ކިތަންމެ ވަރަކަށް ކިޔެވިޔަސް އަޚްލާޤެއް ނެތްނަމަ ކިޔެވި އެއްޗެއްގެ ބޭނުމެއް ނެތް: ސިޔާމް

ބަނޑިދޫ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި ސިޔާމް ވާހަކަ ދައްކަވަނީ --- ފޮޓޯ/ ވަގުތު

ކިތަންމެ ވަރަކަށް ކިޔެވި ނަމަވެސް އެމީހެއްގެ ކިބައިގައި ރަނގަޅު ހެޔޮލަފާ އަޚްލާޤެއް ނެތްނަމަ އެ ކިޔެވި އެއްޗެއްގެ ބޭނުމެއް ނެތް ކަމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ދ. ބަނޑިދޫ ސްކޫލްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ސިޔާމް ވަނީ ކާމިޔާބު ހޯދި ދަރިވަރިންނަށް ޝުކުރު ދަންނަވާފައެވެ. އަދި މިފަހަރު ކާމިޔާބު ނުލިބުނު ދަރިވަރުންނަށް ހިއްވަރު ދެއްވައި އުންމީދު ކަނޑާނުލުމަށް ނަސޭހަތްތެރިވެދެއްވިއެވެ.

އެގޮތުން ގަދައަޅައި މަސައްކަތްކޮށްފި ނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބު ވާނެ ކަމަށް ވިދާޅުވެ އޭނާގެ އަމިއްލަ ތަޖުރިބާ ދަރިވަރުންނާ ހިއްސާ ކުރެއްވިއެވެ.

"އަޅުގަނޑު ކުރަން ދިމާކުރި ކޮންމެ ކަމެއް ކާމިޔާބުވޭ ﷲ ރަހްމަތްފުޅާ ވާގިފުޅުން. އެ ކާމިޔާބުވުމުގެ އެންމެ ބޮޑު ހަގީގަތަކީ މަސައްކަތް ކުރުން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ގަދައަޅައި މަސައްކަތްކުރުމަށްފަހު އޮތީ ﷲގެ ހަޒްރަތަށް ދުއާ ދަންނަވައި އަޅުކަންތައް ކުރުމުގައި ދެމިހުރުން ކަމަށެވެ. އެމަގުން މަސައްކަތް ކުރުމަށް ސިޔާމް ދަރިވަރުންނަށް ނަސޭހަތްތެރިވެދެއްވިއެވެ.

2019 ވަނަ އަހަރު ބަނޑިދޫ ސްކޫލުން ހުރިހާގޮތަކުން އެއްވަނަ ހޯދީ މުނީޒާ މުހައްމަދަށް ސިޔާމް އިނާމު ދެއްވަނީ --- ފޮޓޯ/ ވަގުތު

"ތައުލީމަކީ ސްކޫލުން ކިޔަވާ އެއްޗެއް. ކުދިންގެ ސިކުނޑި ހޭނުމަށްޓަކައި ތައުލީމް ބޭނުންވޭ. އަޅުގަނޑުމެންގެ އެންމެ މުހިންމު އެއްޗަކީ އަޚްލާގް،"

ތައުލީމެއް ލިބި ކިތަންމެ ވަރަކަށް ކިޔެވި ނަމަވެސް އެމީހެއްގެ އަޚްލާގެއް ނެތް ނަމަ އެ އުނގެނުނު ތައުލީމްގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ސިޔާމް ވިދާޅުވިއެވެ. އެގޮތުން ތައުލީމަކީ ދިރިއުޅުމުގެ 40 އިންސައްތަ ކަމަށާއި އަޚްލާގަކީ 60 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ މީހާގެ އިލްމާއި އަޚްލާޤާ ދޭތި އެކުވާން ޖެހޭ. ލިބިފަ ހުރި ތައުލީމެއް ވެސް ވިދާލާ ބަބުޅައިގެންދާނީ އެ މީހެއްގެ އަޚްލާގު ހުންނަ ގޮތަކުން،" ސިޔާމް ވިދާޅުވިއެވެ.

ދުނިޔެ ތަރައްގީ ވެފައިވާ ޒަމާނެއްގައި ވެސް ޓީޗަރުންނަކީ މުހިންމު ބައެއްކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ މަންމައަށް ދޭ ލޯތްބާއި ބައްޕައަށް ބަހައްޓާ ގަދަރަކީ އެ މީހަކު ކާމިޔާބީގެ އައްސޭރިއަކަށް ދިއުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އިންޓަނެޓާއި ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން އަޅުގަނޑުމެން ހެޔޮގޮތުގައި ހިފަން އެބަޖެހޭ. އެންމެ ހެޔޮގޮތުގައި ކުރެވޭނީ އަޅުގަނޑުމެނަށް އޭގެ ތައުލީމް އުނގަންނައިދޭނެ ރަނގަޅު ތަރުބިއްޔަތެއް ދޭނެ ޓީޗަރުންތަކެއް އަޅުގަނޑުމެނަށް ލިބިގެން،" ސިޔާމް ވިދާޅުވިއެވެ.

އިންސާނުންނަކީ ވަރަށް އަވަހަށް ހަނދާން ނެތޭ ބައެއްކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ ކިޔަވާ ކުދިން އެކުދިންގެ ސިކުނޑިއަށް ގެންނަ ތަކެއްޗަކީ އަޅުގަނޑުމެންގެ މައިންބަފައިންގެ ލޮލަށް ފިނިކަން ގެނެސްދޭނެ އެއްޗަކަން ވާންޖެހޭނެ ކަމަށެވެ. އެހެން ނޫންނަމަ އެ ދަރިންގެ ފަރާތުން ލިބެންޖެހޭ ލޮލުގެ ފިނިކަން ލިބެމުން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިއަދު މަގުމަތިން އެބަފެނޭ ވަރަށް ވިޔާނުދާކޮށް އުޅޭ ކުދިން. މަގުމަތީގަ ހަމައެކި ގޮތް ގޮތަށް އުޅެމުންދާ ކުދިން އެބަފެނޭ. އޭގެ ތެރޭގައި ނުރައްކާތެރި ޑްރަގް ބޭނުންކުރާ ކުދިން މާލޭގެ މަގުމަތިން އެބަ ފެނޭ،"

ނަމަވެސް ބަނޑިދޫގެ މުޖުމަތު ތެރޭގައި ޑްރަގް ވަބާ ފެތުރިފައި ނެތްކަން ސިޔާމް ވަނީ އުފަލާ އެކު ފާހަގަކުރައްވާފައެވެ. އެކަމަށްޓަކައި ސިޔާމް ވަނީ އެ ރަށުގެ ކައުންސިލާއި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ. އަދި ޅަ ކުދިން އެ ވާބާގައި ޖެހުނަ ނުދިނުމަށް މީގެ ކުރިން މަސައްކަތް ކުރިގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް އޭނާ ވަނީ އެ ރަށުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

comment ކޮމެންޓް