އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ޕީޕީއެމަށް ސޮއިކޮށްފި

އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އެމްޑީޕީ މެމްބަރު އަހްމަދު ނިޔާޒް، ޕީޕީއެމްއާ ގުޅުމަށްފަހު، ރައީސް ޔާމީންއާ ފޯމް ހަވާލުކުރައްވަނީ --

އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުރި އެމްޑީޕީ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނިޔާޒް، އިދިކޮޅު ޕީޕީއެމަށް ސޮއިކޮށްފިއެވެ.

އޭނާ ޕީޕީއެމަށް ސޮއި ކުރި ފޯމް، މިހާރު ވަނީ ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅަށް އަރުވާފައެވެ.

ޕީޕީއެމަށް ސޮއިކުރުމަށްފަހު، "ސަން"އާ ވާހަކަ ދައްކަވަމުން ނިޔާޒް ބުނީ އެމްޑީޕީން ވަކިވާން ނިންމި ސަބަބުތަކުގެ ތެރޭގައި ވައުދުތައް ނުފުއްދި، މަރުތަކަށް އިންސާފު ނުހޯދި، ރަސޫލާއަށް ފުރައްސާކޮށް ދީނަށް ހަޖޫ ޖަހާ މީހުންގެ ހިމާޔަތުގައި ސަރުކާރުން މަސައްކަތްކުރުން ހިމެނޭ ކަމަށެވެ.

"ޕީޕީއެމްއާ ގުޅުނީ ސަރުކާރުގެ ވައުދުތައް ނުފުއްދޭތީ. މަރު ތަކަށް އިންސާފު ނުލިބޭތީ. އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދާނަމޭ ބުނެފައި އެކަން ވެސް ކުރެވުނީކީ ނޫން. ވަކި މީހަކަށް ދައުވާ ކޮށްފައި، ދެން ތިބި މީހުން ސަރުކާރުގައި ތިބެގެން އަދިވެސް ވައްކަން ކުރަނީ،" ނިޔާޒް ބުންޏެވެ.

"ރައީސް އޮފީހުން ގުޅާފައި މިއަދު ބުނީ އަމިއްލައަށް ވަޒީފާއިން ވަކިވާން. އަޅުގަނޑު ބުނީ އަމިއްލައަށް ނުކެނޑޭނަމޭ. ތި ކޮޅުން ސިޓީ ފޮނުވާށޭ،"

ނިޔާޒު ޕީޕީއެމަށް ސޮއި ކުރުމުން މިހާރު ހުރި މަގާމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން އޭނާއަށް މިހާރު ވަނީ އަންގާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ނިޔާޒަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ ގާނޫނޫ އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން ނިޔާޒު ވަކިކުރައްވާފައިވާ ވާހަކަ ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ.

comment ކޮމެންޓް