ސްޕެނިޝް ލީގްގައި މިރޭ އެލްޗޭ ބަލިކޮށް ވަގުތީގޮތުން ލަލީގާ ޕޮއިންޓް ތާވަލްގެ އެއްވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑު ކޭމްޕް ނޯގައި ކުޅުނު މިމެޗު، އެލްޗޭގެ މައްޗަށް އެޓީމު ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބާސެލޯނާއަށް ގޯލް ހުޅުވާލަދިނީ 34 ވަނަ މިނެޓް ތެރޭގައި ރޮބާޓް ލެވަންޑޮސްކީއެވެ. ބާސެލޯނާއިން މޮޅަށް ކުޅުނު މިމެޗުގެ ދެވަނަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ލީޑް ފުޅާކޮށްދިނީ މެމްފިސް ޑިޕޭ އެވެ.
ފުރަތަމަ ހާފުގެ 14 ވަނަ މިނެޓްތެރޭގައި އެލްޗޭގެ ކެޕްޓަން ގޮންޒާލޯ ވޭދޫއަށް ދެއްކި ރަތްކާޑާ ގުޅިގެން މެޗުގެ ބޮޑު ބައި އެލްޗޭ ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މެޗުގައި ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ، ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ލެވަންޑޮސްކީއެވެ މި ލަނޑާއެކު މި ސީޒަނުގައި ލެވަންޑޮސްކީ ވަނީ ބާސެލޯނާއަށް ކުޅެދިން އަށް މެޗުގައި 11 ގޯލް ކާމިޔާބުކޮށްފައެވެ.
މެޗަށްފަހު ލަލީގާ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނައިގައި ބާސެލޯނާ އުޅެނީ ކުޅުނު ހަ މެޗުން 16 ޕޮއިންޓް ލިބިގެންނެވެ. ފަސް މެޗުން ލިބުނު 15 ޕޮއިންޓާއެކު ރެއާލް މެޑްރިޑް ތާވަލްގެ އެއްވަނައިގައި އުޅޭއިރު، މާދަމާ ރޭ އެތްލެޓިކޯ އާ ދެކޮޅަށް ނިކުންނަ މެޗުން ރެއާލް މޮޅުވެއްޖެ ނަމަ އަނެއްކާވެސް އެޓީމަށް ތާވަލްގެ އެއްވަނަ ލިބޭނެއެވެ.
ލަލީގާގައި މިރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، މަޔޯކާ އާއި އަލްމޭރާ ބައްދަލުކުރިމެޗް 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މަޔޯކާއެވެ. ވެލެންސިއާ އާއި ސެލްތަ ވީގޯ ބައްދަލުކުރިމެޗް ވެލެންސިއާ ކާމިޔާބުކުރީ 0-3 ކުންނެވެ. އެތްލެޓިކް ބިލްބާއޯ އާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެތްލެޓިކް ބިލްބާއޯއެވެ.