މަސްވެރިކަން ރަނގަޅުވާން ފަށައިފި، ކިރޭނެ ގޮތެއް ނެތް

ދިވެހި މަސްވެރިިން މަސް ބޭނުމުގައި: މަސް ކިރާ ތަންތަނުގެ ކެޕޭސިޓީއަށް ވުރެ ގިނައިން ދަނީ މަސް ބާނަމުން

ގިނަ ދުވަސްތަކަަކަށް ފަހު، ރާއްޖޭގެ ބައެއް ހިސާބުތަކަށް މަސްވެރިކަން ރަނގަޅުވެފައިވާއިރު، މަސް ކިރުމުގެ ދަތިކަން އަނެއްކާވެސް ބޮޑުވެއްޖެއެވެ.

ޖޫން ޖުލައިގެ ވިއްސާރައަށް ފަހު، މި ހަފުތާގައި މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް މަސްވެރިން ބުނެއެވެ. ގއ. ގެމަނަފުށިން ވާހަކަދެއްކި މަސްވެރިޔަކު ބުނި ގޮތުގައި އެ ހިސާބުގަނޑުގައި މި ދުވަސްވަރު މަސްވެރިކަން ވަރަށް ރަނގަޅެވެ. އެއާއެކު، އައިސް ނުލިބުމާއި މަސް ނުކިރުމުގެ މައްސަލަ އަނެއްކާވެސް ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ބައެއް ދޯނިތަކަށް އެބަ ޖެހޭ މަސް ނުކިރިގެން އުކާލަން ވެސް، އެހެން ނޫނީ ނުއަގުގައި ވިއްކާލަން ވެސް އެބަހުރި ޖެހިފައި. ދެތިން ދުވަހު ކިޔުގައި އޮވެގެން މިލިބެނީ އެންމެ ދެ ޓަނު އައިސް،" އޭނާ ބުންޏެވެ.

ހއ. އިހަވަންދޫ ކައުންސިލުގެ ރައީސް އަހްމަދު ޞަބާހު ވިދާޅުވީ އުތުރަށް ވެސް މި ދުވަސްވަރު މަސްވެރިކަން ރަނގަޅުކަމަށެވެ.

"މި ރަށުގެ 19 ދޯނި މަހަށް ނުކުމެފައިވީ، ފަޅަކު ނެތް އެންމެ ދޯންޏެއް ވެސް،" އޭނާ ވިދާޅުވިއެވެ.

ޞަބާހު ވިދާޅުވީ އިހަވަންދޫގެ މަސްވެރިންނަށް އައިސް ލިބުމުގައި ދަތިކަމެެއް ނެތް ނަމަވެސް، ކިރުމަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށެވެ.

"ރަށާ ކައިރިން ނެތް މަސް ކިރޭނެ ގޮތެއް. އެންމެ ދުވަހަކު ބޯޓެއް [މަސް ކިރަން] އައީ. އެ ބޯޓުވެސް އެދުވަހު ފުރިއްޖެ،" އޭނާ ވިދާޅުވިއެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، ކޫއްޑޫއަށް މަސް ކިރުން މިދިޔަ އޭޕްރީލް މަހުގެތެރޭގައި ވެސް ދަތިވިއެވެ. އޭގެ ފަހުން، ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ މިފްކޯއަށް މަސް ކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު ބޯޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް