ސަޕޯޓަރުންގެ އަމަލުތައް ހުންނަ ގޮތުން އާއިލާ ދަނޑަށް ގެންދަން ޖެހިލުންވޭ: ޑަޔާ

ޓޮޓެންހަމްގެ އެރިކް ޑަޔާ---

ރަށުން ބޭރުގައި ކުޅޭ މެޗުތަކުގައި އިދިކޮޅު ޓީމުގެ ސަޕޯޓަރުންގެ އަމަލުތައް ހުންނަ ގޮތުން އާއިލާގެ މެންބަރުން ދަނޑަށް ގެންދަން ޖެހިލުންވާކަމަށް ޓޮޓެންހަމްގެ މިޑްފީލްޑަރު އެރިކް ޑަޔާ ބުނެފިއެވެ.

ޑަޔާ ބުނީ މިދިޔަ މަހު ލީގްގައި ޗެލްސީއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅެ 2-2 އިން ޓޮޓެންހަމް އެއްވަރުވި މެޗުގައި އޭނާގެ އާއިލާ އާއި ބައެއް ރަހުމަތްތެރިންނަށް ޗެލްސީގެ ސަޕޯޓަރުންގެ ފަރާތުން އުނދަގޫތަކާ ކުރިމަލާންޖެހުނުކަމަށެވެ.

"އަހަންނަށް ސަޕޯޓަރުންގެ ފަރާތުން ފެންނަ ކުޅިވަރުގެ ރޫހާ ހިލާފު ކަންތައްތަކަކީ މައްސަލައެއް. ޗެލްސީ މެޗުގައި އަހަރެންގެ އާއިލާއާއި ރައްޓިހެން ތިބި އިރު އެމީހުންނަށް އެކަމުގެ އުނދަގޫތައް ކުރިމަތިވި،" ޑަޔާ ބުންޏެވެ.

ޑަޔާ ބުނީ ސަޕޯޓަރުން ސަޕޯޓު ކުރާއިރު ފުޓުބޯޅައިގެ ރޫހާ އެއްގޮތަށް ސަޕޯޓު ކުރަންޖެހޭކަމަށެވެ. މީހުންނަށް އުނދަގޫކޮށް ފުރައްސާރަ ކުރާ ގޮތަށް ސަޕޯޓު ކުރީ ހަމައެކަނި ޗެލްސީގެ ސަޕޯޓަރުން ނޫންކަމަށާއި، އޭނާގެ ޓީމު ޓޮޓެންހަމްގެ ސަޕޯޓަރުން ވެސް އަމަލު ކުރީ ހަމަ އެގޮތަށް ކަމަށް އޭނާ ބުންޏެވެ.

ދެހާސް ވިހި ވަނަ އަހަރު އެފްއޭ ކަޕްގައި ނޯވިޗް ސިޓީ އަތުން ޓޮޓެންހަމް ބަލިވި މެޗަށް ފަހު ސަޕޯޓަރުން ޑަޔާގެ ބޭބެއަށް ފުރައްސާރަ ކުރުމުން ނޯވިޗްގެ ސަޕޯޓަރުންނާއި ޑަޔާއާ ދެމެދު ހިނގި ހަމަނުޖެހުމުގެ ސަބަބުން އޭނާ ހަތަރު މެޗަށް ސަސްޕެންޑު ކުރިއެވެ.

ސަޕޯޓަރުންގެ ފަރާތުން ފުރައްސާރައިގެ މައްސަލަތައް އިތުރުވެފައި ވާތީ އިނގިރޭސި ޕްރިމިއާ ލީގުން ވަނީ އެކަމަށް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އެ މުބާރާތުން މިދިޔަ ޖޫން މަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފަދަ މައްސަލަތައް ހުއްޓުވަން އިތުރު ފިޔަވަޅުތައް ތައާރަފް ކުރާނެކަމަށެވެ.

އެކަމުގައި ޓީމުތަކާ ބައްދަލުކޮށް ޓީމުތަކުގެ އިއްތިފާގުން ނިންމާފައިވަނީ އަވޭ ޓީމުތަކަށް އިތުރު ސެކިއުރިޓީ އޮފިޝަލުން ހާއްސަ ކުރުމަށެވެ.

މިދިޔަ ހަފުތާގައި ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑުގެ ސަޕޯޓަރުން ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއަށް ފުރައްސާކުރުމުން އެކަން ކުށްވެރިކޮށް ލަލީގާއިން ބަޔާނެއް ނެރުނެވެ.

އާދީއްތަ ދުވަހު ރެއާލްއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ކުރިން މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގެ ބޭރުގައި އެތުލެޓިކޯގެ ސަޕޯޓަރުން ވިނީޝިއަސްއަށް ނަސްލީ ފުރައްސާރަ ކުރާ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ހާދިސާއާ ގުޅިގެން ލަލީގާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކަކު އަނެކަކަށް ނަފުރަތު އުފެދޭ ގޮތަށް "ހޭޓް ސްޕީޗް" ފެތުރުމަކީ އެ ލީގުން އެއްވެސް ގޮތަކަށް ޖާގަ ދޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ލަލީގާއިން ބުނެފައި ވަނީ އެފަދަ މައްސަލަތައް ދެނެގަނެ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކްލަބްތަކާއި އިދާރާތަކާ ގުޅިގެން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ސްޓޭޑިއަމްތަކުގެ ބޭރުން ހިނގާ އެފަދަ ކަންކަން ބަލައި، ޓީމުތަކާ ގުޅިގެން ފުޓުބޯޅައިގެ ރޫހާ އެއްގޮތަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާނެކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް