ހަނގުރާމަ އާއި ސިޔާސީ ކޯޅުންތަކުގެ ސަބަބުން ދުނިޔެ ވަނީ "ފުން ވަޅުގަނޑަކަށް" ވެއްޓިފައި : އދ. ގެ ސެކްރެޓަރީ ޖެނެރަލް

އދ. ގެ ސެކްރެޓަރީ ޖެނެރަލް

އދ. މަޖިލިސް (21 ސެޕްޓެމްބަރު 2022) : ހަނގުރާމައާއި ކާބޯތަކެތީގެ އަގުބޮޑުވުމާއި ދިރިއުޅުމުގެ ދަތިތަކާ އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައިވާ ނުތަނަވަސްކަމުން ދުނިޔެ ވަނީ ބޮޑު ވަޅުގަނޑަކަށް ވެއްޓިފައި ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެނޓޯނިއޯ ގުޓެރެޝް ސިފަކުރައްވައިފިއެވެ.

އދ. ގެ އާންމު ޖަމްއިއްޔާގެ 77 ވަނަ ސެޝަން އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގުޓެރެޝް ވިދާޅުވީ ފާއިތުވި ދެއަހަރުތެރޭގައި ކޮވިޑްގެ ވަބާއިން އަރައިގަތުމުގައި ދުނިޔޭގެ ގައުމުތަކުން ބޮޑު ކާމިޔާބީތަކެއް ހޯދި ނަމަވެސް ދުނިޔެއޮތީ ވަކި ރަނގަޅު ހާލަތެއްގައި ނޫން ކަމަށެވެ.

މިގޮތުން ދުނިޔޭގައި ހަނގުރާމައާއި ތަޅާފޮޅުމާއި ސިޔާސީ ހަމަނުޖެހުން ގިނަވެ، ކާބޯތަކެތީގެ އަގުބޮޑުވެ، ދިރިއުޅުން ދަތިވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޖިއޮޕޮލިޓިކަލް ކޯޅުންތަކާއި ބޮޑެތި ބާރުތަކުގެ މެދުގައިވާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ މަސްރަހު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަން ވެސް ގުޓެރެޝް ފާހަގަ ކުރެއްވިއެވެ.

އދ. ގެ އާންމު ޖަމްއިއްޔާގެ މިއަހަރުގެ ސެޝަންގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާ ރައީސް ޗާބާ ކްރޮސީ

އދ. ގެ އާންމު ޖަމްއިއްޔާގެ 77 ވަނަ ސެޝަން ގެ ޖަލްސާތަކުގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ބޭފުޅެއްގެ ގޮތުގައި މެންބަރު ގައުމުތަކުން އިންތިޚާބު ކޮށްފައިވާ ބޭފުޅަކީ ހަންގެރީގެ ޑިޕްލޮމޭޓެއް ކަމަށްވާ ޗާބާ ކްރޮސީއެވެ.

އދ. ގެ އާންމު ޖަމްއިއްޔާގެ މިއަހަރުގެ ސެޝަންތައް އިއްޔެ ފެށުނުއިރު މިސެޝަންގެ ޝިއާރަކީ "ސޮލިއުޝަންސް ތްރޫ ސޮލިޑަރިޓީ ސަސްޓެއިނެބްލިޓީ އެންޑް ސައެންސް" ނުވަތަ (އެއްބައިވަންތަކަމާއި ދެމެހެއްޓެނިވިގޮތުގައި ކަންކަން ކުރުމާއި އަދި އިލްމުން ހައްލު ހޯދުން) މިޝިއާރެވެ.

