އާރުޓީއެލްއަކީ ރައްޔިތުން ޖަލުތަކެއްގައި ތިއްބާ މިނިވަންކޮށްދިން ނިޒާމު: އާޒިމް

ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަކީ ރައްޔިތުން ޖަލުތަކެއްގައި ތިއްބާ މިނިވަން ކޮށްދިން ނިޒާމުކަމަށް އެމްޓީސީސީގެ ސީއީސޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ މިއީ ދިވެހި ރައްޔިތުން ޖަލުތަކެއްގައި ތިއްބާ އެ ޖަލުތަކުން ރައްޔިތުން މިންޖުކޮށްދިން ސަރުކާރުކަމަށެވެ.

އާރުޓީއެލް ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާތަކެއް ހުރިކަން އެނގޭކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތް ކުރާނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"ޓިކެޓު ނެގުމުގައި ބައެއް ރައްޔިތުންނަށް އުނދަގޫތައް ހުރިކަން ވަނީ ފާހަގަވެފަ. ބައެއް ރައްޔިތުންނަށް ދަތިތައް އެބަހުރި. އެހެން ނަމަވެސް ޖުމްލަ ގޮތެއްގަ ވަރަށް ފަސޭހަކަމާއެކު މި ޚިދުމަތް ލިބެމުންދާކަން އަޅުގަނޑުމެންނަށް އޮތީ ފާހަގަ ކުރެވިފަ،" އޭނާ ވިދާޅުވިއެވެ.

ސްމާޓް ފޯނު ނުގެންގުޅޭ މީހުންނަށް ޓިކެޓު ނެގުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީން މާލެ އާއި ހުޅުމާލޭގައި މިނީ ބަހުގެ ދަތުރުތައް ފަށާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. މިނީބަހުގެ ޚިދުމަތް ދިނުމަށް އެމްޓީސީސީން 41 މިނީބަސް ރާއްޖެ ގެނެސްފައިވާއިރު މާލެ އާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް 18 މިނީބަސް ބޭނުންކުރެއެވެ. އެމްޓީސީސީގެ މިނީ ބަހުން މިހާރު ދަތުރުކުރެވެނީ އާރުޓީއެލް ޓްރެވަލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނަގައިގެންނެވެ.

އާރުޓިއެލްގެ ޚިދުމަތުގެ ދަށުން މާލޭގައި ދުއްވުމަށް އަންނަ މަހު ހަ އިލެކްޓްރިކް ބަސް ގެންނާނެކަމަށް މީގެ ކުރިން އާޒިމް ވަނީ ވިދާޅުވެފައެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ފަށާފައި ވަނީ ހއ. އަތޮޅާއި ހދ. އަތޮޅުގައެވެ. ށ. އަތޮޅަކީ މި ޚިދުމަތް ދޭންފަށާ ތިންވަނަ އަތޮޅެވެ.

ބާކީ ހުރި އަތޮޅުތަކުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 65 ލޯންޗު ބަނުމަށް 537 މިލިއަން ރުފިޔާއަށް އަލްޝާލީ މެރިން މޯލްޑިވްސްއާ މިހާރު ވަނީ ހަވާލުކޮށްފައެވެ.

comment ކޮމެންޓް