ސަރުކާރުގެ އަމާޒު އަބަދުވެސް ހުރީ މެރިޓައިމް ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފެށި މެރިޓައިމް ސޭފްޓީ ވީކް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފައި ވަނީ ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުފަޅުތައް ކަމަށާއި ކާބަފައިން ދަތުރުފަތުރުކޮށް ހެދީ މިކަނޑުފަޅުތަކުގައި ކަމަށެވެ.
މިއަދު ވަނީ ކާބަފައިން ދަތުރުފަތުރުކޮށް އުޅުނު ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސް ކުރިއެރުންތަކެއް ހޯދައި މި ދާއިރާގެ ބޮޑު ސިނާޢަތެއް އުފެދިފައި ކަމަށް ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ތިމާވެއްޓާ ރައްޓެހި އާހޯދުންތައް ހޯދައި އެ ހޯދުންތަކުގެ އެހީގައި ކަނޑު އުޅަނދުފަހަރާއި އޭގެ ވަށައިގެންވާ މާހައުލު ސަލާމަތާ ރައްކާތެރިކަމުގައި ބޭއްވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެ ކަމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެއީ އެތައް ބައިވަރު ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މެރިޓައިމް ސޭފްޓީ ވީކް ވެސް އަމާޒު ކޮށްފައިވަނީ އަަންނަން އޮތް ޖީލަށާއި މިއަދުގެ ލޮބުވެތި ކިޔަވާކުދިންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މެރިޓައިމް ސޭފްޓީ ވީކް ފައްޓަވައި ދެއްވިއިރު މިނިސްޓަރު ނަހްލާ ވަނީ އެކަމާ ގުޅުން ހުރި ދެ ފޮތެއް ވެސް ނެރެދެއްވާފައެވެ.
އެ ދެ ފޮތް ނެރެދެއްވަމުން ނަހުލާ ވިދާޅުވީ އެ ދެ ފޮތަކީ ވެސް ސްކޫލު ކުދިންނަށް ނުހަނު ފައިދާ ކުރަނިވި ދެ ފޮތަށް ވާނެކަމަށް އުއްމީދުކުރާ ކަމަށާއި އެފަދަ ފޮތްތަކުން ލިބިދޭ މަޢުލޫމާތުގެ ސަބަބުން ކަނޑުދަރުފަތުރުގެ ދާއިރާއަށް ކުދިންގެ ޝައުގުވެރިކަން އިތުރުވެގެން ދާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ނަހުލާ ވަނީ ރާއްޖެއަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ސިނާއަތުގައި ނަންހިނގާ ގައުމަކަށް ހެދުމަށްޓަކައި ސަރުކާރުން ފަށާފައިވާ، މީހުން ބިނާކުރުމުގެ ޕްރޮގުރާމު ހުއްޓުމެއްނެތި ކުރިޔަށް ގެންދަވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޝުކުރު ދަންނަވާފައެވެ.
"މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަންއާއެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13ވަނަ ދުވަހު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ކެޕްޓަނުންނާއި އިންޖީނިއަރުން ތަމްރީނުކުރުމުގެ މަސައްކަތް ވަނީ ސަރުކާރުން ފަށާފައި. އަދި މި ޕްރޮގުރާމުގައި މިހާރު 11 ދަރިވަރުން އަންނަނީ ސެންޓަ ފޯ މެރިޓައިމް ސްޓަޑީޒްގައި ކެޕްޓަންކަމުގެ ތަމްރީނު ފުރިހަމަކުރަމުން،" ނަހުލާ ވިދާޅުވިއެވެ.
ރާއްޖެއަކީ މީގެ 30 އަހަރު ކުރިން މެރިޓައިމް ސިނާއަތުގައި ނަންހިނގާ ގައުމަކަށް ވީނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި މިދާއިރާ ތަރައްގީ ކުރުމަށް ސްޓްރެޓެޖިކް ގޮތަކަށް މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން އެ ސިނާއަތަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައި ކަމަށް ނަހުލާ ވިދާޅުވިއެވެ.
ކުރީގައި ސިނާއަތުގައި މަސައްކަތްކުރި ފަރާތްތަކަކީ މި ރާއްޖޭގައި ކާމިޔާބު ވިޔަފާރިވެރިންނާއި އުފެއްދުންތެރި ދަރިން އަދި ފުދުންތެރި އާއިލާތައް ކަަމަށާއި މިހާރު ފަށާފައިވާ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ރާއްޖެއަށް ލާބަޔާއި މަންފާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މެރިޓައިމް ދާއިރާއަށް ބޮޑު ބަދަލެއް އަންނަމުންދާއިރު ކުރިޔަށް އޮތްތާގައި މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަކީ ގާބިލް އަދި އެ ކަމަށް އެކަށީގެންވާ ބަޔަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ނަހުލާ ފާހަގަކުރެއްވިއެވެ.
މެރިޓައިމް ސޭފްޓީ ވީކްގެ މަގުސަދަކީ ކަނޑު އުޅަނދުފަހަރުގެ ސަލާމަތާ ރައްކާތެރިކަމާއި ތިމާވެށީގެ ރައްކާތެރިކަން އިތުރު ކުރުމަށް ހޭލުންތެރިކުރުވުމާއި ކަނޑު ދަތުރުފަތުރުގެ ސިނާއަތުގައި ހުރި ފުރުސަތުތައް ސްކޫލްތަކުގެ ދަރިވަރުންނަށް އަންގާދިނުން ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.