ތިން ޓެކްސްއެއްގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން ހާމަކުރަނީ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން މި މަހު ހާމަ ކުރާނެ ކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ އެގޮތަށް ހަމަޖެއްސީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން ކަމަށެވެ.

މީރާއިން ބުނި ގޮތުގައި ޓެކުހާއި ޓެކުހަށް ނުވާ އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އަހަރުގެ އެކި މަސްމަހުގައި ހާމަކުރަމުން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ އަދި އިންކަމް ޓެކްސް ނުދައްކައިވާ ފަރާތްތަކުގެ ނަން އަންނަ އޮކްޓޯބަރު މަހު ހާމަކުރާނެ ކަމަށްވެސް މީރާއިން ބުންޏެވެ.

މީރާއިން މީގެ ކުރިން ނެރުނު އިއުލާނެއްގައި، ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާކަމަށް ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސްނުކޮށް ޓެކްސް ދެއްކުމަށާއި ނުވަތަ މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް