ޝަރީއަތް ނިމެންދެން ޖަލަށްލާފައި ހުރި މީހަކު މަރުވެއްޖެ

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ވަނިކޮށް މިއަދު މަރުވީ މ. މުލި ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދު،43، ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ މުޙައްމަދު ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދުމީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސިޕީއާރްދިން ކަމަށެވެ.

ސީޕީއާރްއަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ 17:26 ހާއިރު އޭނާ މަރުވި ކަމަށް ކަނޑައަޅާފައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މުޙައްމަދު ނަޝީދަކީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

"މުޙައްމަދު ނަޝީދު ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ،" ކަރެކްޝަންސް އިން ބުންޏެވެ.

comment ކޮމެންޓް