ކެޔޮދޫ ދަނޑުގައި ޓާފް އަޅައި ނިމިއްޖެ، ދެންއޮތީ ފެންސް ޖެހުން

ކެޔޮދޫގައި ތަރައްްޤީކުރި ޓާފްދަނޑު-- ފޮޓޯ/ނިއުޝާދު

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވާމަންޓްއިން ވ. ކެޔޮދޫގައި ތަރައްޤީކުރި ޒަމާނީ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި ނިމިއްޖެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ކެޔޮދޫގެ ޓާފް ދަނޑުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރެވެ. ކެޔޮދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ދައުލަތުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ކެޔޮދޫގައި ތަރައްޤީކުރި ޒަމާނީ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި ނިމުނުކަން ފާހަގަކޮށް ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކެޔޮދޫގައި ޒަމާނުއްސުރެ އޮތް އަޑިގުޑަން ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ސަރުކާރުން ތަރައްޤީކޮށް މިހާރު ނިންމާފައިވާ ކަމަށެވެ. ދަނޑުގެ މަސައްކަތް ނިމުނުލެއް ލަސްވި ކަމަށްޓަކައި މާފަށް އެދޭކަމަށާއި، މިއަދުގެ ސަރުކާރުން މި ބާވަތުގެ ކަންކަމުގައި ކުޑަރަށެއް، ބޮޑު ރަށެއް ތަފާތުކުރުން ނުގެންގުޅޭނޭ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

ދަނޑުގެ ފެންސްގެ މަސައްކަތް ނިންމުމަށް ކެޔޮދޫ ކައުންސިލާ ހަވާލުކޮށްފައި އޮންނަތާ އެއް އަހަރު ވެއްޖެކަން ފާހަގަކުރައްވަމުން އެ މަސައްކަތް އަވަހަށް ނިންމަވައި ދެއްވުމަށް މިނިސްޓަރު މަހްލޫފް ވަނީ ކައުންސިލްގެ ކިބައިން އެދިވަޑައިގެންފައެވެ.

ކެޔޮދޫގެ އިތުރުން ވެސް ސަރުކާރުން ގެންދަވަނީ އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ޓާފް ދަނޑުތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ބައެއް ރަށްރަށުގެ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް ލަސް ވަނީ ކާޕެޓް ގެނައުމުގައި ލަސްތަކެއް އުޅޭތީކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް