ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ ޖަލަށްލާފައިވާ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އަހުމަދު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފިއެވެ.
ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ސެޕްޓެންބަރު މަހު ފަހުކޮޅެވެ.
މިދިޔަ ސަރުކާރާ ދެކޮޅަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނުއިރު، އެންމެ ބޮޑެތި ތުހުމަތުތައް އަމާޒުވި އެއް ކުންފުންޏަކީ ފެނަކައެވެ. ކޮރަޕްޝަނާއި ހިންގުމުގެ ކަންކަން ބޮއްސުންލާފައިވާ ކަމަށް ތުހުމަތުކުރެވޭ ފެނަކައާ ގުޅޭ ގިނަ އަދަދެއްގެ މައްސަލަ އޮޑިޓް ރިޕޯޓުތަކުގައި ވެސް ފެންމަތިވެފައިވެއެވެ.
ކަރެކްޝަންސްއިން މިއަދު 'ސަން'އަށް ބުނީ، ސައީދުގެ ސިއްހީ ހާލަތު ހުރިގޮތުގެ ސަބަބުން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ އިއްޔެއެވެ. އެކަމަކު، އޭނާ ގޭބަންދަށް ބަދަލުކުރީ ކިހާ ދުވަހަކަށް ކަމެއް ސާފެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސައީދަކީ މީގެ ކުރިން ހާޓްއެޓޭކެއް ޖެހިގެން ވެސް ފަރުވާ ހޯއްދެވި ބޭފުޅެކެވެ. އަދި، ޖަލުގައި ހުންނަވާއިރު ހިތުގެ އާލާސްކަންފުޅަށް ފަރުވާ ނުހޯއްދެވޭކަމުގެ ކަންބޮޑުވުން އޭނާގެ އާއިލާއިން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.
ސައީދު ގެއަށް ބަދަލުކޮށްފައިވާއިރު، ކަލަންޑަރުގައި ވާގޮތުން މި ހަފުތާގެ ބުދަ ދުވަހަކީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހެވެ.
އޭނާގެ ފަރާތުން ވަނީ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގެންފައެވެ.
ފެނަކަ ސައީދުގެ މައްޗަށް ހުކުމްކުރީ އެއްވެސް މަސައްކަތެއް ނުކުރަނީސް ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި، ފައިސާ ދޫކުރި މައްސަލައިގައެވެ. މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
އެކަމަކު، ހަމަ އެ މައްސަލައިގައި ދައުވާކުރި ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ކުރިން ހުންނެވި މަރްޔަމް ދީނާ ޞާލިޙުގެ މައްސަލަ އަދިވެސް ނުނިމެއެވެ. ހުކުމާ ހަމައަށް އެއީ އެކުއެކީގައި ކުރިއަށްގެންދިޔަ ދެ މައްސަލައެވެ.
ސައީދަށް ތުހުމަތުވާ އިތުރު މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ. އެއީ، ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތްކުރި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ދައުވާއެވެ.
އައިސްޕްލާންޓް ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރު ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމައިފައިވަނީ އެ މަޝްރޫއަކީ ކުންފުންޏަށް ގެއްލުން ހުރި 'އިންޓާނަލް ރޭޓް އޮފް ރިޓާން' އަދި 'ނެޓް ޕްރެޒެންޓް ވެލިއު' ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުން ހުރި މަޝްރޫއެއްކަން ސައީދަށް އެނގިފައިވަނިކޮށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ވެސް ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ މައްސަލަ ވެސް ކޯޓުގައި މިހާރު އެބަ ހިނގައެވެ.