ކޮވިޑްގެ ސަބަބުން ފާއިތުވި ދެ އަހަރު އދ. ގެ އާންމު ޖަމްއިއްޔާގެ ސެޝަންތަކަށް ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިން ހާޒިރުވެވަޑައިގެންފައި ވަނީ ވަރަށް މަދުންނެވެ. ނަމަވެސް ފާއިތުވި ދެ އަހަރާ ޚިލާފަށް އިއްޔެ ފެށުނު އދ. ގެ އާންމު ޖަމްއިއްޔާގެ 77 ވަނަ ސެޝަންގައި ދުނިޔޭގެ 160 ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގެން އެސެޝަންގެ ޖަލްސާތަކުގައި ތަގްރީރު ކުރައްވާނެއެވެ.

ކޮވިޑްގެ ސަބަބުން ފާއިތުވި ދެ އަހަރު ބޭއްވި އދ. ގެ އާންމު ޖަމްއިއްޔާގެ 75 ވަނަ ސެޝަންއާއި 76 ވަނަ ސެޝަންގެ ޖަލްސާތަކުގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ލީޑަރުން ބައިވެރިވެ ވަޑައިގެންފައިވަނީ ވާޗުއަލް (އޮންލައިން) ކޮށެވެ. ނަމަވެސް މިއަހަރު ގެ ސެޝަންގެ ޖަލްސާތަކުގައި 160 ގައުމެއްގެ އެންމެ އިސްވެރިން ސީދާ އދ. އަށް ވަޑައިގެން އެ ޖަލްސާތަކުގައި ފިޒިކަލީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އިއްޔެ ފެށި އދ. ގެ އާންމު ޖަމްއިއްޔާގެ 77 ވަނަ ސެޝަންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ އިސްކަން ދޭ މައްސަލަތަކުގެ ތެރޭގައި ދުނިޔޭގެ މޫސުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލައާއި ހަނގުރާމައާއި ތަޅާފޮޅުމާއި ސިޔާސީ ހަމަޖެހުންތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވައިވާ މައްސަލަތަކާއި ކާބޯތަކެތީގެ އަގުބޮޑުވުމާއެކު ދިރިއުޅުމުގެ އަގުތައް ބޮޑުވަމުންދާ މައްސަލައާއި އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައިވާ ޖިއޮޕޮލިޓިކަލް ވާދަވެރިކަމުގެ ސަބަބުން ދުނިޔޭގައި އުފެދެމުންދާ މައްސަލަތައް ހިމެނެއެވެ.

އދ. ގެ ރިޕޯޓްތައް ބުނާގޮތުން ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި މީހުން ގެންދަނީ ހަނގުރާމައާއި ތަޅާފޮޅުމާއި ސިޔާސީ ހަމަޖެހުންތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވައިވާ މައްސަލަތައް ސީދާ ގޮތެއްގައި ތަހައްމަލު ކުރަމުންނެވެ.

އދ. ގެ އާންމު ޖަމްއިއްޔާގެ ސެޝަން ގެ ޖަލްސާތައް އިއްޔެވަނީ ފަށާފައި

އަނެއްކޮޅުން ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި ރެފިއުޖީންގެ ނިސްބަތްވެސް މިހާވަރަށް މައްޗަށް ގޮސްފައިވާ ދުވަސްވަރެއް ނުދެއެވެ. ރެފިއުޖީންގެ ތެރޭގައި ހަނގުރާމައާއި ތަޅާފޮޅުމާއި ސިޔާސީ ހަމަޖެހުންތަކުގެ ސަބަބުން ގެދޮރުގެއްލި ހާލުގައި ޖެހިފައިވާމީހުންނާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުން ގެދޮރުގެއްލި ހާލުގައި ޖެހިފައިވާމީހުން ހިމެނެއެވެ.

އިއްޔެ އިން ފެށިގެން އާންމު ޖަމްއިއްޔާގެ ސެޝަންގެ ޖަލްސާތަކުގައި ދުނިޔޭގެ ލީޑަރުންނާއި ގައުމުތަކުގެ މަންދޫބުން ވަނީ ތަގްރީރު ކުރަން ފައްޓަވާފައެވެ.

comment ކޮމެންޓް