އައްޑޫން ފުލުހުންނަށް އިންޒާރުދިން ދެމީހުންގެ ބަންދަށް 15 ދުވަސް

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންނަށް އިންޒާރު ދިން މައްސަލައިގައި އައްޑޫ ސިޓީ ހިތަދޫން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ހިތަދޫ ދީފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް އިންޒާރުދިން މައްސަލައިގައި އައްޑޫން ހައްޔަރުކުރި ދެ މީހުން ހިތަދޫ ކޯޓަށް ހާޒިރުކުރުމުން 15 ބަންދުގައި ބައިތިއްބަން އަމުރުކޮށްފައިވާ ކަމަށެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ލައިސަންސް ނެތި ދުއްވި ސައިކަލެއް ޓޯ ކުރުމުން، ފުލުހުންނަށް އިންޒާރު ދިން މައްސަލައިގައި އައްޑޫ ސިޓީން ދެ މީހަކު މިއަދު ހައްޔަރުކުރިއެވެ.

ފުލުހުން ބުނީ، އިއްޔެ ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރީ 21 އަހަރާއި، 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ އެ ސައިކަލު ހުއްޓުވުމުން، ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެ ކަމަށް ބުނެ އެ މީހުން އިންޒާރު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

މިފަހަކަށް އައިސް، ފުލުހުންނަށް އިންޒާރު ދިނުމާއި، ހަމަލާ ދިނުމުގެ މައްސަލަތައް މާލޭގައި ވެސް ވަނީ އާންމުވެފައެވެ. އެގޮތުން، މިމަހުގެ ނުވަވަނަ ދުވަހު، ހެންވޭރަށް ނިސްބަތްވާ ގޭންގަކުން ޑީއީޑީގެ ތިން ފުލުހަކަށް މަޖީދީމަގު ޔޫރޯ ސްޓޯރު ސަރަހައްދުން ހަމަލާދީފައެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން، މިދިޔަ އާދީއްތަ ދުވަހު މާފަންނަށް ނިސްބަތްވާ ގޭންގެއްގެ މީހަކު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް