ގަރާޖު ސިޓީގެ ނަމުގައި "ޓަކަނީ", އުވާލަން ސަރުކާރު މެންބަރުން ދެކޮޅު

މެމްބަރު ނަޝީދު: ގަރާޖު ސިޓީ އުވާލުމަށް މީގެ ކުރިން ވެސް އެނޭ ހުށަހެޅުއްވި ----

ހަތަރު ފުރޮޅުލީ ވެހިކަލް ރަޖިސްޓްރީ ކުރުމަށް ގަރާޖު ސިޓީގެ ނަމުގައި ހިންގަމުން ދަނީ ޓެކުމުގެ އަމަލެއްކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި ނަމަވެސް ގަރާޖު ސިޓީ އުވާލައި ހައްދެއް ނެތް ގޮތަށް މާލެއަށް ވެހިކަލް އެތެރެކުރަން ސަރުކާރު މެންބަރުން ދެކޮޅުކަން ހާމަކޮށްފިއެވެ.

މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމަށް ގަރާޖު ސިޓީއެއް ބޭނުން ނުވާ ގޮތަށް ހަމަޖެއްސުމަށް، އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނަށް މިއަދު އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ)އެވެ.

"އަޅުގަނޑު މި އިސްލާހުު ހުށަހެޅީމަ މޭކަރާ ވަރަށް ގިނަ މީހުން މިތާ ތިބޭނެ. ގަރާޖު ސިޓީ ވިއްކައިގެން ކައިބޮއި ހަދާ ބަޔަކު އެބަތިބި ދިވެހިރާއްޖޭގައި," މެމްބަރު ނަޝީދު ވިދާޅުވިއެވެ.

ގަރާޖުގެ ގޮތުގައި ގެތަކުގެ ކޮޓަރި ރަޖިސްޓްރީކޮށްފައި ހުރިކަން ފާހަގަކޮށް މެމްބަރު ނަޝީދު ވިދާޅުވީ އެއް ގެއަށް 1779 ކާރު ރެޖިސްޓްރީކޮށްދީފައި އެބަހުރި ކަމަށެވެ.

"މަގުތައް ފުރުނީ ތިބުނާ ގަރާޖު ސިޓީއެއް އޮވެގެން. ހައްލެއް ނުވި އެއް ނޫންތޯ. އޭގެ މާނައަކީ ދެން ކާރު ގެންނަން ބޭނުންވާ މީހާ އަނެއްކާ ވެސް ހުންނަންވީހޭ އިންތިޒާރެއްގައި. މިއަށް ހައްލެއް ނުހޯދުނީ ސަރުކާރުގެ ދޯހަޅި ކަމުން. މި ސަރުކާރެއް އެ ސަރުކާރެއް ކިޔާނެ ކަމެއް ނެތް," ނަޝީދު ވިދާޅުވިއެވެ.

ގަރާޖު ސިޓީއާ ނުލައި މާލެއަށް ކާރު އެތެރެނުކުރެވޭ ގޮތަށް އޮތުމަކީ ޖޯކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. އެކަން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މޮސްޓާގެ އިސްލާހަށް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވެސް ވަނީ ގަރާޖު ސިޓީ ހުށަހަޅަން މަޖުބޫރު ކުރުމަކީ ޓެކުން ކަމަށް ސިފަ ކުރައްވައިފައެވެ.

"ވެހިކަލް އެތެރެކޮށް ހުރިހާ ސެޓްފިކެޓެއް ހިފައިގެން ދިޔައީމަ މި ބުނަނީ ކޮބާހޭ ގަރާޖު. ގަރާޖު ނެތި ރަޖިސްޓްރީއެއް ނުކުރެވޭނެއޭ. އެހެންވެއްޖެ ނަމަ ސަރުކާރުން އެ ޓަކައިގަންނަނީ. އެއީ ޓެކުމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ," ގާސިމް ވިދާޅުވިއެވެ.

