މ. އަތޮޅާއި ވ. އަތޮޅުގެ ރަށަކުން މީހުން ބަދަލުވާން އެދެފި: އާދަމް ޝަރީފް

އާދަމް ޝަރީފް: ވަޒީރު ވިދާޅުވީ ދެ ރަށަކުން މީހުން ބަދަލު ކުރަން އެދިފައިވާ ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް

ވ. އަތޮޅާއި މ. އަތޮޅުގެ ރަށަކުން މީހުން ބަދަލުވާން އެދިފައި ވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ބަދަލު ކުރަން ރަށްރަށުން އެދިފައި ހުރިތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ވ. އަތޮޅާއި މ. އަތޮޅު ރަށަކުން އެކަމަށް އެދިފައި އޮތް ކަމަށާއި އެކަމާމެދު ރަސްމީކޮށް ގޮތެއް ނިންމާފައި އަދި ނުވާކަމަށެވެ. ނަމަވެސް، އެ ރަށްތަކުގެ ކައުންސިލްތަކުން އެދޭ ގޮތަށް ރަށް ބަދަލުކުރަން ނިންމައިފި ނަމަ، އެ ރަށްތަކާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ވަޒީރު ވަނީ ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް އަލި އަޅުއްވާލައްވާފައެވެ.

އޭނާ ވިދާޅުވީ، އެކަމަކީ ވަރަށް ބޮޑު މަސައްކަތަކަށް ވާތީ، އެކަމާ ގުޅޭ ސިޔާސަތު ކަރުދާސްތައް އެކުލަވާލަމުން އަންނަ ކަމަށާއި އެކަމުގެ ފުރަތަމަ ދެލި ކޮޕީ ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ.

އަޅުގަނޑުމެން ގަބޫލުކުރަނީ މިކަހަލަ ކޮންމެ ކަރުދާހެއް ތައްޔާރުކުރާއިރު ވެސް، މިކަމުގެ ހިއްސާދާރެއް ނުވަތަ ސްޓޭކް ހޯލްޑަރުންނާ އެކީގައި މަޝްވަރާކުރެވި، އެބޭފުޅުންގެ އިންޕުޓް ވެސް މިއަށް ގެންނަން ޖެހޭނެ ކަމަށް، އެގޮތުން، މިކަމާ ބެހޭ ފުރަތަމަ މަޝްވަރާ މިއަންނަ ހަފުތާ ތެރޭ ކުރާނަންސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމީ މިމަހުގެ އެއްވަނަ ދުވަހެވެ.

އެ ނިންމުމާ އެއްކޮށް، ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުޙައްމަދު ކުރިން ވިދާޅުވީ، މި ކަމާ ގުޅިގެން ސަރުކާރުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށާއި އެރަށުގެ ދެބައިކުޅަ އެއްބައި ރައްޔިތުން އެ ކަމަށް ނުރުހޭ ކަމަށެވެ.

https://sun.mv/202091

ހަނިމާދޫގެ ބައެއް ރައްޔިތުން މިކަމާ ނުރުހޭ ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ، އެ ރަށުގައި އޮންނަ އިޖުތިމާއީ އަޚުލާގީ މިންގަނޑަށް އަސަރުކޮށް އަމާންކަމަށް ނޭދެވޭ އަސަރުކޮށްފާނެތީއެވެ.

ހިރިމަރަދޫގެ އާބާދީއަކީ 589 އެވެ. އެހެންނަމަވެސް، އެ ރަށު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ރަށް ދޫކޮށް ހިޖުރަކޮށްފައެވެ. އެހެންވެ، މިހާރު އެ ރަށުގައި އުޅެނީ 200 އެއްހާ މީހުންނެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ހަނިމާދޫގެ އާބާދީ 2,645 އަށް އަރައެވެ.

comment ކޮމެންޓް