ގްރީން ޓެކްސް އަލުން ނަގަން ފެށުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.
ގްރީން ޓެކްސް ނަގަން ފެށޭނީ އެ ބިލް ރައީސް ތަސްދީގު ކުރެއްވުމުންނެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އެ ބިލު ހުށަހަޅާފައިވާ ގޮތަށް ފާސް ކުރުމަށް ނިންމާފައެވެ.
ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ޖަހާފައި އޮތުމުން ގްރީން ޓެކްސް ނެގުން ވަނީ ހުއްޓިފައެވެ.
ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހެވެ. އަދި، މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހު ރައީސް ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފައެވެ.
އެ ގާނޫނަށް ގެނައި އިސްލާހުގެ މަގުސަދަކީ ރިސޯޓުތަކެކޭ އެއްފަދައިން، ހޮޓާތަކާއި ގެސްޓް ހައުސްތަކުން ވެސް ގްރީން ޓެކްސް ނަގަން ފެށުމެވެ.
ނަމަވެސް، އެ ގާނޫނުގެ 35ވަނަ މާއްދާގެ (ކ)އަށް ގެނައި އިސްލާހުގައި ވާގޮތުން، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއާއެކު، މިހާތަނަށް ރިސޯޓުތަކުން ނަގަމުން އައި ގްރީން ޓެކްސް ވެސް ވަނީ ހުއްޓިފައެވެ.
އެހެން ނަމަވެސް ސަރުކާރުން ވަނީ ފަތުރުވެރިން އަންނަ ތަންތަނުން ގްރީން ޓެކްސް ނެގުމަށް އަންގާފައެވެ.
އެ ޓެކްސް އަލުން ނަގަން ފެށުމަށް ސަރުކާރުގެ ފަރާތުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން ގްރީން ޓެކްސް ނުނެގޭ މުއްދަތުގެ ތެރޭގައި އެ ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު އެ ފަތުރުވެރިޔަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަން ޖެހޭނެއެވެ.
ގްރީން ޓެކްސް ނަގަނީ 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުންނަ ތަނެއްގައި ނަމަ އެތަނެއްގައި އެ މީހަކު ހުންނަ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އަދި އެއަށްވުރެ ދަށް އަދަދެއްގެ ކޮޓަރި ހުންނަ ތަނެއްގައި ނަމަ، އެތަނެއްގައި އެ މީހަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުންނެވެ.