އެއްވެސް ފަރުދަކު ގާނޫނަށްވުރެ މަތީގައި ހުރުމުގެ ފުރުސަތު ދެވިގެން ނުވާނެ: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޑިމޮކްރެސީގެ އެންމެ މުހިއްމު އެއް އަސާސަކީ ގާނޫނީ ވެރިކަމާއި އިންސާނީ ހައްގުތައްކަމުގައި ވީހިނދު، ޑިމޮކްރެޓިކް ދައުލަތެއްގައި އެއްވެސް ފަރުދަކު ގާނޫނަށްވުރެ މަތީގައި ހުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބެއްގައި ސިޔާމް ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހުރިހާ ފަރުދުން ވެސް ހަމަހަމަ ވާންވާނެ ކަމަށެވެ. ހަމައެއާއެކު، ރައްޔިތުންނަށް ލިބިދޭންޖެހޭ އިންސާނީ ހައްގުތައް އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ލިބިދެވޭނެ މަގު ފަހިކުރުމަކީ ސަރުކާރުގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ރައްޔިތުން ވެސް ރާއްޖޭގެ ޑިމޮކްރެސީ، ހަރުދަނާކޮށް ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރުމެވެ. މާތްﷲ އަޅުގަނޑުމެން އެންމެންނަކީ ވެސް އިންސާފާއި ހަމަހަމަ ކަމަށް ލޯބިކުރާ ބަޔަކު ކަމުގައި ލަހައްޓަވައި ދިވެހި ގައުމަށް އުފާ ފާގަތިކަން ތާއަބަދަށް މިންވަރު ކުރައްވާށި. އާމީން!،" ސިޔާމް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

comment ކޮމެންޓް