މެންގޯ ކުންފުނީގެ ވެރިޔާގެ މަރާ ގުޅިގެން ދޮށީ ދަރިފުޅު ހައްޔަރުކޮށްފި

ފެޝަން ބްރޭންޑް "މެންގޯ" ގެ ބާނީގެ މަރާ ގުޅިގެން ދޮށީ ދަރިފުޅު ހައްޔަރުކޮށްގެން ގެންދަނީ. ފޮޓޯ/ރޮއިޓާސް

ސްޕެއިންގެ މަޝްހޫރު ފެޝަން ބްރޭންޑް "މެންގޯ" ކުންފުނީގެ ބާނީ އިސާކް އަންޑިޗްގެ މަރާ ގުޅިގެން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ހައްޔަރުކޮށްފިއެވެ.

އުމުރުން 71 އަހަރުގެ އިސާކް މަރުވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާގެ ދަރިފުޅާއެކު ބާސެލޯނާ ކައިރީގައި އޮންނަ މޮންސެރާޓް ފަރުބަދަތައް މަތީގައި ހިނގާފައި ދަނިކޮށް ވަޅުގަނޑަކުން ވެއްޓިގެންނެވެ. ހާދިސާ ހިނގިއިރު ތިބީ އެ ދެމީހުން އެކަނިތޯ ނުވަތަ އާއިލާގެ އެހެން މެމްބަރުންނާއެކީގަތޯ ސުވާލު އުފައްދާ އޭރު މީޑިތާއަކުން ރިޕޯޓުކޮށްފައިވެއެވެ.

އުމުރުން 45 އަހަރުގެ ޖޮނަތަން އެންޑިކް ކެޓަލޯނިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުރަތަމަ އެކްސިޑެންޓެއްގެ ގޮތުގައި ބެލެވުނު ނަމަވެސް ފަހުން އަލުން އެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިންނެވެ.

ކެޓަލޯނިއާގެ ތަހުގީގު ކުރާ ފަރާތްތަކުން ފުރަތަމަ މައްސަލަ ބަންދުކުރީ ޖިނާއީ ގޯހެއްގެ އެއްވެސް ހެއްކެއް ނުފެނުމުން 2025 ވަނަ އަހަރުގެ ކުރީކޮޅު ނަމަވެސް އެ އަހަރުގެ ފަހުކޮޅު ޖޮނަތަންގެ ހެކިބަހުގައި ތަފާތުތަކެއް ހުރި ކަމަށް ބުނެ އަލުން މައްސަަލަ ހުޅުވާލި ކަމަށް ލާ ވެންގާޑިއާ ނޫހުން ބުނެއެވެ.

މެންގޯ ކުންފުނީގެ ބާނީ އިސާކް އަންޑިޗް (ވ). އޭނާ ވަނީ 2024 ވަނަ އަހަރު މަރުވެފައި. ފޮޓޯ/ގެޓީ

ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ ސުވާލުކުރުމަށް، ބާސެލޯނާ ކައިރީގައިވާ މާރްޓޮރެލްގެ ކޯޓަކަށް ޖޮނަތަން ހާޒިރުކޮށްފައެވެ.

ސްޕޭނުގެ "އެލް ޕާއިސް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީސާކް މަރުވިތާ މާގިނަ ދުވަހެއް ނުވެ، ފުލުހުން ވަނީ ޖޮނަތަންގެ ފޯނު އަތުލައިފައެވެ.

ޖޮނަތަން ވަނީ މީގެ ކުރިން އޭނާގެ ބައްޕަގެ މަރުގެ ޒިންމާ ނަގަން އިންކާރުކޮށްފައެވެ.

އާއިލާގެ ތަރުޖަމާނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި އޭނާގެ ކުށެއް ނެތް ކަމުގެ ޔަގީންކަން އާއިލާއަށް އެބައޮތެވެ.

ދެހާސް ފަސް ވަނަ އަހަރު މެންގޯއާ ގުޅުނު، ޖޮނަތަންއަށް ވަނީ ބައްޕަ މަރުވުމުން ކުންފުނި ބޯޑުގެ ޗެއާމަންގެ ނާއިބުގެ މަގާމަށް އައްޔަންކޮށްފައެވެ.

