ރާއްޖޭގެ ޑިޕްލޮމަސީ ވަނީ ނާށިގަނޑެއްގެ ދަށުގައި ކަމަށް އެމްއެންޕީގެ އޯއައިސީގެ ނައިބު ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިރޭ ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ އެކަމަނާ އެމްއެންޕީއާ ގުޅިވަޑައިގަތީ ދިވެހިރާއްޖެ މިވަގުތު ވެއްޓިފައިމިވާ ފުން ވަޅުގަނޑުން ނެގުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ކެތްމަދުވެފައި ހުރުމުން ކަމަށެވެ.
ދިވެހިރައްޔިތުން މިއަދުގެ ސަރުކާރާ ރާއްޖޭގެ ވެރިކަން ހަވާލުކުރީ މި ގައުމަށް ތަނަވަސްކަމާއި ފާގަތިކަން ގެނެސްދިނުމަށް ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރާނެ ކަމަށް ވައުދާއި ހުވާ ކުރުމާއެކު ބައިނަލްއަގްވާމީ މަޝްރަހުގައި ރާއްޖެއަށް އޮންނަ އިތުބާރު އަނބުރާ ހޯދާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ދުންޔާ ވިދާޅުވިއެވެ.
ނަމަވެސް މިދިޔަ ތިން އަހަރު ފެނިގެން ދިޔައީ ހިންގުމުގެ ތަޖުރިބާއެއް، ވައްޓަފާޅިއެއް އަދި ގާބިލުކަމެއް މި ސަރުކާރުގައި ނެތްކަން ކަމަށް ދުންޔާ ވިދާޅުވިއެވެ.
"ވޯލްޑް ބޭންކުގެ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ގާބިލުކަމުގެ ނިސްބަތް މިހާރުވަނީ ލަދުގަންނަން ޖެހޭ ހިސާބުގައި. 1998 ވަނަ އަހަރު 80 އިންސައްތައިގައި ހުރި ނިސްބަތް މިދިޔަ ދެތިން އަހަރު ވަނީ 35އަށް ވެއްޓިފަ." ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ދިވެހި ރައްޔިތުން މިވަނީ މިއިން ދުވަހަކު ނުވާ ވަރަށް ފަގީރުވެފައި ކަމަށެވެ. އަދި ރާއްޖޭގެ އާމްދާނީން ބޮލަކަށް ޖެހޭ މިންވަރު މިހާރު ވަނީ 2015 ވަނަ އަހަރު ހުރި ވަރަށް ވެއްޓިފައި ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންހެނުންނާއި ޒުވާނުންގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށާއި ވަޒީފާ އަދާކުރާ އަންހެނުން އަދަދު އިތުރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖެ ސިފަކުރަމުންދަނީ ދަސްކުރާ ބޯޑު ޖަހައިގެން އުޅޭ ގައުމެއްގެ ގޮތުގައި ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ. ރާއްޖޭގެ އަބުރާ، ޝަރަފާ، އިއްޒަތާ ކަރާމާތް ވެއްޔާ މޮޑެވިފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.
"ރާއްޖޭގެ ޑިޕްލޮމެސީ ވަނީ ނާށިގަނޑެއްގެ ދަށުގައި." ދުންޔާ ވިދާޅުވިއެވެ.
އެމްއެންޕީގެ ވެރިކަމެއްގައި ޚާރިޖީ ކަންކަމުގައި އިސްކުރާނީ ދިވެހިންނާއި ދިވެހި ރާއްޖެ ކަމަށް ދުންޔާ ވިދާޅުވިއެވެ. ދުންޔާ ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތުގެ އެންމެ އިސް ވާޖިބަކަށް ވާނީ ރާއްޖޭގެ ފަޚުރުވެރި މިނިވަންކަން ހިމާޔަތްކޮށް، އިސްލާމް ދީން ހިމާޔަތް ކުރުމާއެކު ރާއްޖޭގެ ސިޔާދަތު ނެގެހެއްޓުން ކަމަށެވެ.
އަދި ރާއްޖޭގެ މަސްލަހަތު އިސްކޮށް ހުރިހާ ގައުމަކާއިއެކުގައި މަސައްކަތް ކުރުން ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.