ކަޒަކިސްތާނަށް ދަތުރުކުރާ ދިވެހީންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަދައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކަޒަކިސްތާނުން ދިވެހީންނަށް އޮންއެރައިވަލް ވިސާ ދޭން ފެށީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
އެގޮތަށް އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހެދީ މިދިޔަ މެއި މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން 30 ދުވަހަށް އޮން އެރައިވަލް ވިސާ ލިބުނު ނަމަވެސް އެއަށް ވުރެ ދިގު މުއްދަތަކަށް މަޑުކުރާނަމަ ނުވަތަ ތައުލީމީ ނުވަތަ މެޑިކަލް ނުވަތަ ވިޔަފާރި ބޭނުމެއްގައި ދަތުރުކުރާ ނަމަ، ފުރުމުގެ ކުރިން ދުރާލާ ވިސާ ހޯދަން ޖެހެއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ވިސާއަށް ލުއި ދިނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ހާމަކޮށްދޭ ކަމެކެވެ.
ރާއްޖެއަކީ ގިނަ ގައުމުތަކަކުން މިހާރު ވެސް އޮން އެރައިވަލް ވިސާ ދެމުން އަންނަ ގައުމެކެވެ.