މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލައިގައި ފިޔަވަޅު އެޅިން: އައިޖީއެމްއެޗް

ވިލިމާލެ ހޮސްޕިޓަލް: އެ ހޮސްޕިޓަލްގައި ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ޖެހި މައްސަލައެއް ވަނީ ފެންމަތިވެފައި -- ފޮޓޯ/ ވިލިމާލެ ހޮސްޕިޓަލް ފޭސްބުކް ޕޭޖް

ވިލިމާލެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލައިގައި އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންނަށް ފިޔަވަޅު އެޅިކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ވިލިމާލެ ހޮސްޕިޓަލުގައި ތުއްތު ކުދިންގެ ގަޔަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިނީ މިއަހަރުގެ މޭ މަހުގެ ތެރޭގައި ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"...މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ވަނީ ކަށަވަރު ކުރެވިފައެވެ،" އެ ބަޔާނުގައިވެއެވެ.

އޭރު އެކަން އެ ހޮސްޕިޓަލުގެ ސަމާލުކަމަށް އައުމުން ބަޔާނެއް ވެސް ނެރެފައި ވާނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"އަދި އެ މައްސަލައާ ގުޅުން ހުރި ތުއްތު ކުދިންގެ ބެލެނިވެރިންނަށް މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުން،" އެ ބަޔާނުގައިވެއެވެ.

އެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ދީފައިވާ ކުޑަކުއްޖެއްގެ އާއިލާއިން "ސަން"އާ ވާހަކަ ދައްކަމުން މިރޭ ބުނީ، ކުއްޖާއަށް މިހާރު އަށް މަސް ވެފައިވާ ކަމަށެވެ. އަދި ކުއްޖާއަށް ހަތަރު މަހުގައި ދިން ވެކްސިނަކީ މުއްދަތު ހަމަވެފައިވާ ވެކްސިނެއްކަން ހޮސްޕިޓަލުން އާއިލާއަށް އެންގީ މިއަދު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ހޮސްޕިޓަލުން ގުޅައި އެކަން އާއިލާއާ ހިއްސާކުރުމާއެކު އެކަން ހިނގިގޮތުގެ ތަފްސީލު ހޯދަން ހޮސްޕިޓަލަށް ދިޔުމުން އިތުރު މައުލޫމާތުތަކެއް ލިބުނު ކަމަށެވެ.

"އެމީހުންނާ ވާހަކަ ދައްކަމުން ގޮސް އެމީހުންނަށް ބުނެވުނީ އަހަރުމެނަށް އެނގުނޭ ދެވުނީ އެކްސްޕަޔާ ވެފައިހުރި ވެކްސިނެއްކަން އެކަމަކު އެވާހަކަ އެޗްޕީއޭއަށް އެންގުމުން އެޗްޕީއޭއިން ބުންޏޭ ތިވާހަކަ އަދި އެއްވެސް ގޮތަކަށް ނުދައްކާ މަޑުކުރަން،" އޭނާ ކިޔައިދިނެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިން ދެވުނު 20ވަރަކަށް ކުޑަކުދިން އެބަ ތިބިކަމަށް ވިލިމާލެ ހޮސްޕިޓަލުން ބުނިކަމަށް ވެސް އޭނާ ބުންޏެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިން ގަޔަށް ޖަހައިގެން މީގެ ކުރިން ވެސް ވިލިމާލެ ހޮސްޕިޓަލުން މުވައްޒަފުންތަކެއް ވަނީ ސަސްޕެންޑުކޮށްފައެވެ.

އައިޖީއެމްއެޗުން އެ މައްސަލައިގައި މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލާއި އެޗްޕީއޭއިން އެ މައްސަލަ ބަލަމުން ދާކަމަށެވެ.

އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނައީ ވިލިމާލޭ ދާއިރާގެ މެންބަރު އަޙުމަދު އުޝާމެވެ.

އުޝާމް އޭރު ކުރެއްވި ޓުވީޓެއްގައި ވަނީ ވިލިމާލޭ ހޮސްޕިޓަލުގައި ދުވަސް ހަމަވެފައިވާ ވެކްސިނެއް ކުޑަކުދިންތަކަކަށް ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން އޭނާއަށް ލިބިފައިވާ ކަމަށެވެ.

އުޝާމް ހިއްސާކުރެއްވި ފޮޓޯއިން ފެންނަ ފުޅީގައި ވެކްސިން އުފެއްދި ތާރީޚުގެ ގޮތުގައި އޮތީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. މުއްދަތު ހަމަވާ ތާރީޚަކަށް އޮތީ މި އަހަރުގެ ޖެނުއަރީ މަހެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ވެކްސިނެއްކަން އެ ފޮޓޯއިން ސާފެއް ނުވެއެވެ.

comment ކޮމެންޓް