ވަގުތީ ގޮތުން މައްސަލަ ހައްލުކުރިޔަސް، ރޯދަމަހުގެ ބާކީ ބައިގައި ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަގީންކަމެއް ނެތް: ނިޒާރު

ނިޒާރު: ވަގުތީ ގޮތުން މައްސަލަ ހައްލުކުރިޔަސް، ރޯދަމަހުގެ ބާކީ ބައިގައި ވެސް ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ވިދާޅުވި ---- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އިއްޔެ ކަރަންޓު ކެނޑުމަށް ފަހު މިހާރު މައްސަލަ ވަގުތީ ގޮތުން ހައްލުވެފައި އޮތް ނަމަވެސް، ރޯދަމަހުގެ ބާކީ އޮތް މުއްދަތުގައި ކަރަންޓު ނުކެނޑޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން އިއްޔެ 11:37ހާއިރު ކަރަންޓު ކެނޑިފައި އޮތުމަށް ފަހު، ކަރަންޓު އަނބުރާ ދީފައި ވަނީ ދެގަޑިއިރެއްހާ އިރު ފަހުންނެވެ. ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑުއަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

މިއަދު 'ސަން'އިން ސުވާލު ކުރުމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ވަގުތީގޮތުން ހައްލުވެފައި ވާކަމަށް ކަރަންޓު ފޯރުކޮށްދޭ ފެނަކައިން އިއްޔެ ބުނެފައި ވާކަމަށެވެ.

ނަމަވެސް މީގެ ކުރީންވެސް ދޭތެރެއަކުން ކަރަންޓު ކެނޑޭ ކަމަށާއި، ވަގުތީ ގޮތުން މައްސަލަ ހައްލުވެފައި ވާކަމަށް ބުނި ނަމަވެސް މި ރޯދަ މަހުގެ ކުރިއަށް އޮތްތަނުގައި ކަރަންޓު ނުކެނޑޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފެނަކައިން އިއްޔެ ބުނި، މިހާރު ވަގުތީގޮތުން މައްސަލަ ހައްލުވެފައޭ. ކުރިއަށް އޮތްތަނުގައި ކަރަންޓު ނުދާނެއެކޭ ނުބުނެވޭނެ، އެއްވެސް ގެރެންޓީއެއް، އެއްވެސް ޔަގީންކަމެއް ނެތް ކަރަންޓު ނުދާނެ ކަމަކަށް މި ރޯދަމަހު ކުރިއަށް މިއޮތް ދުވަސްތަކުގައި ވެސް
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

ރޯދަމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫގައި ކަރަންޓުގެ މައްސަލަ ހައްލުވާނޭތޯ ފެނަކައާ ސުވާލުކުރި ނަމަވެސް، މިހާތަނަށް ޖަވާބެއް ލިބިފައިނުވެއެވެ.

އައްޑޫ ސިޓީގެ ހިތަދޫ ފެނަކަ ބްރާންޗުން އިއްޔެ ބުނެފައިވާ ގޮތުގައި ކަރަންޓު ކެނޑުނީ ޕަވާ ހައުސް ޑައުންވެގެންނެވެ.

https://sun.mv/218169

ފާހަގަކުރެވޭ ގޮތުގައި، އައްޑޫއިން ކަރަންޓު ކެނޑުމަކީ ދޭތެރެއަކުން ދިމާވާ މައްސަލައެކެވެ. އެގޮތުން، މިދިޔަ ހަފުތާގައި ވެސް އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި، އަލުން ލިބުނީ ގަޑިއެއްހާއިރު ފަހުންނެވެ.

އައްޑުއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާރިޗު މަހުގެ 13ވަނަ ދުވަހު އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށް ފަހު، ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާރިޗު މަހުގެ 31ވަނަ ދުވަހުގައެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެ ސިޓީގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް، އެ ތަނުގެ މަސައްކަތް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.

comment ކޮމެންޓް