އެ ބިލަށް ފުރަތަމަ ވާހަކަ ދެއްކެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ވެސް ވިދާޅުވީ ހަމަ އެގޮތަށެވެ. ގަރާޖު ސިޓީގެ ނަމުގައި ރައްޔިތުން އަތުން ބަޔަކު ފައިސާ ޓެކެމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިފެހެއްޓުމެއްނެތި މާލެއަށް ވެހިކަލް އެތެރެކުރުމުގެ ހުއްދަ ދެވިގެން ނުވާނެކަން ފާހަގަކޮށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ, ވަކި އުސޫލެއްގެ ދަށުން ނިޒާމް އިސްލާހު ކުރުމަށް ސަރުކާރުން މި ގާނޫނަށް އިސްލާހު ހުށަހަޅައިފި ނަމަ ތާއީދު ކުރައްވާނެ ކަމަށެވެ.

"ހިފެހެއްޓުމެއްނެތި އެ މީހަކު ހިތަށް އެރިވަރަކަށް އެތެރެކޮށްގެން ކިހިނެތް މާލޭގެ މަގުމަތީގައި ދުއްވާނީ. ބާއްވާނެ ތަނެއް ނެތް. ގަރާޖު ކުރާނެ ތަނެއް ނެތް. ޕާކް ކުރާނެ ތަނެއް ނެތް. މި ހާލަތު އިތުރަށް ގޯސްކުރުމަށްޓަކައި މިތަނަށް ބިލެއް ހުށަހަޅައިގެން ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން އެކަން އަޅުގަނޑު ކުށްވެރިކުރަން," އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިން ހަމަ މި ބިލް މަޖިލީހުން ބޭރުކޮށްލާފައިވާކަން ފާހަގަކޮށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ އަލުން ބިލް ހުށަހަޅާފައި އޮތީ ހަމަ ކުރިން އޮތް ގޮތަށް ކަމަށެވެ. ނަމަވެސް އެޖެންޑާގައި އޮތް މައްސަލައަކީ ހައްލެއް ބޭނުންވާ ކަމެއް ކަމަށް އޭނާ ވެސް ގަބޫލު ކުރައްވައެވެ.

"ގޯސް ކަމެއް ހުއްޓުވަން ވެއްޖެ ނަމަ މަދުކުރަން ވެއްޖެ ނަމަ އަޅުގަނޑުމެން ހޯދަން ޖެހޭނެ ހައްލަކީ އެއަށްވުރެން ރަނގަޅު ގޮތް ރައްޔިތުންނަށް ދައްކާފައި އެމަގުން އަމަލުކުރާށޭ އެމަކުން ކަން ކުރާށޭ ބުނަން އަޅުގަނޑުމެން ޖެހޭނީ. ގަދަކަމުން އޮބިއަޅައިގެން ކަންކަން ހައްލުކުރަން ވެއްޖެ ނަމަ ގިނަ ފަހަރަށް ނަތީޖާއަކަށް ވެގެން ދާނީ ކޮރަޕްޝަނަށް ކޮންމެވެސް މަގެއް ހުޅުވިގެން ދިއުން," ޝިފާއު ވިދާޅުވިއެވެ.

ގަދަކަމުން ވެހިކަލް ރަޖިސްޓްރީ ކުރުމަށް ގަރާޖު ސިޓީ ހޯދަން ޖެހުމުން އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިގެން ދަނީކަން ފާހަގަކޮށް ޝިފާއު ވިދާޅުވީ ކޯޓާއެއް ކަނޑައަޅައި ވެހިކަލް އެތެރެކުރުން މަނާ ކުރުމުން އެ އޮންނަ ކޯޓާ ހޯދުމަށް ބޮޑު އަގު ހުށަހަޅަން ޖެހޭ ކަމަށެވެ.

"މި ގަރާޖު ސިޓީއަކީ ހަގީގަތުގައި ސޮލިއުޝަނެއް ނޫން. މި ނޫން ގޮތެއް އެބަޖެހޭ ހޯދަން," މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ވިދާޅުވިއެވެ.

އެހެން ނަމަވެސް ގަރާޖު ސިޓީއެއްކޮށް އުވާލާފައި ހައްދެއް ނެތް ގޮތަށް ވެހިކަލް އެތެރެކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް ހައިތަމް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މޮސްޓާ އެ އިސްލާހު މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް އެ ބިލް މަޖިލީހަށް ބަލައިގަތުމަށް އޭރު ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ދެކޮޅަށް 43 މެންބަރުން ވޯޓު ދީގެން އެ ބިލް މަޖިލީހުން ބޭރުކޮށްލިއެވެ.

comment ކޮމެންޓް