ދެކުނު އިރުމަތީ އޭޝިއާގެ ކޮންމެ ތިން މުސްލިމެއްގެ ތެރެއިން އެކަކު، އެމީހަކީ އެމީހެއްގެ މައިންބަފައިން އެ އުމުރުގައި ދިރިއުޅުނު ވަރަށް ވުރެ މާ ދީންވެރިކޮށް ދިރިއުޅޭ މީހެއް ކަމަށް ގަބޫލުކުރާ ކަމަށް ސާވޭއަކުން ދައްކައިފިއެވެ.
އެއީ، ބައިނަލްއަގުވާމީ ފެންވަރުގައި މާކެޓިން ޚިދުމަތްތައް ފޯރުކޮށްދޭ އިނގިރޭސި ކުންފުންޏެއް ކަމަށްވާ ވަންޑަމަން ތޮމްޕްސަން އާއި އެ ކުންފުނީގެ ދަށުން ހިންގާ ވީއެމްއެލްވައިއެންޑް އާރުގެ މެލޭޝިއާ ގޮފިން، ދެކުނު އިރުމަތީ އޭޝިއާގައި ކުރިއަށްގެންދިޔަ ސާވޭއެކެވެ.
އެ ސާވޭގެ ތެރެއިން އިންޑޮނޭޝިއާއާއި މެލޭޝިއާގެ 1،000 މީހަކާ ސުވާލުކުރުމަށް ފަހު އެކުލަވާލާފައިވާ 'ނިއު މުސްލިމް ކޮންޒިއުމާ ރިޕޯޓް'ގައިވާ ގޮތުން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 250 މިލިއަން މުސްލިމުންގެ ތެރެއިން، އެމީހުންގެ މައިންބަފައިންނަށް ވުރެ ދީންވެރި ނޫން ކަމަށް ގަބޫލުކުރަނީ 21 ޕަސެންޓު މީހުންނެވެ. އަދި 45 ޕަސެންޓު މީހުން ދެކެނީ އެމީހުން، އެމީހުންގެ މައިންބަފައިންނާ އެއްވަރަކަށް ދީންވެރި ކަމަށެވެ.
ހަމައެއާއެކު، ހަޔާތުގައި އެންމެ މުހިންމު ކަމަކީ ދީނާ ގާތް ގުޅުމެއް އޮތުން ކަމަށް 91 ޕަސެންޓު މީހުން ގަބޫލުކުރާ ކަމަށް ސާވޭއިން ދެއްކިއެވެ. އަދި ސިއްހަތު ވެސް ހަމަ އެހާ މުހިންމު ވެފައި، ދެން އެންމެ މުހިންމީ އާއިލާ ކަމަށް އެމީހުން ދެކޭ ކަމަށް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން މުއްސަނދިކަން މުހިންމު ކަމަށް ދެކެނީ 34 ޕަސެންޓު މީހުން ކަމަށްވާ އިރު، އެމީހަކު އެންމެ ޝައުގުވެރިވާ ކަންތައްތައް ކުރުމަށް އިސްކަންދޭ ކަމަށް ބުނަނީ 28 ޕަސެންޓު މީހުންނެވެ. އަދި މަޝްހޫރުކަން ހޯދުމަށް އިސްކަން ދެނީ އެ ސަރަހައްދުގެ އެންމެ 12 ޕަސެންޓު މީހުން ކަމަށް ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ކާބޯތަކެއްޗާއި އަންނައުނުގެ އިތުރުން، ފައިސާގެ މުއާމަލާތްތަކާއި ޓެކްނޮލޮޖީއާ ގުޅިލާމެހިގެން އަންނަ ފިންޓެކް ދާއިރާއިން ޚިދުމަތްތައް ހޯދުމުގައި އިސްލާމް ދީނާ ޚިލާފު ނުވާ ގޮތަށް އަމަލު ކުރެވޭތޯ މުސްލިމުން ބަލާ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ. އެގޮތުން، އެއްޗެއް ގަންނައިރު އެންމެ މުހިންމު ކަމަކީ އެ އެއްޗެއް ހަލާލް ވުން ކަމަށް ސާވޭގައި ބައިވެރިވި 91 ޕަސެންޓު މީހުން ބުނި ކަމަށް ރިޕޯޓުގައިވެއެވެ. އެއީ އެ އުފެއްދުމެއްގެ އަގާއި، ކޮލިޓީއާއި ތިމާވެއްޓާ ގުޅުން ހުރި މިންވަރަށް ވުރެ ވެސް މުހިންމު ކަމެއް ކަމަށް އެ މީހުން ބުންޏެވެ.
މީގެ އިތުރުން، އެމީހަކު ބޭނުންކުރާ ބޭންކިން ނުވަތަ އިންވެސްޓްމެންޓް ޚިދުމަތަކީ އިސްލާމީ ޝަރީއަތާ ފުށޫއަރާ ޚިދުމަތަކަށް ނުވުން މުހިންމު ކަމަށް 60 ޕަސެންޓަށް ވުރެ ގިނަ މުސްލިމުން ދެކޭ ކަމަށް ރިޕޯޓުގައިވެއެވެ. އަދި ދަތުރުކުރަން ތަނެއް ޚިޔާރު ކުރާއިރު އެތަނަކުން ހަލާލް ކާބޯތަކެތި ލިބެން ހުންނަތޯ ބެލުމަކީ އިސްކަންދޭ ކަމެއް ކަމަށް ސާވޭގައި ބައިވެރިވި 77 ޕަސެންޓު މީހުން ބުންޏެވެ.
އެ ރިޕޯޓުގައިވާ ގޮތުން ދެކުނު އިރުމަތީ އޭޝިއާގެ މުސްލިމް ގޭބިސީތަކުގައި އާންމުކޮށް ޚަރަދުތައް ބަލަހައްޓަނީ ފިރިހެނުންނެވެ. އެގޮތުން 70 ޕަސެންޓު ގޭގައި ޚަރަދުތައް ބަލަހައްޓަނީ ފިރިހެނުން ކަމަށް ބުނެފައިވާ އިރު އާއިލާއަށް މާލީ ގޮތުން އެންމެ ބޮޑަށް އެހީ ވަނީ އަމިއްލައަށް ކަމަށް ބުނެފައި ވަނީ 42 ޕަސެންޓު އަންހެނުންނެވެ.