ތުރުކީގެ އިސްތަންބޫލަށް އުފަން އިސާކް 1984 ވަނަ އަހަރު ބާސެލޯނާގައި އޭނާގެ ބޭބެ ނަހުމާންގެ އެހީތެރިކަމާއެކު މެންގޯ އުފެއްދިއިރު، މިހާރު އެ ޗެއިން އިން 120 ގައުމެއްގައި ގާތްގަނޑަކަށް 3،000 އައުޓްލެޓް ހިންގައެވެ.

ފޯބްސް އިން ލަފާކޮށްފައިވާ ގޮތުގައި އިސާކް މަރުވިއިރު، 4.5 ބިލިއަން ޑޮލަރު (3.6 ބިލިއަން ޕައުންޑް) އޭނާގެ މިލްކިއްޔާތުގައި ހުއްޓެވެ.

މެންގޯ ކުންފުނީގެ ބާނީ، އުމުރުން 71 އަހަރުގެ އިސާކް އަންޑިޗް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު މަރުވި ހާދިސާގެ ތަހުގީގު އަލުން ފެށުމަށްފަހު، އޭނާގެ ދޮށީ ދަރިފުޅު ޖޮނަތަން އެންޑިކް ވަނީ ކެޓަލޯނިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުރަތަމަ މި ހާދިސާއަކީ އެކްސިޑެންޓެއް ކަމަށް ބަލައި މައްސަލަ ފައިލްކުރި ނަމަވެސް، ޖޮނަތަންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކެއްގެ ސަބަބުން 2025 ވަނަ އަހަރުގެ ފަހުކޮޅު ވަނީ މައްސަލަ އަލުން ތަހުގީގުކުރަން ފަށާފައެވެ. މި މައްސަލައިގައި ސުވާލުކުރުމަށް ޖޮނަތަން ކޯޓަށް ހާޒިރުކޮށްފައިވާއިރު، އޭނާ ވަނީ ބައްޕަގެ މަރުގެ ޒިންމާ ނަގަން އިންކާރުކޮށްފައެވެ. އަދި އާއިލާއިންވެސް ގަބޫލުކުރަނީ އޭނާގެ ކުށެއް ނެތް ކަމަށެވެ. 2005 ވަނަ އަހަރު ކުންފުންޏާ ގުޅުނު ޖޮނަތަން ވަނީ އިސާކް މަރުވުމާއެކު މެންގޯ ކުންފުނީގެ ބޯޑުގެ ޗެއާމަންގެ ނާއިބުގެ މަގާމަށް އައްޔަންކޮށްފައެވެ.

  • އިސާކް އަންޑިޗް މަރުވެފައިވަނީ 2024 ވަނަ އަހަރު ބާސެލޯނާ ކައިރީގައިވާ މޮންސެރާޓް ފަރުބަދަމަތީ ސަރަހައްދެއްގައި ހިނގާފައި ދަނިކޮށް ވަޅުގަނޑަކަށް ވެއްޓިގެންނެވެ.
  • މައްސަލަ އަލުން ތަހުގީގުކުރަން ފެށީ ޖޮނަތަން ދީފައިވާ ބަޔާންތަކުގައި ތަފާތުތަކެއް ހުރުމުން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
  • ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ނުވެ ފުލުހުން ވަނީ ޖޮނަތަންގެ ފޯނު އަތުލައިފައެވެ.
  • ތުރުކީއަށް އުފަން އިސާކް 1984 ވަނަ އަހަރު އުފެއްދި މެންގޯ ކުންފުނީގެ 3000 އައުޓްލެޓް 120 ގައުމެއްގައި ހިންގާއިރު، އޭނާގެ މިލްކިއްޔާތުގައި 4.5 ބިލިއަން ޑޮލަރު ހުއްޓެވެ.
  • މެންގޯގެ ބާނީގެ މަރުގެ މައްސަލައިގައި ދަރިފުޅު ޖޮނަތަން ހައްޔަރުކުރުން.
  • ފުށުއަރާ ހެކިބަސްތަކާ ގުޅިގެން ތަހުގީގު އަލުން ފެށުން.
  • ޖޮނަތަން އާއި އާއިލާއިން މި ތުހުމަތުތަކަށް އިންކާރުކުރުން.
  • މަރުގެ ހާދިސާއަށްފަހު ކުންފުނީގެ އިސް މަގާމަކަށް ޖޮނަތަން އައްޔަންކުރުން.
ގުޅޭ ޓެގު
comment ކޮމެންޓް