ޔުގަންޑާގައި އެބޯލާގެ ސަބަބުން 11 މަރު

ޔުގާންޑާގެ ހެލްތު މިނިސްޓްރީން ބުނީ އެބޯލާ ޖެހިގެން އިއްޔެ އެކަނިވެސް ތިން މީހަކު މަރުވެފައިވާ ކަމަށް -- ފޮޓޯ/ އޭއެފްޕީ

ޔުގާންޑާގައި ހަލުވިކަމާއެކު އެބޯލާ ފެތުރި، 11 މީހަކު އެ ބަލީގައި މަރުވެއްޖެއެވެ.

ޔުގާންޑާގެ ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެކަނިވެސް އެ ބަލީގައި ތިން މީހަކު މަރުވެފައިވާ ކަމަށެވެ. އަދި ޖުމުލަ 25 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު، 58 މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

ޔުގާންޑާގެ ވެރިރަށް ކަމްޕާލާއާ 130 ކިލޯމީޓަރު ދުރުގައި އޮންނަ އެ ގައުމުގެ މުބެންޑޭ ޑިސްޓްރިކްޓުން މި ބަލި ފެނުމާއެކު އައުޓްބްރޭކެއް ވަނީ އިއުލާންކޮށްފައެވެ.

އެބޯލާއަށް ފަރުވާދޭން ޚާއްސަ ބޭހެއް އުފެއްދިފައިނުވާއިރު، ބަލިން ދިފާއުވުމަށް އެތައް ހާސް ބަޔަކަށް ވަނީ ވެކްސިން ދީފައެވެ.

ހުޅަނގު އެފްރިކާގައި 2013 ވަނަ އަހަރާއި 2016 ވަނަ އަހަރާ ދެމެދު އެބޯލާ ފެތުރި، 11،300 މީހުން ވަނީ ބަލީގައި މަރުވެފައެވެ. އަދި 2018 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) ގައި ވެސް އެ ބަލި ފެތުރި 2،300 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

އެބޯލާއަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުމާއި، ގައިގައި ރިއްސުމާއި، ބޭރަށް ހިނގުން ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް