ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އިނގިރޭސި ގައުމީ ޓީމަށް ނަގައިފި

ހެންޑަސަން އިނގިރޭސި ޓީމުގެ ފަރިތަކުރުންތަކުގައި --- ފޮޓޯ/ ރޮއިޓާސް

ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އިނގިރޭސިވިލާތުގެ ޤައުމީ ޓީމުގެ ސްކޮޑަށް ނަގައިފިއެވެ.

ޔުއެފާ ނޭޝަންސް ލީގަށް އިނގިރޭސި ޓީމު އެކުލަވާލިއިރު ކޯޗް ގެރެތް ސައުތު ގޭޓް މިފަހަރު ވަނީ ޖޯޑަން ހެންޑަސަނަށް ފުރުސަތު ދީފައެވެ. ހެންޑަސަނަށް ފުރުސަތު ދީފައިމިވަނީ މެންޗެސްޓާ ސިޓީގެ ކެލްވިން ފިލިޕްގެ ކޮނޑުހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ކުޅެވޭގޮތް ނުވުމުންނެވެ.

ގެރެތް ސައުތު ގޭޓް މީގެކުރިން ނެގި އިނގިރޭސި ޓީމުގައިވެސް ހެންޑަސަން ހިމަނާފައެއް ނުވެއެވެ. ހެންޑަސަން ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭރު ޓީމަށް ނުނެގި ނަމަވެސް ހެންޑަސަން މިހާރު އަންނަނީ, އަނިޔާއިން ރަނގަޅުވެ ފިޓްވުމަށް ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

މިއަހަރު އިނގިރޭސި ޓީމަށް ހެންޑަސަން ކުޅެފައިވަނީ އަދި އެންމެ މެޗެކެވެ. އެއީ ރަހުމަތްތެރިކަމުގެ މިއަހަރުގެ މާޗު މަހު ސްވިޒަލެންޑާ ދެކޮޅަށް އިނގިރޭސިވިލާތް ކުޅުނު މެޗެވެ. ހެންޑަސަން ވަނީ އިނގިރޭސި ގައުމީޓީމަށް މިހާތަނަށް 69 މެޗު ކުޅެފައެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އިނގިރޭސިވިލާތް އަންނަ ހުކުރު ދުވަހު ނިކުންނާނީ އިޓަލީވިލާތާ ދެކޮޅަށެވެ. އެއަށްފަހު މިމަހުގެ 26 ވަނަ ދުވަހު ޖަރުމަނުވިލާތާ ދެކޮޅަށް ނިކުންނާނެއެވެ.

comment ކޮމެންޓް