އަނބިމީހާ އާއި ދަރިފުޅަށް އަނިޔާކޮށް، ފުލުހަކަށް ހަމަލާ ދިން މީހާގެ ބަންދަށް 10 ދުވަސް

އއ. ތޮއްޑޫ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އއ. ތޮއްޑޫގައި އަނބިމީހާ އާއި ދަރިފުޅަށް އަނިޔާކޮށް، ފުލުހަކަށް ހަމަލާ ދިނުމުގެ ސަބަބުން ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ފިިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް އިއްޔެ ކްރިިމިނަލް ކޯޓުން 10 ދުވަސް ޖަހައިފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބުނީ، ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އަންހެނަކަށް ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ކޯޓުން ނެރެފައިވަތީ އެ އަންހެން މީހާ ދިރިއުޅެމުންދާ ގެއިން ފިރިހެން މީހާ ނިކުތުމަށް އެންގުމުން އެކަމަށް އޭނާ އިންކާރުކޮށް، ކުޑަކުއްޖަކަށް އަނިޔާކޮށްފައިވާ ކަމުގެ މައްސަލައެއް މިދިޔަ ބުދަ ދުވަހުގެ ރޭގެ ދަންވަރު 02:00ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބިގެން ފުލުހުން އެ ގެއަށް ދިއުމުން އެ ފިރިހެން މީހާ ފުލުހުންނަށް ވެސް ހަމަލާދީ، މާރާމާރީ ހިންގައި، އިންޒާރު ދިން ކަމަށް ފުލުހުން ބުންޏެވެ. އޭގެ ސަބަބުން ފުލުހަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.

ތޮއްޑޫއިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ އެ މީހާ ހަމަލާ ދިނީ އޭނާގެ 18 އަހަރު ނުފުރޭ ކުޑަ ފިރިހެން ދަރިފުޅަށް ކަމަށެވެ.

"އެގޭގަ އުޅޭނީ އެ ދެމެފިރިންނާއި އެ މީހުންގެ ކުޑަ ދެ ކުދިން،" އެމީހާ ބުންޏެވެ.

އެ ހަމަލާ ދިނީ ތޮއްޑޫ އަންހެނަކާ އިނދެގެން އެ ރަށުގައި ދިރިއުޅެމުން އަންނަ އައްޑޫ މީހެއް ކަމަށް ވެސް މި ނޫހާ ވާހަކަ ދައްކަމުން އެރަށު މީހާ ބުންޏެވެ.

comment ކޮމެންޓް