މަސްވެރިކަން ރަނގަޅުވުން: ކޫއްޑޫގައި ދިގު ކިޔުއެއް، މާންދޫން ކިރުން ލިމިޓުކޮށްފި

އޭޕްރިލް 2022: ކޫއްޑޫއަށް މަސްކިރަން ގޮސް ތިބި ދޯނިތައް ކިޔޫގައި --- ފޮޓޯ/ ސޯޝަލް މީޑިއާ

ރާއްޖޭގެ ދެކުނަށް މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، ކޫއްޑޫއާއި މާންދޫއަށް ބާރުބޮޑުވެ، މާންދޫގައި މަސްކިރާ މިންވަރު ލިމިޓުކޮށްފިއެވެ.

ހޮރައިޒަންސް ފިޝަރީޒް އިން ލ. މާންދޫގައި ހިންގާ، މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މެނޭޖަރު، އަބްދުއްރައްޒާގް ޔޫސުފް "ސަން"އަށް މިއަދު ވިދާޅުވީ މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން، އެތަނުގެ ކެޕޭސިޓީ ފުލްވާއިރު ވެސް ހުރިހާ ދޯންޏެއް ކިރާ ނުނިމޭ ކަމަށެވެ.

"ބައެއް ދޯނިތަކުން އެބަ ގެނޭ 20ޓަނު 30ޓަނު ވެސް. އެހެންވީމަ، މާދަމާއިން ފެށިގެން ދޯންޏަކަށް 12 ޓަނުގެ މަގުން ލިމިޓުކުރަން މި ފަށަނީ،" އޭނާ ވިދާޅުވިއެވެ.

މާންދޫއަށް ދުވާލަކު 130 ޓަނުގެ މަސްކިރެއެވެ. އެހެންކަމުން، ދޯންޏަކަށް 12 ޓަނުގެ މަގުން ކިރާނަމަ، ދުވާލަކަށް އެ ރަށުން ކިރޭނީ 10 ދޯނީގެ މަހެވެ.

ރައްޒާގު ވިދާޅުވީ މިވަގުތު މާންދޫއަށް ބާރުބޮޑުވެފައިވަނީ ކޫއްޑޫއަށް ބާރުބޮޑުވެ، ހުވަދުއަތޮޅުގެ އޮޑިފަހަރުވެސް އެރަށަށް މަސް ކިރަން އަންނަން ފެށުމުން ކަމަށެވެ.

ކިރާ މިންވަރު ލިމިޓުކުރުމާއެކު، މާންދޫއިން ވަނީ މަސް ގަންނަ އަގު ވެސް ދަށްކޮށްފައެވެ. އެގޮތުން އަލަށް މަސް ގަންނަން ފެށި އަގުތަކަކީ؛

ފިނިކުރި މަސް:

  • 1.5 ކިލޯއިން މަތި: 15.50 ރުފިޔާ [ކުރިން 17 ރުފިޔާ]
  • 1.5 ކިލޯއިން ދަށް: 7.50 ރުފިޔާ [ކުރިން ނުވަ ރުފިޔާ]

ފިނިނުކުރާ މަސް:

  • 1.5 ކިލޯއިން މަތި: 13.50 ރުފިޔާ [ކުރިން 15 ރުފިޔާ]
  • 1.5 ކިލޯއިން ދަށް: 5.50 ރުފިޔާ [ކުރިން 6 ރުފިޔާ]

ހޮރައިޒަންސް އިން މަސް ގަންނަ އަގު ދަށްކުރި ނަމަވެސް، މިފްކޯއިން އަދި، މަހުގެ އަގަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އަދި ކިރާ މިންވަރު ވެސް ލިމިޓެއް ނުކުރެއެވެ. މިފްކޯއިން މިވަގުތު މަސް ގަންނަމުން އަންނަ އަގުތަކަކީ؛

ފިނިކުރި މަސް:

1.5 ކިލޯއިން މަތި: 17 ރުފިޔާ
1.5 ކިލޯއިން ދަށް: 15 ރުފިޔާ


ފިނިނުކުރާ މަސް:

1.5 ކިލޯއިން މަތި: ނުވަ ރުފިޔާ
1.5 ކިލޯއިން ދަށް: ހަތް ރުފިޔާ

ގއ. ކޫއްޑޫ ބޭރުގައި އޮތް ދޯންޏަކުން ވާހަކަދެއްކި މަސްވެރިޔަކު ބުނީ ކޫއްޑޫއަށް މަސްކިރުމަށް ޓަކައި ގިނަ އަދަދެއްގެ ދޯނި އެތަނަށް އައިސް މިވަގުތު އެބައޮތް ކަމަށެވެ.

"ބައެއް ފަހަރު ދެ ދުވަސް ވެސް އެބަވޭ މަސްކިރަން އައިސް ތިބޭތާ. އައިސް ނުލިބޭތީ މަހުގެ ކޮލިޓީ ދަށްވެ، އަގު ދަށްކޮށް ވިއްކާލަން މި ޖެހެނީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެ އަތޮޅުގައި ހުރި ގިނަ އައިސްޕްލާންޓުތަކުން މި ވަގުތު އައިސް ނުލިބޭ ކަމަށާއި، އައިސް ހޯދުމަށް ދުއްވާ ދުއްވުމުން ވެސް، ބައެއް ފަހަރު ބާނާ މަހުގެ އަގު ޚަރަދުވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކުގެ އިތުރުން، އުތުރަށް ވެސް މި ދުވަސްވަރު މަސްވެރިކަން ރަނގަޅެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، ކޫއްޑޫއަށް މަސް ކިރުން މިދިޔަ އޭޕްރީލް މަހުގެތެރޭގައި ވެސް ދަތިވިއެވެ. އޭގެ ފަހުން، ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ މިފްކޯއަށް މަސް ކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު ބޯޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް