ގއ. ދާންދޫން: ވަކި ރަށަކަށް މީހުން ޖަމާކޮށްގެން، ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީގެ އާ ޑްރެޖަރު، ބޮޑު ޖައްރާފާގެ އެންމެ ފުރަތަމަ މަޝްރޫއު ކަމަށްވާ، ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މި ސަރުކާރުގެ ތަސައްވުރަކީ ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ "ޖަޒީރާ ގޮތް" ބަދަލުނުކޮށް، ރާއްޖެ ތަރައްގީ ކުރުން ކަމަށެވެ.
"ޒަމާނެއް ދިޔަ، އަޅުގަނޑުމެން އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލު ކުރި ޒަމާނެއް. ރަށްރަށުގެ އާބާދީ މާ ކުޑައޭ. އެހެންވީމަ ތަރައްގީއެއް ނުގެނެވޭނޭ. ބޮޑު ރަށަކަށް ގޮސް އެންމެން އެއްތަނަކަށް ޖަމާކުރީމައޭ އަސްލުގަ ތަރައްގީ ގެނެވޭނީ .. އަޅުގަނޑުމެންގެ ތަސައްވުރުގައި އެއީ ރާއްޖެއެއް ނޫން" އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުގެ ވިސްނުމުގައި، ރާއްޖެ ތަރައްގީ ކުރެވެން އޮތް މަގަކީ ވަސީލަތްތައް ހުރި ރަށްރަށާ އެހެން ރަށްތައް ގުޅާލައި، ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
"އަޅުގަނޑުމެން ދެކެނީ ޚިދުމަތް، ވަސީލަތްތައް އެހުރި ތަނަކަށް އަނެއްބަޔަކަށް ދެވޭ ގޮތް ހަދާ، މި ރާއްޖެ ލާމެހިފައި އޮތް ތަނަކަށް ހެދީމައޭ އަޅުގަނޑުމެންނަށް ތަރައްގީއެއް އަސްލުގައި ގެނެވޭނީ" މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލެ ޕްލޭން ކުރިތާ އެތައް އަހަރެއް ވީއިރު ވެސް އެ މައްސަލަ ހައްލުވެފައި ނުވާކަން ފާހަކުރައްވާ އޭނާ ވިދާޅުވީ އެފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެތެރޭގެ ތަރައްގީއަށް އިހުމާލުވެ، އެތައް މައްސަލަތަކެއް އުފެދިފައިވާކަމަށެވެ.
"އެ މައްސަލަތަކަށް ހައްލެއް މި އަންނަނީ މުޅި ރާއްޖެއަށް ތަރައްގީ ފަތުރާލީމައި" އޭނާ ވިދާޅުވިއެވެ.
އެގޮތުން، މި ސަރުކާރުގެ ވިސްނުމަކީ ކައިރި ކައިރީގައި ހުރި ރަށްރަށަކީ އެކަތި ގަނޑެއް ކަމުގައި ބަލައި، މުޅި ރާއްޖެ ބައިބަޔަށް ބަހާލައިގެން ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ވިސްނުމުގެ ދަށުން މިހާރު ވެސް އުތުރުގެ އަތޮޅުތަކުގައި ފެރީގެ ނިޒާމު ގާއިމުކުރެވި، ޚިދުމަތް ދެމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަސްލަމް މީގެ ކުރިން ވެސް ވަނީ އެއްފަސް ކުރުމުގެ ސިޔާސަތަކީ މާކުރީގެ ވިސްނުމެއް ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްވާފައެވެ. އޭރު އޭނާ ވިދާޅުވެފައިވަނީ ތަރައްގީ ކުރުމުގައި އޮތް ހަމައެކަނި މަގަކީ އެއްފަސް ކުރުން ނޫން ކަމަށެވެ.