ފެނުގެ ނިޒާމް ގާއިމު ކުރުމުން ނޮޅިވަރަންފަރާ ދިމާލަށް ތަރައްގީ މިސްރާބު ޖަހައިފި: މިނިސްޓަރު ހުސައިން

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި އެންވަޔަރަމަންޓް މިނިސްޓަރު ޝައުނާ

ހދ. ނޮޅިވަންފަރުގައި ފެނުގެ ނިޒާމު ގާއިމްކޮށް އެ ޚިދުމަތް މިއަދު ރަސްމީކޮށް ދޭން ފެށުމުން ފެނުގެ ނިޒާމް ގާއިމު ކުރުމުން ނޮޅިވަރަންފަރާ ދިމާލަށް ތަރައްގީ މިސްރާބު ޖަހައިފިކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

އެ ޚިދުމަތް ރަސްމީކޮށް ދޭން ފެށުމަށް ނޮޅިވަރަންފަރުގައި ބޭއްވި ރައްމިއްޔާތު ޝަރަފްވެރިކޮށްދިނީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ. އެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ބައިވެރިވެވަޑައިގަތެވެ.

ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމު ހިންގުމާ ހަވާލުވަނީ ފެނަކައިންނެވެ. މިއީ 36 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މިއަދު ނޮޅިވަރަންފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މިއީ ނޮޅިވަރަންފަރު ރައްޔިތުންނަށް ލިބުނު ނިއުމަތެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމެއް ގާއިމްވުމުން އެ ރަށުން ތަރައްގީގެ ކުލަވަރު ފެންނާނެކަމަށެވެ. އަދި މިހާރު ޓުއަރިޒަމް ވެސް އެ ރަށުގައި ފެށޭނެކަމަށް ވިދާޅުވިއެވެ.

"މިހާރު މިރަށުގެ ރައްޔިތުންނަށް މި ވަނީ ތަންމިނަށް އެ ފުރުސަތު ހުޅުވިފަ ތަރައްގީ މިރަށާ ދިމާލަށް މި ވަނީ މިސްރާބު ޖަހާފަ" ޑރ. ހުސައިން ރަޝީދު ވިދާޅުވިއެވެ.

ނޮޅިވަރަންފަރު ފެނުގެ ނިޒާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުން

އޭނާ ވިދާޅުވީ ދުނިޔޭގެ ނިސްބަތުގައި ވޭތުވެދިޔަ 100 އަހަރަށް ބަލާއިރު ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވެފަ ވަނީ ސާފު ބޯފެން ނުލިބުމުގެ ސަބަބުންކަމަށެވެ. ތަޣައްޔަރު ވެފައިވާ ފެން ބުއިމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ވެސް ގިނަ ބަޔަކު ދުނިޔޭގައި މަރުވެފައިވާ ކަމަށް ޑރ. ހުސައިން ވިދާޅުވިއެވެ.

އެހެންކަމުން ސާފު ބޯފެނުގެ ނިޒާމެއް ގާއިމްކޮށް އެ ޚިދުމަތް ދޭން ފެށުމުން ދެ ކަމަކަށް ސަމާލުވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. އެއީ ފެން އިސްރާފު ނުކުރުމަށާއި ފުޅީގައި ބަންދުކުރި ފެނުގެ ބަދަލުގައި އިސްކުރުފެން ބުއިމަށެވެ.

ޑރ. ހުސައިން ވިދާޅުވީ ފެނަކީ ވަރަށް އަގުބޮޑު ނިއުމަތެއްކަމަށެވެ. ނަމަވެސް ހެޔޮ އަގެއްގައި ފެން ގަންނަން ލިބުމުން ގިނަ ބަޔަކަށް މި ނިއުމަތުގެ އަގު ވަޒަން ނުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ލާރީގެ ގޮތުން ކުޑަ އަގެއް ދައްކަން ޖެހުނަސް ފެނަކީ އަގު ހުރި އެއްޗެއް. ހަށިގަނޑުގެ 60 ޕަސަންޓަކީ ފެން. އެއާ ނުލާ ނޫޅެވޭނެ،" އޭނާ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ޝައުނާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތަކަށް ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މި ނިޒާމް ރަނގަޅަށް މެއިންޓެއިން ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އެގޮތުން ފެނުގެ ނިޒާމު މެއިންޓެއިން ކުރުމަށް މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެން މި ހިންގާ ކޯސްތަކުގަ މި ރަށުގެ ޒުވާނުން ބައިވެރިވެ ފެނަކަ އާ ގުޅުން،" އޭނާ ވިދާޅުވިއެވެ.

ހދ. ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް އިފްތިތާހު ކޮށްދެއްވަނީ

މިނިސްޓަރު ޝައުނާ ވިދަޅުވީ ރާއްޖޭގައި އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލައަކީ ކުނި މެނޭޖްކުރުމުގެ މައްސަލަ ކަމަށެވެ. އެހެންކަމުން މިއަދު ނޮޅިވަރަންފަރުގައި ދޭންފެށި ޚިދުމަތާއެކު ރައްޔިތުން އިސްކުރުފެން ބޯންފެށުމުން ބަންދުކޮސްފައިވާ ފެނަށް ބަރޯސާވެ ޕްލާސްޓިކު ފުޅި ކުނީގެ ގޮތުގައި އުފެދޭ މިންވަރު މަދުވާނެކަމަށް އުންމީދު ކުރަށްވާކަމަށް ޝައުނާ ވިދާޅުވިއެވެ.

މި މަޝްރޫއާ ފެނަކައިން ހަވާލުވެ އެ ރަށުގައި ޚިދުމަތް ދޭން ފެށުމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު "ސަން"އަށް ވިދާޅުވީ މިއީ 36 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ. އަދި ސަރުކާރުން ފެނުގެ ނިޒާމް ގާއިމްކުރުމަށް ފަހު ފެނަކައާ ހަވާލުކުރުމުން ރައްޔިތުންނަސް އެންމެ ފަސޭހަވާނެ ގޮތަށް މި ޚިދުމަތް ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް