ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން ދިފާއުން ހުށަހެޅި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމް, ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ހިފުމުގެ ތިން ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެކެވެ.
އެ ދައުވާތައް ނިހާންގެ މައްޗަށް އުފުލާފައި ވަނީ, މަޖިލީހުގެ މެމްބަރު ކަމުގައި އަދި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަމުގައި ހުންނެވިއިރު އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ ބަދަލުގައި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްގަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދީބު ދިން ރިޝްވަތުގައި ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގުން ހާމަވުމުންނެވެ.
ދިފާއީ ހެކިންގެ ގޮތުގައި ނިހާން ވަނީ ގިނަ ބަޔަކު ހުށަހަޅާފައެވެ. އޭގެ ތެރޭގައި ރައީސް ޞާލިހާއި ފައިސަލް ނަސީމްގެ އިތުރުން މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންގެ އަދި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމް ވެސް ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ހެކިވެރިން ބަލައި ނުގަތުމަށް ދައުލަތުން ވަނީ އެދިފައެވެ.
ރައީސް އާއި ނައިބު ރައީސް ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ އޮޑިޓް ރިޕޯޓްތަކާ ގުޅިގެންނެވެ. ދައުލަތުން އެދުނު ގޮތަށް ރައީސް އާއި ނައިބު ރައީސް ހެކިންގެ ގޮތުގައި ބަލައި ނުގަތުމަށް ގާޒީ އަލީ އާދަމް ނިންމެވީ, އެ މައްސަލައާ ގުޅުން ހުރި ދެ ބޭފުޅުންނަށް ނުވާތީއެވެ.
ނިހާންގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ޕީޖީ ޝަމީމް ހިމެނޭއިރު, މިއީ ދިފާއީ ހެއްކެއްގެ ގޮތުގައި ޕީޖީއަކު ކްރިމިނަލް ކޯޓަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އަދީބުގެ ވަކީލެއްގެ ހައިސިއްޔަތުން މީގެ ކުރިން ދައްކާފައިވާ ވާހަކަތަކާ ގުޅިގެންނެވެ. ދިފާއީ ހެއްކެއްގެ ގޮތުގައި ޝަމީމްގެ ނަން ބަލައި ނުގަތުމަށް ޕީޖީން އެދުނު ނަމަވެސް އެކަމަށް އެކަށީގެންވާ ސަބަބެއް ދެއްކިފައި ނުވާކަމަށް ގާޒީ ވިދާޅުވިއެވެ.
ދިފާއީ ހެކިންގެ ގޮތުގައި ދެން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަދި ޔޫތް މިނިސްޓަރު އަޙްމަދު މަހްލޫފާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނެވެ. ހެކިންގެ ގޮތުގައި އެ ބޭފުޅުން ބަލައި ގަތުމަށް ގާޒީ ވަނީ ނިންމާފައެވެ.