ކ. ގާފަރު ހުދަންބަރު ދޯނި ފ. އަތޮޅުގައި އޮންނަ ހިމިތި ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު ތިން މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ ދޯނީގެ ވެރިފަރާތުން ލަފާކޮށްފިއެވެ.
ހުދަންބަރު ދޯނީގެ ވެރިމީހާ އަހުމަދު ޝާކިރު މިރޭ "ސަން"އަށް ބުނީ ދޯނި ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ސީދާ އަދަދު ބުނަން އަދި ނޭނގޭކަމަށެވެ.
"އަންދާޒާ ކޮށްލަށް ވެސް އަދި ނޭނގޭ ލިބުނު ގެއްލުމެއް އެކަމަކު ތިން މިލިއަން ރުފިޔާއަށް ވުރެ މައްޗަށް ދާނެކަމަށް ލަފާކުރެވެނީ،" ޝާކިރު ބުންޏެވެ.
އޭނާ ބުނީ އެ ދޯންޏަކީ އިންޝުއާ ކޮށްފައިވާ ދޯންޏެއް ނޫންކަމަށެވެ.
ޝާކިރު ބުނީ އެ ހާދިސާ ހިނގީ ދޯނީގެ ހުންގާނު ފަޅުވެރިއަކާ ހަވާލުކުރުމަށްފަހު ކެޕްޓަން ނަމާދަށް އެރި ވަގުތުކަމަށެވެ. އެ ވަގުތު ދޯނި ދުއްވަމުން ދިޔައީ ބޮޑު ކަނޑެއްގައި ކަމަށާއި ބަލަންވާ ވަރަށް ބަލައިގެން ދުއްވި ނަމަ އެފަދަ ހާދިސާއެއް ނުހިނގާނެ ކަމަށް އޭނާ ބުންޏެވެ.
އެ ހާދިސާގައި ދޯނި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
"ދޯނީގަ ތިބި ކުދިން ތިބީ ފ. ފީއަލީގަ. މިހާރު ބައެއް ކުދިން ގެނައުމުގެ މަސައްކަތް އެބަ ކުރަން،" ޝާކިރު ބުންޏެވެ.
އެ ދޯނި ވަނީ ހިމިތި ފަރަށްއަރާ މެދުން ބިންދައިގެން ގޮސްފައެވެ. ދޯނި ފުންކުރުމުގެ މަސައްކަތް ކުރެވޭނީ އެކަމަށް އެކަށީގެންވާ ސާމާނު ލިބުމުން ކަމަށް ޝާކިރު ބުންޏެވެ.
"އެންމެން ވެސް ޒިންމާ އެންމެ ރަނގަޅު ގޮތުގައި އަދާކުރާށޭ އަޅުގަނޑު ބުނާނީ. ޖީޕީއެސް އެއްޗިހިން ވެސް ހަމަ ވަރަށް ރީތިކޮށް ފެންނާނެ ތިލަ ތަންތަން،" ޝާކިރު ބުންޏެވެ.
ހުދަންބަރު ދޯނި ފަރަށް އެރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ކަމަށް ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް މީގެކުރިން 'ސަން'އަށް ވިދާޅުވިއެވެ.
އެ ދޯނި ފަރަށް އުރުނުއިރު ދިޔައީ 10 ވަރަކަށް ޓަނު މަސް ބާނައިގެން އެ ވިއްކުމަށް މާލެއާ ދިމާލަށް ދަތުރުކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ދޯނީގައި އެވަގުތު ގާތްގަނޑަކަށް 16 މީހުން ތިބިކަމަށް ވެސް މުބައްޝިރު ވިދާޅުވިއެވެ.