ރާއްޖޭގެ 14 ސަރަހައްދެއްގައި މިފްކޯއިން ހިންގަމުން އަންނަ އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަންގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި ކަމާ ގުޅޭ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދެވެ. މިފްކޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ފައުޒީއެވެ.
މި ރަސްމިއްޔާތުގައި ވަނީ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފެނަކައިން ފަރުމާ ކޮށްފައިވާ އެޕްލިކޭޝަނެއް ތައާރަފުކޮށްފައެވެ. އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން މި އެޕް ފޯނަށް ޑައުންލޯޑުކުރެވޭނެއެވެ. މި އެޕް ބޭނުންކޮށްގެން މަސްވެރިން ބޭނުންވާ ޕްލާންޓުން އައިސްއަށް އޯޑަރު ކުރެވޭނެއެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ މި ބަދަލާއެކު އައިސް އުފެއްދުމަށް ދާ ޚަރަދު ކުޑަވާނެ ކަމަށެވެ.
"ފެނަކައަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފެނާއި ކަރަންޓު އުފައްދާ ކުންފުނި. އައިސް އުފެއްދުމަށް ބޭނުންކުރާ ދެ އިންގްރީޑިއަންޓަކީ ކަރަންޓާއި ފެން. އެހެންކަމުން، އެންމެ އަގުހެޔޮކޮށް ކަރަންޓާއި ފެން ފޯރުކޮށްދެވޭނީ ހަމަ ފެނަކައަށް،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފެނަކައިގެ ފަންނީ މުވައްޒަފުން ގާއިމުވެފައި ތިބުމަކީ އައިސްޕްލާންޓުތަކަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް ލިބޭނެ ފަސޭހައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ އެ ކުންފުންޏާ ހަވާލުވި ޕްލާންޓުތަކުގެ ފުލް ކެޕޭސިޓީއަށް ހުއްޓުމެއްނެތި އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށެވެ.
"ފުރަތަމަ އަޅުގަނޑުމެން ގާއިމުކުރާނީ ޔަގީންކަމާއެކު [ޕްލާންޓުތައް] 24 ގަޑިއިރު ހިންގާލެވޭނެ މެކޭނިޒަމެއް. ދެވަނައަށް ހަރަދުކުރުމަށްޓަކައި، އަޅުގަނޑުމެންގެ ކޭބަލް ނެޓްވޯކާ ގުޅުން، އަދި މި ވަގުތަށް އަޅުގަނޑުމެންނަށް ސޯލާ ހަރުކުރެވެން ހުރި ތަންތަނުގައި ސޯލާ ވެސް ހަރުކުރާނަން،" އޭނާ ވިދާޅުވިއެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މިފްކޯއިން ހިންގަމުން އަންނަ އައިސް ޕްލާންޓުތައް ފެނަކައާ ހަވާލުކުރި ނަމަވެސް މިފްކޯގެ ސެންޓަރުތަކުން އަދިވެސް އައިސްގެ ޚިދުމަތް ފޯރުކޮށްދޭނީ އެކުންފުނިންނެވެ.